ޚަބަރު

އެމްއެންޑީއެފްގެ "ހާދަރު" ގެ ޓްރެއިލަރ ލޯންޗުކޮށްފި


މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހަދާ ފީޗަރ ފިލްމް "ހާދަރު" ގެ ޓްރެއިލަރ ލޯންޗުކޮށްފިއެވެ. 

މެއި މަހުގެ ތެރޭގައި ރިލީޒްކުރުމަށް ތައްޔާރުވަމުންދާ "ހާދަރު" ފިލްމުގެ ޓްރެއިލަރ ލޯންޗުކުރުމަށް ކަޅުތުއްކަލާކޮށީގައި ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ އާދަމް ޝަރީފް ޢުމަރުއެވެ. "ހާދަރު" ފިލްމުގެ ޓްރެއިލަރ ލޯންޗުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްއެވެ.

މި ހަފްލާގައި ޑިފެންސް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، ސިފައިން ތައްޔާރުކުރާ މި ފިލްމަކީ މުޖުތަމަޢަށް އެނގެންޖެހޭ ވަރަށް ގިނަ މެސެޖުތަކެއް އަންގައިދިނުމަށްޓަކައި ކުރެވޭ ވަރަށް މުހިންމު، ވަރަށް ބޭނުންތެރި މަސައްކަތެއް ކަމަށެވެ. އަދި ފިލްމ ހާދަރަކީ ސިފައިން ކޮށްފައިވާ ވަރަށް ބޭނުންތެރި މުހިންމު މަސައްކަތެއްކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށްވެސް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ވިދާޅުވީ، މިފަދަ މަސައްކަތެއް ސިފައިން ކުރީ ޤައުމީ ވާޖިބު އަދާކުރުމުގެ ގޮތުން ކަމަށާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ހިމާޔަތްކުރުމުގައި ފަރުދީ ޒިންމާގެ މުހިންމުކަން "ހާދަރު" ފިލްމުގެ ސަބަބުން އަމިއްލަ ނަފްސަށް ޤަބޫލުކުރެވިގެން ދާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.