ކުޅިވަރު

ވެޓެރަންސް ލީގު: ދަ ގްރާންޑޭ ބަލިކޮށް ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް ފައިނަލަށް


40 އަހަރުން މަތީގެ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ އެފްއޭއެމް ވެޓެރަންސް ލީގު 2024 ގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް ކުލަބުން ހޯދައިފިއެވެ.

ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ސެމީގެ މެޗު ހުޅުމާލެ ވެޓެރަންސްއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ހުޅުމާލެ ވެޓެރަންސްއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، އެ ޓީމުން ލީޑު ނަގާފައިވަނީ މެޗުގެ 23 ވަނަ މިނެޓުގައެވެ. އޭރިއާ ތެރެއިން ލިބުނު ރިބައުންސް ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހީމް މާޖިދެވެ. އަދި ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި ހުޅުމާލެ ވެޓެރަންސްއިން ވަނީ ލީޑު ފުޅާކޮށްފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހުސެއިން ޝިމާޒް (ކޮކީ) އެވެ. މިއީ އޭރިއާ ތެރެއިން ހުޅުމާލެ ވެޓެރަންސްގެ އަބްދުލް މަޖީދު އިބްރާހީމް (މަޖިއްޓެ) އަށް، ދަ ގްރާންޑޭގެ ޑިފެންޑަރު އަލީ ނަސީރު ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ.

މި މޮޅާއެކު މި މުބާރާތުގެ ފައިނަލަށް ހުޅުމާލެ ވެޓެރަންސް ދަތުރުކުރިއިރު، އެ ޓީމުން ވަނީ އެންމެ ފަހުން ބޭއްވި ދެ މުބާރާތުގެ ޗެމްޕިއަންކަންވެސް ހޯދާފައެވެ. އަދި މިދިޔަ އަހަރުގެ މުބާރާތް ހުޅުމާލެ ވެޓެރަންސްއިން ކާމިޔާބުކޮށްފައިވަނީ ފައިނަލުގައި ދަ ގްރާންޑޭ 5-2 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

މި ފަހަރުގެ ފައިނަލުގައި ހުޅުމާލެ ވެޓެރަންސް ނުކުންނާނީ މުއިވެޔޮ ފްރެންޑްސްއާ ދެކޮޅަށެވެ. އެ ޓީމުން ފައިނަލުގެ ޖާގައެއް ހޯދީ ސެމީގެ ފުރަތަމަ މެޗުގައި 1-0 ގެ ނަތީޖާއަކުން ދިވެހި ސިފައިންގެ ކުލަބު ބަލިކޮށްގެންނެވެ. ހުޅުމާލެ ވެޓެރަންސް އާއި މުއިވެޔޮ ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރެވެ.