ޚަބަރު

އީރާނުން ޙަމަލާއެއް ދީފާނެތީ ޔަހޫދީން ބިރުން ފިތްކެނޑެނީ


ސޫރިޔާގައި ހުންނަ އީރާނުގެ ކޮންސިޔުލޭޓް ޢިމާރާތަށް ޔަހޫދީ ފައުޖުން ދިން ވައިގެ ޙަމަލާތަކުގެ ބަދަލު ހިފާނެ ކަމަށް ބުނެ, އީރާނުން އިންޒާރު ދިނުމުން, ޔަހޫދީން ބިރުން ފިތްކަނޑައިގެން ގޮސް, ތެޅިފޮޅެން ފަށައިފިއެވެ. ސޫރިޔާގެ ވެރިރަށް ދިމިޝްޤުގައި ހުންނަ އީރާނުުގެ ކޮންސިޔުލޭޓަށް ޔަހޫދީ ފައުޖުން ދިން ޙަމަލާތަކުގައި އީރާނުގެ 13 މީހުން ޝަހީދު ކޮށްލިއެވެ. އޭގެ ތެރޭގައި އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ގެ އިސް ޖެނެރަލެއް ވެސް ހިމެނެއެވެ.

ޝަހީދު ކޮށްލާފައިވާ 13 މީހުންގެ މަރުގެ ބަދަލު ހިފާނެ ކަމަށް ބުނެ އީރާނުން އިންޒާރު ދިނުމާ ގުޅިގެން ޔަހޫދީން ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަން ފަށާފައެވެ. އަދި, ޔަހޫދީ އަސްކަރިއްޔާ ވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ. ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ޔަހޫދީން ވަނީ ޖީޕީއެސްގެ ޚިދުމަތްތައް ކަނޑައިލާފައެވެ. އަދި, ޔަހޫދީ އަސްކަރިއްޔާގެ ސިފައިންގެ ޗުއްޓީތައް ބާޠިލު ކޮށްފައެވެ. ރިޒަރވް ސިފައިން ތައްޔާރީ ހާލަތަކަށް ގެނައުމަށް ވެސް ޔަހޫދީ އަސްކަރިއްޔާއިން ވަނީ ނިންމާފައެވެ.

އީރާނުން ދާދި އަވަހަށް ޔަހޫދީ ޒަޔަނިސްޓު އިސްރާއީލަށް ޙަމަލާތަކެއް ދޭނެ ކަމަށް ޔަހޫދީން ގަބޫލު ކުރެއެވެ. އަދި, ރަމަޟާން މަހު އެންމެ ފަހު ހުކުރު ދުވަހު ފާހަގަ ކުރާ ޤުދުޞް ދުވަހާ ދިމާކޮށް ޙަމަލާއެއް ދީފާނެ ކަމަށް ބަލައި, ތައްޔާރީ ފިޔަވަޅުތައް ވަނީ އަޅާފައެވެ. މި ގޮތުން, ޖީޕީއެސްގެ ޚިދުމަތްތައް ކަނޑައިލާފައި ވަނީ, ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. އެއީ, އީރާނުން ދީފާނެ މިސައިލާއި ޑްރޯން ޙަމަލާތައް ދިފާޢު ކުރުމުގެ ބޭނުމުގައި އަޅާފައިވާ ފިޔަވަޅެކެވެ.

ޔަހޫދީ ޢާންމުން ބުނީ, މި ފިޔަވަޅާ އެކު އިލެކްޓްރޯނިކް ސާމާނުން ލޮކޭޝަން ޚިދުމަތްތައް ބޭނުން ނުކުރެވޭ ކަމުގައެވެ. ޖީޕީއެސްގެ ޚިދުމަތް ކަނޑައިލާފައިވާ ބައެއް ރަށްތަކުގެ ތެރޭގައި ތެލް އަވީވާއި ބައިތުލްމަޤްދިސް ހިމެނެއެވެ. އެ ރަށްތަކުގައި ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނުން ދައްކަނީ, އެ ތަކެތި މިޞްރުގެ ވެރިރަށް ޤާހިރާގައި ހުރި ކަމަށެވެ. މިއީ, އީރާނަށް އޮޅުވައިލަން ޔަހޫދީން ބޭނުން ކުރަން ފަށާފައިވާ އުކުޅެކެވެ.

