ޚަބަރު

ޑެޕިއުޓީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެ މަޤާމަށް އަޝްފާން


ޑެޕިއުޓީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެ މަޤާމަށް އަހުމަދު އަޝްފާން އައްޔަންކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ސޯޝަލް މީޑިއާގެ މަންސަތަކުގައިވަނީ އަޝްފާން އެމަޤާމަށް އައްޔަންކުރެއްވިކަން ހާމަކުރައްވާ އޭނާއަށް މަރުހަބާ ކިޔާފައެވެ. އަދި އޭނާގެ ބެލެހެއްޓުމުގެ ދަށުން ކުރިއެރުންތަކެއް އިމިގްރޭޝަނަށް ލިބިގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވިދާޅުވެފައެވެ.

ޑެޕިއުޓީ ކޮންޓްރޯލަރ މަޤާމަށް އައްޔަން ކުރެވުނު އަޝްފާން އަކީ އިމިގްރޭޝަން އޮފިސަރެއްގެ ގޮތުގައި އެ އިދާރާގައި 18 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ފަރާތެކެވެ.

މިމަޤާމުގައި ކުރިން ހުންނެވީ އިބްރާހިމް އަޝްރަފްއެވެ. އޭނާ އެ މަޤާމަށް އައްޔަން ކުރީ 2018 ވަނަ އަހަރު ޑިސެމްބަރު މަހުއެވެ.

އަޝްފާން އަކީ ދިވެހި ފުޓްބޯޅައިގަވެސް ފާހަގަކުރެވުނު ތަރިއެކެވެ. އެގޮތުން ޤައުމީ ޓީމަށްވެސް އަޝްފާން ކުޅެފައިވާއިރު އޭނާއަކީ ޤައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ)ގެ ބޭބެއެވެ.