ޚަބަރު

ސަރުކާރުން ހަދިޔާކުރައްވާ ކާޑުގެ ބާވަތްތަކާ ހަވާލުވާން އިތުރު ފުރުޞަތެއް


  • މިތަކެތި އެސްޓީއޯގެ ކާޑު ގުދަނުން ލިބޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖެހިފައި

  • ހުކުރު ދުވަސްނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 13:00 އަށް ކާޑު ބަހާނެ

  • މި ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް

ރަމަޟާން މަހަށް ހާއްޞަ ކޮށްގެން ސަރުކާރުން ކޮންމެ ގޭބީސީއަކަށް ހަދިޔާކުރައްވާ ކާޑުގެ ބާވަތްތައް މާލެ ސަރަހައްދުން މިހާތަނަށް ނުނެންގެވޭ ފަރާތްތަކަށް، އެތަކެއްޗާ ހަވާލުވުމަށް އިތުރު ފުރުސަތެއް އެސްޓީއޯ އިން ދީފިއެވެ.

ރަމަޟާން މަހާއި ދިމާކޮށް ސަރުކާރުން ރައްޔިތުންނަށް ޚާއްސަ އިނާޔަތްތަކެއް ދިނުމުގެ ގޮތުން ކޮންމެ ގޭބީސީއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި 10 ކިލޯގެ ފުށް ބަސްތާއެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމާއެއްގޮތަށް ސަރުކާރުން ވަނީ އެތަކެތި ބަހާފައެވެ. ސަރުކާރުން ކޮންމެ ގޭބިސީއަކަށް ހަދިޔާކުރައްވަން ނިންމެވި ކާޑުގެ ބާވަތްތައް ބަހަން ފަށާފައިވަނީ މިދިޔަ މަހުގެ 9 ވަނަ ދުވަހުއެވެ.

ގޭބީސިތަކަށް ކާޑުގެ ބާވަތްތައް ހަދިޔާކުރެއްވުމަށް ސަރުކާރުން ހަވާލުކުރެއްވި އެސްޓީއޯއިން ބުނީ މާލެ ސަރަހައްދުން ކާޑުގެ ބާވަތްތަކާ ހަވާލުވާން ހުޅުވާލި ފުރުޞަތުގައި އެތަކެތި ނުގެންދެވުނު ފަރާތްތަކަށް އެސްޓީއޯގެ ކާޑު ގުދަނުން މިހާރު އެތަކެތި ލިބޭނެ އިންތިޒާމްހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން، ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 13:00 އަށް އެސްޓީއޯ ކާޑު ގުދަނުން ކާޑުގެ ބާވަތްތައް ދޫކުރަމުންދާނެކަމަށާއި، މި ފުރުސަތު މި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެކަމަށް އެކުންފުނިން މަޢުލޫމާތުދެއްވިއެވެ.

ސަރުކާރުން ރަމަޟާން މަހަށް ޚާއްސަކޯށްގެން ބަހާ ކާޑުގެ ބާވަތްތައް ދޫކުރަނީ ހަމައެކަނި ދިވެހީންނަށެވެ. އެގޮތުން އެސްޓީއޯ އިން ކާޑު ދޫކުރަމުން ގެންދަނީ ކޮންމެ ގޭބިސީއެއްގެވެސް ކަރަންޓު މީޓަރުގެ ނަންބަރަށް ބެލުމަށްފަހު ކާޑު ބަލާ އަންނަ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ނޯޓު ކުރުމަށްފަހުގައެވެ.