ކުޅިވަރު

ކޮމްޕެނީ ޓޭޕްބޯލް: ފަތަހަ އާއި އެސްޓީއޯއަށް މޮޅެއް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ފަހު މުބާރާތް ކަމަށްވާ ކޮމްޕެނީ ޓޭޕްބޯލްގައި މިއަދު ކުޅުނު މެޗުތަކުން ފަތަހަ ސްޓާސް އާއި އެސްޓީއޯ ރެކްރިއޭޝަން ކުލަބު މޮޅުވެއްޖެއެވެ.

ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް ސީގެ ފުރަތަމަ މެޗުން ފަތަހަ މޮޅުވީ އެމްއެޗްއޭއާ ވާދަކޮށް ފަސް ވިކެޓުންނެވެ.

މި މެޗުގެ ގުރުދިމާވުމުން އެމްއެޗްއޭ އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދުނީ 110 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 23 ބޯޅައިން 34 ލަނޑު ހެދި ކަސުން ޗަތުރަންގައެވެ. ޖަވާބުގައި ފަތަހަ ކުޅެން އަރައި 6.5 އޯވަރުގެ ތެރޭގައި ވަނީ ދެ ކުޅުންތެރިން ނުބައިވެގެން 111 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 13 ބޯޅައިން 32 ލަނޑު ހެދި ކައުސަރު އަޙްމަދާއި، 10 ބޯޅައިން 30 ލަނޑު އެއްކުރި ސޮހެލް މިއާއެވެ.

މީގެ އިތުރުން މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް ސީގެ ދެވަނަ މެޗުން އެސްޓީއޯ މޮޅުވީ އަނަކީ ސްޕޯޓްސް ކުލަބާ ވާދަކޮށް ހަތް ވިކެޓުންނެވެ.

މި މެޗުގެ ގުރުދިމާވުމުން އަނަކީ އެންމެ ފުރަތަމަ ކުޅެން އަރައި 7.4 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 81 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 14 ބޯޅައިން 35 ލަނޑު ހެދި މުޙައްމަދު ޝިޔާމެވެ. ޖަވާބުގައި އެސްޓީއޯ ކުޅެން އަރައި 3.3 އޯވަރުގެ ތެރޭގައި ވަނީ އެއްވެސް ކުޅުންތެރިއަކު ނުބައިނުވެ 83 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ އަށް ބޯޅައިން 35 ލަނޑު ހެދި އާލަމް ނޫރާއި، އަށް ބޯޅައިން 26 ލަނޑު އެއްކުރި މުޙައްމަދު ކޮސުލްއެވެ.

މި އަހަރުގެ ކޮމްޕެނީ މުބާރާތުގައި 12 ޓީމެއް ބައިވެރިވެފައިވާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ ނުވަވަނަ ދުވަހެވެ.