ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޢީދު ސަލާން ކުރެއްވުން ޢީދު ދުވަހު ހެނދުނު މުލީއާގޭގަ


  • ޢީދު ސަލާން ކުރެއްވުން ޢީދު ދުވަހުގެ ހެނދުނު 9:30 ން 10:30އަށް މުލީއާގޭގަ

  • ވީހާވެސް ގިނަ އަދަދެއްގެ ކުޑަކުދިންނާއި، ޒުވާނުން، ޢީދު ސަލާމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ވަނީ ދަޢުވަތު އަރުވާފަ

މި އަހަރުގެ ފިޠުރުޢީދު ދުވަހު ރައީސުލްޖުމްހޫރިއްޔާޑރ. މުޙައްމަދު މުޢިއްޒާއި، އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޢީދު ސަލާން ކުރެއްވުން އޮންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ.

ޢީދު ސަލާން ކުރެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ، ފިޠުރުޢީދު ދުވަހުގެ ހެނދުނު 9:30 ން 10:30އަށް ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެ، މުލީއާގޭގައެވެ.

ޢީދު ސަލާން ކުރެއްވުމުގައި ބައިވެރިވެވަޑައިގެންދެއްވުމަށް އެންމެހައި ރައްޔިތުންނަށާއި، ދައުލަތުގެ އެކި މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި، ބޭރުގެ ޢިއްޒަތްތެރިންނަށާއި، ރާއްޖޭގެ އެކި ކުންފުނިތަކާއި، އަމިއްލަ އެކިއެކި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ މަންދޫބުންނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ދަޢުވަތު އަރުވާކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މީގެ އިތުރުން ޢާއިލާތަކާއެކު ވީހާވެސް ގިނަ އަދަދެއްގެ ކުޑަކުދިންނާއި، ވީހާވެސް ގިނަ އަދަދެއްގެ ޒުވާނުން، ޢީދު ސަލާމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދަޢުވަތު އަރުވައެވެ.

ޢީދު ސަލާން ކުރެއްވުމަށް ވަޑައިގަންނަވާ ބޭފުޅުން މުލީއާގެއަށް ވެދެވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މެދުޒިޔާރަތް މަގަށް ހުންނަ މުލީއާގޭ ބޮޑު ދޮރޯށިން ކަމަށާއި މުލީއާގެއަށް ވަޑައިގެންނެވޭނީ، ޝަހީދު ޢަބްދުﷲ ޒުހައިރު ހިނގުމުން މެދުޒިޔާރަތް މަގުން ވަޑައިގެންކަމަށް ރައީސުލްޖުމްޙޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ.

ފިޠުރުޢީދު ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޢީދު ސަލާން ކުރެއްވުން އޮންނާނެކަން ސަރުކާރުން ހާމަކުރައްވާފައިވާއިރު، ރާއްޖޭގެ އެކި ޞަރަޙައްދުތައް ފިޠުރު ޢީދަށް އިސްލާމީ ވަންތަކަން ދައްކުވައިދޭ ލައިޓްތައް ބޭނުންކޮށްގެން ޒީނަތްތެރިކޮށް ދިއްލުމުގެ ބޮޑު ހަރަކާތެއް ކުރިއަށްގެންދިއުމަށް
ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. އެ ޙަރަކާތް ފެށުމުގެ ގޮތުން ހޯމަދުވަހުގެ ރޭ ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ ޚާއްސަ ޙަފްލާއެއްގައި މާލޭގައި ބޭއްވުމަށްދަނީ ތައްޔާރުވަމުންނެވެ.

މުޅި ރާއްޖެ ޢީދަށް ދިއްލާލުމުގެ ބޮޑު ހަރަކާތުގައި މާލެ ސިޓީއާއި އައްޑޫ، ފުވައްމުލައް، ތިނަދޫ، ކުޅުދުއްފުށި ސިޓީގެ އިތުރުން ކޮންމެ އަތޮޅެއްގެ އަތޮޅުވެރިކަން ކުރާ ރަށްތައް ޒީނަތްތެރިކޮށް ތަކްބީރުތައް އިއްވަންވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން މަރާމާތުކޮށް ޢީދަށް ހުޅުވާލުމުގެ މަސައްކަތްވެސް ސަރުކާރުންދަނީ ކުރަމުންނެވެ.