ޚަބަރު

އަހަރުތައް ބޭކާރުވާގޮތަށް މަޖިލީހަށް މެންބަރުން ހޮވުމަކީ ކޮށްގެންވާނެ ކަމެއްނޫން: ރައީސް


  • ރައީސް ވެރިކަމާއި ހަވާލުވެވަޑައިގަތީ ނަތީޖާ ނެރެދިނުމަށް ވައުދުވަމުން

  • 5 އަހަރު ބޭކާރުވާ ގޮތަށް މެންބަރުން ނުހޮވުމަށް ރައީސް ގޮވާލެއްވި

އަހަރުތައް ބޭކާރުވެގެންދާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަކީ ކޮށްގެންވާވަރު ކަމެއް ނޫން ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި މިރޭ ބޭއްވި ސިޔާސީ ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންނެވީ ނަތީޖާ ނެރޭނެ ވަޢުދުތަކެއް ކަމަށެވެ. އަމާޒު ހުރީ ނަތީޖާ ނެރެވޭ ސަރުކާރެއް ޤާއިމްކޮށް ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމަށް ކަމަށް ވިދާޅުވިއެވެ.

ރައިސުލްޖުމުހޫރިއްޔާ ވަނީ ސަރުކާރުން ރައްޔިތުންގެ ކުރިއެރުމަށް ކުރަން ހުރި މަސައްކަތް ނުކޮށް އެއްވެސް ވަގުތެއް ބޭކާރު ގޮތުގައި ހޭދަ ކުރުމަށް ބޭނުން ނުވާކަމަށް ވިދާޅުވެފައެވެ.

"އެންމެ ދުވަހެއްވެސް، އެންމެ ރެއެއްވެސް ބޭކާރު ވެގެންދާކަށް އަޅުގަނޑު ބޭނުމެއް ނުވޭ އެކުރަން އޮތްކަން ކުރުމުގައި ވަގުތު ހޭދަނުކޮށް ނަތީޖާ ނެރުމުގެ މަސައްކަތް ނުކޮށް. ނަތީޖާ ނެރެވެން އޮތީ މަޖިލީހުގެ ދައުރާއި އެކީގައި. އެހެންވީމަ ބޭކާރުވެގެންދާ އަހަރުތަކަކަށް ވެގެންދާނެ ގޮތަކަށް މަޖިލީހަށް އަޅުގަނޑުމެން މެންބަރުން ހޮވުމަކީ އަޅުގަނޑުމެން އަތުން ކޮށްގެންވާނެ ކަމެއް ނޫން" ރައީސް ވިދާޅުވިއެވެ.


ބާރުމިނުގައި ނަތީޖާ ނެރެދެވޭނެ ސަރުކާރެއް ޤާއިމް ކުރައްވާނެ ކަމަށް ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ރައީސް ވިދާޅުވިއެވެ. އަދި ކުރީ ސަރުކާރުގައި މަސައްކަތްތައް ހިނގަމުން ދިޔަ ސްޕީޑު ލަސްކަން އޭރުވެސް ރައީސް ވާނީ ފާހަގަކުރައްވާފައެވެ.

ސަރުކާރައި ހަވާލުވުމަށް ފަހު، ނަތީޖާ ނެރުމުގެ ވިސްނުން ގެންގުޅުއްވާކަން ރައީސް ވަނީ ހާމަ ކުރައްވާފައެވެ. އެގޮތުން ގެދޮރުވެރިކަމުގެ މައްސަލަ ހައްލު ކުރުމަށް ރަސްމާލެ ޕްރޮޖެކްޓު މަދު ދުވަސްކޮޅެއްގެ ތެރޭގައި ފަށައި އަދި ކުރީ ސަރުކާރު ދައުރު ހަމަވިއިރު މަޑު ޖެހިފައި ހުރި މަޝްރޫޢުތައްވެސް އަލުން ވަނީ ފައްޓަވައިދެއްވާފައެވެ.

އެގޮތުން މި ސަރުކާރުން މިހާރުވެސް 500 އަށްވުރެ ގިނަ މަޝްރޫޢު ހިންގަމުންދާ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވިދާޅުވެފައެވެ.