ޚަބަރު

މިދިޔަ 5 އަހަރު ސަރުކާރުން މާލޭ ތަރައްޤީކުރަން ކޮށްދިން ކަމެއް ނެތް: ރައީސް


  • މޭޔަރު ކަމުގައި ކޮށްދިންކަމެއް ފިޔަވައި މިދިޔަ 5 އަހަރު މާލެއަށް ގެނައި ތަރައްޤީއެއް ނެތް

  • ރައްޔިތުން އެންމެ ބޭނުންވާ ކަންކަން މިއަހަރުގެ ތެރޭގައި އަމަލީގޮތުން ފެށިގެންދާނެކަމަށް ވިދާޅުވި

އެމްޑީޕީއަށް ސަރުކާރާއި މަޖިލީހުގެ ސުޕްމެޖޯރިޓީ އޮވެ، މާލެ ތަރައްޤީކުރަން ލިބުނު ރަނުގެ ފުރުޞަތު ދޫކޮށްލީ ކަމަށާއި މިދިޔަ 5 އަހަރު މާލެއަށް ކޮށްދިން ކަމެއް ފެންނަން ނެތްކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ސަރުކާރު ކޯލިޝަންގެ ފަރާތުން މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓެއްގެ ކެމްޕެއިން ޙަރަކާތެއްގެ ތެރެއިން ދެއްކެވި ވާހަކަ ފުޅުގައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ކުރީގެ ސަރުކާރު ހިންގި ޕާޓީއަށްއޮވެ މާލެ ތަރައްޤީކުރަން ފުރުސަތު ލިބިވަޑައިގަތް ނަމަވެސް އެ ފުރުސަތު އެބޭފުޅުން ދޫކޮއްލެވީ ކަމާށާއި ނިމިދިޔަ 5 އަހަރު އެންޑީޕީ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ކޮށްދެވުނުކަމެއް ފެންނަން ނެތްކަމަށެވެ.

މިދިޔަ 5 އަހަރުގެ ތެރޭގައި މާލެއަށް ކަމެއް ކޮށްދެވުނީ އެމަނިކުފާނު މޭޔަރަކަށް ހުންނެވި މުއްދަތުގައި ސިޓީ ކައުންސިލުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެކަންކަމަށްވެސް އޭރު ސަރުކާރުގެ އެއްބާރުލުމެއް ލިބިވަޑައިނުގަންނަވާ ކަމަށެވެ.

މާލޭގެ އިތުރުން ޖުމްލަކޮށް މުޅިރާއްޖެއަށްވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގެދޮރުވެރިކަމުގެ މައްސަލަކަން ފާހަގަކުރައްވައި ރައީސް ވަނީ މިދިޔަ ރިޔާސީ އިންތިޚާބު ބޯމަތިވުމުން ސަރުކާރުން މާލެ ކައިރީ ނުހިއްކާއޮތް ފަޅަކުން ގޯތިދިން ނަމަވެސް އެއީ ރައްޔިތުންނަށް ހެޔޮއެދިގެން ކުރިކަމެއް ނޫންކަމަށެވެ.


ރައީސް ވަނީ މިދިޔަ 4 މަސްތެރޭ މަޖިލީހުގެ ތެރެއިން ސަރުކާރަށް އެކިގޮތްގޮތަށް ކުރިމަތިކުރުވި ހުރަސްތައް ކުރިއަށްއޮތް މަޖިލީހުގެ ދައުރު ދީފިނަމަ ތަކުރާރުވާނެކަމަށާއި، އޭގެ ގެއްލުން ރައްޔިތުންނަށް އެތައްގޮތަކުން ކުރިމަތިވާނެކަމަށެވެ.

"އަޅުގަނޑަށް ޔަޤީން މާލޭގެ ރައްޔިތުން ބޭނުންވާނީ މާލެއަށް ބޭނުންވާ ގޯތިގެދޮރުގެ މައްސަލަ ޙައްލުވާން، އިޖްތިމާޢީގޮތުން މާލޭގައި ހައްލުކުރަންޖެހޭ ކަންކަމަށް ހައްލުގެނެސްދޭން، މަގުތައްހެދި، ޕާކިންގެ މައްސަލަ ޙައްލުވެ، މުޅިމާލެއަށް ހަމަޖެހުން އަންނަން މާލޭގެ ރައްޔިތުން ބޭނުންވާނީ. އެންމެ ފުރަތަމަ ބޯހިޔާވަހިކަން ދެން އެހެން ކަންކަން. މިކަންކަން ކޮށްދެވޭނީ މަޖިލިސްގެ އެއްބާރުލުން ސަރުކާރަށް ލިބިގެން" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކަންކަން މިއަހަރުގެ ތެރޭގައި އަމަލީގޮތުން ފެށިގެންދާނެކަން ފާހަގަކުރައްވާފައެވެ. އެގޮތުން ގެދޮރު އިމާރާތްކުރުން ފެށުމާއި، ލުއި ލޯން ދޫކުރުމަށް ކުރަންޖެހޭ ހުރިހާކަމެއް ބާރު ސްޕީޑުގައި މިހާރު ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ގުޅީފަޅާއި ގިރާވަރުފަޅު ތަރައްޤީކޮށް މާލެ ސިޓީގެ ރައްޔިތުންނަށްވެސް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތައް މި 5 އަހަރުގެ ތެރޭގައި ހައްލުކޮށްދެއްވާނެކަމަށް ވިދާޅުވާ ވިދާޅުވުން އެމަނިކުފާނު ވަނީ ތަކުރާރުކުރައްވާފައެވެ.