ޚަބަރު

އެއްވެސް ކަމެއްގައި ދޮގެއްހަދައި ރައްޔިތުންނަށް އޮޅުވައެއް ނުލާނަން: ރައީސް


އެއްވެސް ކަމެއްގައި ދޮގުހަދައި ރައްޔިތުންނަށް އޮޅުވާލައި ދެރައެއް ނުދެއްވާނެކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ރައީސްގެ ޖަވާބު" ޕްރޮގްރާމަށް އާންމު ރައްޔިތަކު ދެންނެވި ސުވާލަކަށް ދެއްވި ޖަވާބުގައެވެ.

ރައީސްގެ ޖަވާބު ޕްރޮގްރާމްގެ ތެރެއިން ހުޅުމާލެ ލޮޓް ނަންބަރު 10471 ޙުސައިން ރަޝީދު، ރައީސުލްޖުމްހޫރިއްޔާ އަށް ސުވާލު ދެންނެވީ ވާދަވެރި ފަރާތްތަކުން އެކި ތުހުމަތުތައްކޮށް ފަތުރާ ބައެއް ވާހަކަތަކުގެ ހަގީގަތް އޮޅުންފިލުވުމަށެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް މި ސަރުކާރުން ކުރިއަށްގެންދާ ކަންކަމަށް ދޭނެ ޖަވާބެއް ނެތުމުން އެބޭފުޅުން އަމިއްލަފުޅަށް ވާހަކަތައް އުފައްދައިގެން އިތުރުފުޅުހައްދަވަނީ ކަމަށެވެ. އަދި އެއްވެސްކަމެއްގައި އެމަނިކުފާނު ރައްޔިތުންނަށް އޮޅުވައިނުލައްވާނެކަމަށެވެ.

ރައީސް ވިދާޅުވީ ވެވަޑައިގެންނެވި ހުރިހާ ވަޢުދުތައް ފޮތެއްގައި ލިޔެ އާންމުކޮށްފައިވާ ކަމަށާއި، އެމަނިކުފާނު އެކި މަންސަތަކުގައި ދެއްވާ ޖަވާބުތަކާއި، ޕްރެސް ކޮންފަރެންސްތަކުގައި ދައްކަވާ ވާހަކަތައްވެސް ލިޔުމުން ފެންނަން ހުންނާނެކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވިދާޅުވާ ކޮންމެ ވާހަކަފުޅަކީވެސް އިޚްލާސްތެރިކަމާއެކު ހިތުގެ އަޑިން ވިދާޅުވާ ވާހަކަފުޅުތަކެއްކަމަށާއި، ކަންކަން ކޮށްދެއްވާނެކަމަށް ވިދާޅުވަނީ އެކަމަށް ޖަވާބުދާރީވާންޖެހޭކަން އެނގިހުރެ އެމަނިކުފާނުގެ ލަޔާގަތާއި ޤާބިލިއްޔަތުކަން ތަންދިން އެންމެ ފުރިހަމައަށް ސަރުކާރުން އެކަންކަން ކުރުމުގެ ނިޔަތުގައިކަމަށެވެ. އަދި އެއްވެސް ކަމެއް ފޮރުވަން ބޭނުންފުޅު ނުވާކަމަށާއި، އެމަނިފާނާ ގުޅުވައިގެން ވާހަކައެއް އަޑުއިވުނު ނަމަވެސް ކޮންމެ ރައްޔިތަކުވެސް އެކަމުގެ ޙަޤީގަތް ދެނެގަތުން މުޙިއްމުކަމަށް ވަނީ ވިދާޅުވެފައެވެ.

"ރައްޔިތުންނަށް އިޚްލާސްތެރިކަމާ ތެދުވެރިކަމާ އަމާނާތްތެރިކަމާއެކު މަސައްކަތްކުރަނީ މި. އެހެންވީމަ ތަނަކުން އަދި ވާހަކަފުޅެއް އިވުނަސް އަމިއްލަފުޅަށް އެކަން ވެރިފައިކޮށް ތެދު ދޮގު ބެލުމަކީ އަޅުގަނޑު އެދޭގޮތް. އަދި ދީނުގަވެސް އެކަން އޮތްގޮތްއެއީ. އެހްންވީމަ އަޅުގަނޑުމެން އެންމެނަކީވެސް ތެދުބަހުން ވާހަކަދައްކާ މީހުންނަށް ވާންވީ. އަޅުގަނޑު ދެއްކި ވާހަކަތައް އެހުރީ ލިޔުމުން ފެންނަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ރައީސާ ގުޅުވައިގެން ދައްކާ ކޮންމެ ވާހަކައަކަށް ބަލާލިނަމަވެސް، އެއިން ކޮންމެ މަޢުޟޫއުއަކުންވެސް ފެނިގެންދާނީ އަމިއްލަ ވާހަކަތަކެއް އެއަށްގެނެސްގެން ނުވަތަ އައު ވާހަކައެއް އުފަންކުރުވައިގެން ރައީސް ވާހަކަފުޅު ބަދަލުކުރެއްވީކަމަށް ވިދާޅުވެ ފަތުރާ ވާހަކަތަކެއްކަމަށް ރައީސް ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބުގެ ކެމްޕެއިން ޖަލްސާތަކުގައި ރައީސާއި ސަރުކާރަށް ފާޑު ވިދާޅުވެ އިދިކޮޅު ފަރާތްތަކުން ފަތުރާ ވާހަކަތަކަށް ސަރުކާރުން ގެންދަވަނީ ޖަވާބުދާރީވެ އެކަމުގެ ޙަޤީގަތް ހާމަކުރަމުންނެވެ. އެގޮތުން ކުރީގެ ސަރުކާރުން ފަށާފައިވާ ގިނަޢަދަދެއްގެ މަޝްރޫޢުތައް ހުއްޓާލާފައިވާކަމަށްބުނެ އިދިކޮޅު ސިޔާސީ އިސްފަރާތްތަކުންދައްކާ ވާހަަކަފުޅުތަކަށް ރައީސުލްޖުމްޙޫރިއްޔާވަނީ ތަފާސްހިސާބުތަކުން ރައްދުދެއްވާފައެވެ.