ޚަބަރު

ނަޒާޙަތްތެރިކަމުގެ ވަޢުދުގައި އެންސްޕާގެ މުވައްޒަފުން ސޮއިކޮށްފި


ނަޒާޙަތްތެރިކަމުގެ ޤައުމީ ވަޢުދުގައި، ނޭޝަނަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާގެ މުވައްޒަފުން ސޮއިކޮށްފިއެވެ.

ނަޒާޙަތްތެރިކަމުގެ ވަޢުދަކީ ދައުލަތުގެ މުވައްޒަފުން ޒިންމާދާރުކަމާއެކު ނަޒާޙަތްތެރިވުމަށް ބާރުއަޅުއްވައި، ޚިދުމަތް ދިނުމުގައި އިންސާފުވެރިކަމާއެކު ފޯރުކޮށްދިނުމަށް ހުރިހާ މުއައްޒަފުން ހަމަހަމަކަންމަތީ ރައްޔިތުންނަށް ޚިދުމަތްކުރުމަށް ޢަޒުމް ކަނޑައެޅުއްވުމެވެ. ޗަންޕާ ސެންޓްރަލް ހޮޓެލްގައި މިއަދު ހަވީރު ބޭއްވެވި ރަސްމިއްޔާތެއްގައި އެންސްޕާގެ ހުރިހާ މުވައްޒަފުން ނަޒާޙަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ވަނީ ސޮއިކުރައްވާފައެވެ. 

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލް ވިދާޅުވީ، ރާއްޖޭގެ އެހެން މުއައްސަސާތަކާ ޚިލާފަށް އެންސްޕާގައި، ރައްޔިތުންނާ ގުޅޭ ގިނަ މަޢުލޫމާތުތަކެއް ހުރުމުން، އެމަޢުލޫމާތުތައް އޭގެ ޙައްޤުވެރިންނަށް ފޯރުކޮށްދެއްވުމަށް ޚާއްޞަ އަހަމިއްޔަތުކަމެއް ދެއްވާކަމަށެވެ. އެހެންކަމުން އެންސްޕާގެ ކޮންމެ މުވައްޒަފަކީ ރައްޔިތުންގެ މަޢުލޫމާތު، އޭގެ ހައްޤުވެރިންނަށް ފޯރުކޮށްދެއްވައި، ނަޒާޙަތްތެރި، އަދި މަސައްކަތަށް ފަރުވާތެރި މުވަށްޒަފަކަށް ހެއްދެވުންކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެން-ޓިކޮރަޕްޝަން ކޮމިޝަންގެ ރައީސް ޙަސަން ލުޠުފީ ވިދާޅުވީ، އެންސްޕާގެ މަޢުލޫމާތުތައް މިހާރަށްވުރެ ބޮޑަށް ފަސޭހަކަމާއެކު އިންޓަރނެޓް މެދުވެރިކޮށް ޢާންމުންނަށް ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެއްސުމަކީ މުހިންމު ކަމެއްކަމަށެވެ. ޒަމާނީ ވަޞީލަތްތައް މެދުވެރިކޮށް ޢާންމު ފަރުދުންގެ އަމިއްލަ މަޢުލޫމާތު އެފަރާތްތަކަށް ބެލޭނެ ގޮތްވުމަކީ އެކަމުގެ ފައިދާ ހުރިހާ ރައްޔިތުންނަށްވެސް ލިބިގެންދާނެ ކަމެއްގެ ގޮތުގައި ޙަސަން ލުޠުފީ ފާހަގަކުރެއްވިއެވެ.

އޭސީސީން މިއަހަރު ކުރެއްވުމަށް ހަމަޖެހިފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ވާހަކަ ދައްކަވަމުން ޙަސަން ލުޠުފީ ވިދާޅުވީ، ޤައުމީ ނަޒާޙަތްތެރިކަމުގެ ޕްލޭނެއް މިއަހަރުގެ ތެރޭގައި އެކުލަވާލައްވާ، ސަރކާރުގެ ހުރިހާ މުއައްސަސާތައް މިއަހަރުގެ ތެރޭގައި ޖަވާބުދާރީ ކުރުވުން ކުރިއަށްދާނެ ކަމަށެވެ. އޭސީސީގެ އުއްމީދަކީ، ނަޒާޙަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ރާއްޖޭގެ ގިނަ ރައްޔިތުން ސޮއިކުރައްވައި، ދިވެހިރާއްޖެއަކީ ކޮރަޕްޝަނުން ސަލާމްތްވެފައިވާ ޤައުމަކަށް ވެގެންދިއުން ކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ.