ޚަބަރު

ރައީސް ޑރ. މުޢިއްޒު ހުޅުމާލެ މެދު ދައިރާގެ ރައްޔިތުންގެ ގާތަށް


ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލޭގައި ސިލްސިލާކޮށް ކުރިއަށްގެންދަވާ ޑޯޓުޑޯ ހަރަކާތުގެ ތެރެއިން ހުޅުމާލެ މެދު ދާއިރާގެ ބައެއް ގެތަކަށް ޒިޔާރަތް ކުރައްވައިފިއެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ ފަރާތުން މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންނަށް ތާއީދު ހޯއްދެވުމުގެ ގޮތުން މާލޭގައި ކުރިއަށްގެންދާ ޑޯޓުޑޯ ހަރަކާތުގެ ތެރެއިން މިހާތަނަށް މާލޭގެ އެކި އަވަށްތަކަށް ނިސްބަތްވާ ސަރަހައްދުތަކެއްގައި ރައީސް ވަނީ ޑޯޓުޑޯ ކުރިއަށް ގެންދަވާފައެވެ. އަދި އެ ސަރަހައްދުތަކުގައި ދިރިއުޅޭ އާއިލާތަކަށް ބައްދަލުކޮށް އެމީހުންގެ ކަންބޮޑުވުންތައް ރައީސް ވަނީ އަޑުއައްސަވާފައެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ ކޮންމެ ބުރާސްފަތި ދުވަހާއި ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޑޯޓޫޑޯ ކެމްޕެއިންގައި ބައިވެރިވެވަޑައިގަންވައެވެ. މި ހަރަކާތް ކުރިއަށްގެންދަނީ އެދުވަސްތަކުގެ މެންދުރު 2:00 އިން 3:00 އަށެވެ. އަދި ބައެއް ހަރަކާތްތައް ރޭގަނޑުވެސް ކުރިއަށްގެންދެއެވެ. ޑޯޓޫޑޯ ކެމްޕެއިން ކުރިއަށްދާނީ އަންނަ މަހުގެ 8 ވަނަ ދުވަހާ ހަމައަށްކަމަށް ކޯލިޝަނުން ބުންޏެވެ.

މިމަހުގެ 21 ވަނަ ދުވަހު ބާއްވާ މަޖިލީހުގެ އިންތިޚާބުގައި މެންބަރުން އިންތިޚާބުކުރާ 93 ދާއިރާގެ ތެރެއިން، ޕީޕީއެންސީން 89 ދާއިރާއަކަށް ކެނޑިޑޭޓުން ވާދަކުރެއެވެ.