ކުޅިވަރު

ކޮމްޕެނީ ޓޭޕްބޯލް: ފްރެންޑްސް މޯލްޑިވްސް، އަހިންޝަކާ، އެސްޓީއޯ އަދި ފަތަހަ ސެމީއަށް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ފަހު މުބާރާތް ކަމަށްވާ ކޮމްޕެނީ ޓޭޕްބޯލްގެ ސެމީ ފައިނަލަށް ޓީމުތައް ދަތުރުކޮށްފިއެވެ.

ތިން ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތުގެ ސެމީއަށް ދަތުރުކުރީ ކޮންމެ ގްރޫޕަކުންވެސް އެންމެ މޮޅު ޓީމުގެ އިތުރުން، ހަތަރުވަނައަށް އެންމެ ގިނަ ޕޮއިންޓް ހޯދި ޓީމެކެވެ. އެގޮތުން ސެމީގެ ޖާގަތައް ކަށަވަރުކޮށްފައިވަނީ ގްރޫޕް އޭއިން ފްރެންޑްސް މޯލްޑިވްސް އާއި ގްރޫޕް ބީން ލޮޓެމް ޝިޕިން (އަހިންޝަކާ) ގެ އިތުރުން ގްރޫޕް ސީން އެސްޓީއޯ ރެކްރިއޭޝަން ކުލަބާއި، ފަތަހަ ސްޓާސްއެވެ.

ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ހަވީރު ވަނީ ގްރޫޕް ސީގެ ފަހު މެޗުތައް ކުޅެފައެވެ. އެގޮތުން ފުރަތަމަ މެޗުން ފަތަހަ ސްޓާސް މޮޅުވީ އެސްޓީއޯއާ ވާދަކޮށް 18 ލަނޑުންނެވެ.

މި މެޗުގެ ގުރުދިމާވުމުން އެސްޓީއޯ ގަސްދުކުރީ ހޮވުމަށެވެ. އެއާއެކު ފަތަހަ ސްޓާސް އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަ ކުޅުންތެރިން ނުބައިވެގެން ވަނީ 119 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 20 ބޯޅައިން 51 ލަނޑު ހެދި ރޯމަން މިއާ އާއި، ނުވަ ބޯޅައިން 23 ލަނޑު އެއްކުރި ސޮހެލް މިއާއެވެ. ޖަވާބުގައި އެސްޓީއޯ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 101 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 14 ބޯޅައިން 33 ލަނޑު ހެދި އަލްހާޒް އަޙްމަދާއި، ނުވަ ބޯޅައިން 20 ލަނޑު އެއްކުރި މުޙައްމަދު ޝަފީގެވެ.

މީގެ އިތުރުން މި މުބާރާތުގައި މިއަދު ހަވީރު ކުޅެން އޮތް ގްރޫޕް ސީގެ ފަހު މެޗަށް އަނަކީ ސްޕޯޓްސް ކުލަބު ގަޑިއަށް ހާޒިރުނުވުމުން, އެ މެޗުން އެމްއެޗްއޭ މޮޅުވީ ކަމަށް އަމްޕަޔަރުން ވަނީ ނިންމާފައެވެ.

މި މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ފްރެންޑްސް މޯލްޑިވްސް އާއި ފަތަހައެވެ. އަދި ދެވަނަ މެޗުގައި އެސްޓީއޯ ނުކުންނާނީ އަހިންޝަކާއާ ދެކޮޅަށެވެ.