ޚަބަރު

ޣައްޒާގައި ހިންގަމުންދާ ހަނގުރާމައިގެ ކުށްތަކަށް ޔަހޫދީން ޖަވާބުދާރީ ކުރުވަން އދއިން ގޮވައިލައިފި


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ހަނގުރާމައިގެ ކުށްތަކަށް ޔަހޫދީން ޖަވާބުދާރީ ކުރުވަން ގޮވައިލައި, އދގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލުން ޤަރާރެއް ފާސްކޮށްފިއެވެ. އެ ޤަރާރުގައި ބުނެފައި ވަނީ, ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން އިންސާނިއްޔަތާ ޚިލާފު ކުށްތައް ހިންގަމުންދާ ކަމަށާއި, އެ ކަމަށް ޔަހޫދީ ފައުޖާއި ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭ ކަމުގައެވެ.

މި ޤަރާރު ފާސްކޮށްފައި ވަނީ އެ ކައުންސިލުގެ 28 މެންބަރުންގެ ތާޢީދާ އެކުގައެވެ. ޤަރާރާ ދެކޮޅަށް ހަ މެންބަރުން ވޯޓުލާފައިވާއިރު އޭގެ ތެރޭގައި ޔަހޫދީންގެ އެންމެ ގާތް އެކުވެރިޔާ, އެމެރިކާގެ އިތުރުން ޖަރުމަނުވިލާތް ހިމެނެއެވެ. 13 މެންބަރުން އެއްވެސް ކޮޅަކަށް ވޯޓުލާފައެއް ނުވެއެވެ. ޤަރާރު ފާސްވުމާ އެކު, އެ މަޖިލީހުގައި ބައެއް ޤައުމުތައް ތަމްސީލު ކުރައްވާ މަންދޫބުން ވަނީ އުފާ ފާޅުކުރައްވާފައެވެ.

އޮކްޓޫބަރު 7ން ފެށިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ފަލަސްޠީނުގެ ރައްޔިތުންގެ އިންސާނީ ޙައްޤުތަކަށް އަރައިގަންނަމުންދާ ކަމަށާއި, އިންސާނިއްޔަތާ ބެހޭ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު އެތަކެއް އަމަލެއް ހިންގަމުންދާ ކަމަށް ބުނެ, އދ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލުގެ ޤަރާރުގައި ކަންބޮޑުވުން ފާޅު ކޮށްފައިވެއެވެ.

އދއަށް ފަލަސްޠީނުން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު އިބްރާހީމް ޚިރީޝީ ވަނީ ޔަހޫދީންނާ ދެކޮޅަށް ފާސްކޮށްފައިވާ ޤަރާރަށް މަރުޙަބާ ވިދާޅުވެފައެވެ. ނަމަވެސް, އިންސާނީ ޙައްޤުތަކަށް ނަމެއްގައި ވަކާލާތު ކުރާ ވިލާތުގެ ބައެއް ޤައުމުތަކުން މި ޤަރާރަށް ތާޢީދުކޮށްފައި ނެތުމުން ޚިރީޝީ ވަނީ ކަންބޮޑުވުން ފާޅުކުރައްވައި, އެ އަމަލު ކުށްވެރި ކުރައްވާފައެވެ.

"ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނިއްޔަތާ ޚިލާފު އަމަލުތައް ހިންގަމުންދާ ފަރާތްތައް ޖަވާބުދާރީ ކުރުވަން އެ މީހުން ދަނީ ގޮވައިލަމުން. ނަމަވެސް, އިސްރާއީލާ ޖެހުނީމަ އެ މީހުންގެ ބަސްމަގާއި ސިޔާސަތު ބަދަލުވޭ،" ޚިރީޝީ ވިދާޅުވިއެވެ.

މި ޤަރާރާ ދެކޮޅަށް ވޯޓުލާނެ ކަން އެމެރިކާއިން ކުރިން ވެސް އޮތީ އިޢުލާނު ކޮށްފައެވެ. ސަބަބަކީ, އޮކްޓޫބަރު 7ވަނަ ދުވަހު ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކަށް އަމާޒުކޮށް ޙަމާސްގެ މުޖާހިދުންގެ ޖަމާޢަތް, ޙަމާސުން ދީފައިވާ ޙަމަލާތަކުގެ ވާހަކަ ޤަރާރުގައި ހިމަނާފައި ނެތުމެވެ. ނަމަވެސް, ޢުދުވާނުގައި ފަލަސްޠީނުގެ ޢާންމު ރައްޔިތުންގެ ފުރާނަ ހިމާޔަތް ކުރަން އިސްރާއީލުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް އެމެރިކާއިން ވެސް އެއްބަސްވެއެވެ.

"ޙަމާސާ ދެކޮޅަށް [ޒަޔަނިސްޓު] އިސްރާޢީލުން ކުރަމުންދާ ހަނގުރާމައާއި, ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތް ވަކި ކުރަން އެމެރިކާއިން ވާނީ އެތަކެއް ފަހަރަކު ގޮވައިލާފައި. އަދި, ޢާންމުންގެ ފުރާނައަށް ނުރައްކާ ކުރުން ހުއްޓައިލައި, އިންސާނިއްޔަތަށް ޓަކައި މަސައްކަތް ކުރާ އިޖުތިމާޢީ ޚިދުމަތްތެރިންނަށް އެ ފުރުޞަތު ދިނުމަށް ވެސް އިރުޝާދުދީފައި،" އެމެރިކާއިން އދގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު މިޝެލް ޓެއިލަރ ވިދާޅުވިއެވެ.

"އެ ކަން އެ ގޮތަށް ހިނގާ ތަނެއް ނުފެނޭ. ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި އިޖުތިމާޢީ ޚިދުމަތްތެރިންގެ ގިނަ ޢަދަދެއްގެ ބަޔަކު ވަނީ މަރައިލާފައި [ޝަހީދު ކޮށްލާފައި]."

އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީން ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 33,091އަށް އުފުލިފައެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރެއިން 25,000އަކީ އަންހެނުންނާއި މައުސޫމު ކުޑަކުދިން ކަމުގައި އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ދާދި ފަހުން ވިދާޅުވެފައިވެއެވެ. އަދި, މި ޢުދުވާނުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 75,750އަށް އުފުލިފައެވެ.