ޚަބަރު

ޣައްޒާގެ އިޖްތިމާޢީ ޚިދުމަތްތެރީންނަށް އަމާޒުކޮށްދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި


  • އިޒްރޭލުން ދިން މި ހަމަލާގައި 7 މީހުން ވަނީ ޝަހީދުކޮށްލާފައި

  • ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ވަނީ ތަޢުޒިޔާ ފޮނުއްވާފަ

ފަލަސްޠީނުގެ ޣައްޒާގައި މަސައްކަތްކުރާ އިޖްތިމާޢީ ޚިދުމަތްތެރީންނަށް އަމާޒުކޮށްދިން ނުރައްކާތެރި ވައިގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

މި ހަމަލާ ދީފައިވަނީ ޣައްޒާގައި ހުންނަ "ވޯލްޑް ސެންޓްރަލް ކިޗަން" ގައި މަސައްކަތްކުރާ ބަޔަކަށް އަމާޒުކޮށްގެންނެވެ. އިޒްރޭލުން ދިން މި ހަމަލާގައި 7 މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

މިކަމާއި ގުޅިގެން ނެރުއްވި ބަޔާނުގައި ދިވެހި ސަރުކާރުން ވަނީ މިކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
އަދި، ވަކި ބަޔަކަށް އަމާޒުކޮށްގެން މިފަދަ ޙަމަލާތައް ދިނުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާވެސް ޚިލާފުކަމެއްކަން މި ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ. ހަމައެހެންމެ، ޣައްޒާގައި އިޖްތިމާޢީ މަސައްކަތްކުރާ އެންމެހާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހޭ ކަމަށް މި ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ޔަހޫދީ އިޒްރޭލުން ހުރަސްއަޅަމުންދާކަން ފާހަގަކޮށް، އެކަން ރާއްޖެއިން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

މި ބަޔާނުގައި މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކުގެ މެންބަރުންނަށާއި "ވޯލްޑް ސެންޓްރަލް ކިޗަން" އަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ވަނީ ތަޢުޒިޔާ ފޮނުއްވާފައެވެ.

ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އެކި ކަންކޮޅުތަކަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް އިތުރުކޮށް, ވަރުގަދަ ކޮށްފައެވެ. ޔަހޫދީންގެ ގަތުލުއާންމު ފުޅާ ކުރަމުން މި ދަނީ, ޢުދުވާންތައް ހުއްޓައިލަން ގޮވައިލާ އދ. ގެ ސަލާމަތީ މަޖިލީހުން ޤަރާރެއް ފާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ. އޮކްޓޫބަރު 7އިން ފެށިގެން ޔަހޫދީން ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 32975 އަށް އުފުލިފައެވެ.