ޚަބަރު

"ކުރިއަށް އޮތީ ޔަހޫދީންނަށް ދަތި, އުނދަގޫ ދުވަސްތަކެއް"


ކުރިމަގުގައި އޮތީ ޒަޔަނިސްޓު އިސްރާއީލަށް "ދަތި، އުނދަގޫ" ދުވަސްތަކެއް ކަން ޔަހޫދީ ފައުޖުން ގަބޫލުކޮށް, ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަން ފަށައިފިއެވެ. އީރާނުން އިސްރާއީލަށް ޙަމަލާތަކެއް ދީފާނެ ކަމަށް ބަލައި, ޔަހޫދީ ފައުޖުން ބިރުން ހާސްވެ, ފިތްކަނޑައިގެން ގޮސްފައިވާ ކަން ހާމަވެފައި ވަނީ ތެލް އަވީވުގައި ހުންނަ ޔަހޫދީ އަސްކަރިއްޔާގެ ޖާސޫސީ އިދާރާގެ އިސް ޖެނެރަލް އަޚަވޮން ޚަލީވާ ދާދިފަހުން ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ.

ޔަހޫދީ ފައުޖުގެ އިސް އޮފިސަރުންނާ ބައްދަލުކޮށް ވާހަކަ ދައްކަމުން ޚަލީވާ ބުނީ, ކުރިއަށް އޮތީ އިސްރާއީލަށް "ދަތި، އުނދަގޫ" ދުވަސްތަކެއް ކަމަށާއި, ނުރައްކާތެރި ކަމާއި ނާމާން ކަމުން ފުރިފައިވާ ދުވަސްތަކެއް ކަމުގައެވެ. އޭނާ މި ކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާފައި މި ވަނީ, ސޫރިޔާގެ ވެރިރަށް ދިމިޝްޤުގައި ހުންނަ އީރާނުގެ ކޮންސިޔުލޭޓަށް ޔަހޫދީ ފައުޖުން ރަޙުމު ކުޑަ ޙަމަލާތަކެއްދީ, އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ގެ 13 މެންބަރުން ޝަހީދު ކޮށްލާފައިވާ ދަނޑިވަޅެއްގައެވެ.

އެ ޙަމަލާއަށް ފަހު ޔަހޫދީން ބިރުން ފިތްކެނޑި, ތެޅިފޮޅެން ފަށާފައި ވަނީ, ޝަހީދު ކޮށްލާފައިވާ މީހުންގެ ޙައްޤުގައި ބަދަލު ހިފާނެ ކަމަށް ބުނެ, އީރާނުން އިންޒާރު ދިނުމާ ގުޅިގެންނެވެ. މީގެ އިތުރުން, ފަލަސްޠީނުގައި ހަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތް, ޕަލަސްޓީނިޔަން އިސްލާމިކް ޖިހާދު (ޕީއައިޖޭ)ން ވެސް ވަނީ, ކުރިއަށް އޮތީ މުޖާހިދުންނަށް ނަޞްރު ލިބޭނެ ދުވަސްތައް ކަމަށް ބުނެފައެވެ.

ވީޑިޔޯ މެސެޖެއްގައި ވާހަކަފުޅު ދައްކަވަމުން ޕީއައިޖޭގެ ހަތިޔާރު އެޅި ގޮފި, ޤުދުޞް ލަޝްކަރުގެ ތަރުޖަމާނު އަބޫ ޙަމްޒާ ވިދާޅުވީ, ކުރިއަށް އޮތީ ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ މުޖާހިދުންނަށް ނަޞްރާއި ފަތަޙަ ލިބޭނެ ދުވަސްތައް ކަމުގައެވެ. "ފަލަސްޠީނުގެ މުސްލިމުންނަށް ނަޞްރާއި ފަތަޙަ ހޯދައިދޭން އަޅުގަނޑުމެން ވަޢުދުވަން. މިއީ, މުޅި ދުނިޔެއަށް ވެސް ހުރި ޢިބުރަތަކަށް ވާނެ،" އަބޫ ޙަމްޒާ ވިދާޅުވިއެވެ.

"ޣައްޒާއާއި, ހުޅަނގު އައްސޭރިއާއި ލުބްނާނަށް ޙަމަލާ ދެމުންދާ ޔަހޫދީ ފައުޖުގެ ސިފައިންނާ ދެކޮޅަށް މުޖާހިދުންގެ ލަޝްކަރުތަކުން ދަނީ ހަނގުރާމަ ކުރަމުން. ޔަހޫދީންގެ އިސްތިޢުމާރީ ސިފައިން ފަހަތަށް ޖައްސައި, ބަލި ކުރަން އަޅުގަނޑުމެން މި ދަނީ ގުޅިގެން ޖިހާދު ކުރަމުން."

އޮކްޓޫބަރު 7ވަނަ ދުވަހު ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ލާއިންސާނީ ޢުދުވާނެއް ފެށުމާ އެކު, 'އެކްސިސް އޮފް ރެސިސްޓެންސް'ގެ ނަމުން މަޝްހޫރު ހަތިޔާރު އެޅި ޖަމާޢަތްތަކުން ވަނީ ފަލަސްޠީނުގެ މުސްލިމުންގެ ޙައްޤުގައި ޔަހޫދީންނާ ދެކޮޅަށް ތެދުވެ, ހަނގުރާމަ ކުރަން ފަށާފައެވެ. އޭގެ ތެރޭގައި ލުބްނާނުގައި ހަރަކާތްތެރިވާ ޙިޒްބުاللهއާއި, ޢިރާޤުގެ އިސްލާމިކް ރެސިސްޓެންސް އިން ޢިރާޤު (އައިއާރްއައި)ގެ އިތުރުން ޔަމަނުގައި ހަރަކާތްތެރިވާ ޙޫޘީ ޖަމާޢަތް ހިމެނެއެވެ.

އަބޫ ޙަމްޒާ ވަނީ ޔަހޫދީންނާ އެމެރިކާއާ ދެކޮޅަށް ތެދުވެފައިވާ ލުބްނާނާއި, ސޫރިޔާއާއި, ޢިރާޤާއި ޔަަމަނުގެ ލަޝްކަރުތަކަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި, އެ ޤައުމުތަކުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅިި ޖަމާޢަތްތަކަށް ވާގިވެރިވާ އީރާނުގެ ސަރުކާރަށް ވެސް ޝުކުރު އަދާ ކުރައްވާފައެވެ. މީގެ އިތުރުން, ފަލަސްޠީނުގެ މުސްލިމުންގެ ޙައްޤުތަކަށް ވަކާލާތުކޮށް, ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ ބޮޑެތި މުޒާހަރާތަކުގައި ބައިވެރިވަމުންދާ މީހުން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.