ދިމިޝްޤުގައި ހުންނަ އީރާނުގެ ކޮންސިޔުލޭޓަށް ދިން ރަޙުމު ކުޑަ ޙަމަލާތަކާ ގުޅޭ ގޮތުން ޔަހޫދީން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް, އެ ޙަމަލާގެ ފަހަތުގައި ވަނީ ޔަހޫދީން ކަމަށް އީރާނުގެ ޒައީމް އާޔަތުالله ޢަލީ ޚާމަންއީ ތުހުމަތު ކުރައްވައެވެ. އަދި, އީރާނުގެ ރައީސް އިބްރާހީމް ރައީސީ ވިދާޅުވީ, އެ ޙަމަލާގެ ބަދަލު ހިފާނެ ކަމުގައެވެ. ނަމަވެސް, ބަދަލު ހިފުމުގެ ގޮތުން އީރާނުން އަޅާނެ ވަކި ފިޔަވަޅެއް ސާފެއް ނޫނެވެ.

ދިމިޝްޤަށް ދިން ޙަމަލާގައި ޔަހޫދީން ޝަހީދު ކޮށްލާފައިވާ 13 މީހުންގެ ތެރޭގައި އައިޖީއާރްސީގެ އިސް ޖެނެރަލެއް ކަމުގައިވާ މުޙައްމަދު ރިޟާ ޒާހިދީއާއި އޭނާގެ ނައިބު ހިމެނެއެވެ. ޒާހިދީއަކީ, ޔަހޫދީންގެ މި ފަދަ ޙަމަލާއެއްގައި ޝަހީދު ކޮށްލާފައިވާ އައިއާރްޖީސީގެ އެންމެ އިސް އެއް އޮފިސަރެވެ. މީގެ ކުރިން ވެސް, ސޫރިޔާގައި ހަރަކާތްތެރިވާ އީރާނުގެ އަސްކަރިއްޔާގެ އޮފިސަރުންނަށް އަމާޒު ކޮށް ޔަހޫދީ ފައުޖުން ޙަމަލާތައް އަމާޒު ކޮށްފައިވެއެވެ.

ފަލަސްޠީނުގެ ޣައްޒާގައި ހަރަކާތްތެރިވަމުން ދިޔަ ބައިނަލްއަޤުވާމީ އިޖުތިމާޢީ ޚިދުމަތްތެރިންގެ ޓީމަކަށް ގަސްދުގައި ޙަމަލާދީ, އެ ޓީމުގެ ހަތް މެންބަރުން މަރައިލުމާ ގުޅިގެން ވެސް ޔަހޫދީން ވަނީ ހޫނުފެނަށް ވެއްޓިފައެވެ. މަރައިލާފައި ވަނީ އިންސާނިއްޔަތަށް ޓަކައި މަސައްކަތް ކުރާ ބައިނަލްއަޤުވާމީ ޖަމުޢިއްޔާ, ވަރލްޑް ސެންޓްރަލް ކިޗަން (ޑަބްލިޔުސީކޭ)ގެ މެންބަރުންތަކެކެވެ. ޑަބްލިޔުސީކޭގެ ބާނީ ހޯސޭ އަންދްރޭސް ބުނީ, އެ ޖަމާޢަތުގެ މެންބަރުންނަށް ޔަހޫދީ ފައުޖުން ޙަމަލާ ދީފައި ވަނީ ގަސްދުގައި ކަމުގައެވެ.

ޔަހޫދީ ފައުޖުގެ ޙަމަލާގައި މަރައިލާފައިވާ ޑަބްލިޔުސީކޭގެ މުވައްޒަފުންގެ ތެރޭގައި އޮސްޓްރޭލިޔާ, އިނގިރޭސިވިލާތް, ޕޮލެންޑު, އެމެރިކާ އަދި އެމެރިކާއާއި ކެނެޑާގެ ރައްޔިތުން ހިމެނެއެވެ. އެ މީހުންނަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ދީފައިވާ ރަޙުމު ކުޑަ ޙަމަލާ ބައިނަލްއަޤުވާމީ މުޖުތަމަޢުން ދަނީ ކުށްވެރި ކުރަމުންނެވެ. އަދި, އެމެރިކާއިން ވަނީ ޑަބްލިޔުސީކޭގެ މުވައްޒަފުންނަށް ޙަމަލާދޭން ޖެހުނު ސަބަބު ސާފު ކޮށްދިނުމަށް ޔަހޫދީ ސަރުކާރުގައި އެދިފައެވެ.