ޚަބަރު

ތައިވާނަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު ހަތަރަކަށް


ތައިވާނަށް ބާރުގަދަ ބިންހެލުމެއް އައިސް ހަަތަރު މީހުން މަރުވެއްޖެއެވެ. ރިކްޓަރ މިންގަނޑުން 7.2ގައި ރެކޯޑު ކުރެވިފައިވާ މި ބިންހެލުމާ ގުޅިގެން ބައެއް ޢިމާރާތްތައް ވެއްޓި, ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުވިއެވެ. އަދި, އެ ސަރަޙައްދުގައި އޮންނަ ޖަޕާނާއި ފިލިޕީންސަށް ސުނާމީއެއްގެ އިންޒާރު ނެރުނެވެ. ނަމަވެސް, ފަހުން އެ އިންޒާރު ވަނީ ބާޠިލު ކޮށްފައެވެ.

މި ބިންހެލުން އައިސްފައި ވަނީ ތައިވާނުގެ އިރުމަތީގައި އޮންނަ ފަރުބަދަމަތީ ސަރަޙައްދެއް ކަމުގައިވާ ހުއާލިއަނަށެވެ. ތައިވާނުގެ ސަރުކާރުން ބުނީ ބިންހެލުމާ ގުޅިގެން ކުރިމަތިވި ހާދިސާތަކުގައި ހަތަރު މީހަކު މަރުވެފައި ވަނީ އެ ސަރަޙައްދުން ކަމުގައެވެ. އަދި, އެ ސަރަޙައްދުގައި ދިރިއުޅޭ 50އަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވާ ކަމުގައި ވެސް ތައިވާން ސަރުކާރުން ބުންޏެވެ.

ބިންހެލުމާ ގުޅިގެން 26 ޢިމާރާތެއް ވެއްޓިފައިވާއިރު, އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ޢިމާރާތްތައް ވެއްޓިފައި ވަނީ ހުއާލިއަނުންނެވެ. ތައިވާން ސަރުކާރުން ބުނީ, ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެެލެވޭ 20 މީހަކު ހޯދައި, ސަލާމަތް ކުރުމަށް, ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކުން މަސައްކަތް ކުރަމުންދާ ކަމުގައެވެ.

ތައިވާނުގެ މޫސުމާ ބެހޭ އިދާރާއިން ބުނީ, ބިންހެލުން އައިސްފައި ވަނީ ބިމުގެ ސަތަހައިން 15.5 ކިލޯމީޓަރު ފުނަށް ކަމުގައެވެ. ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ބުނީ, ބިންހެލުމާ ގުޅިގެން ކުދި ރާޅުތަކެއް އުފެދިފައިވާ ކަމަށާއި, ޖަޕާނުގެ ދެކުނުގައި އޮތް އޮކިނަވާ ޕްރިފެކްޗަރގެ އައްސޭރިިފަށުގެ ސަރަޙައްދުތަކަށް ރާޅުތައް އަޅާފައިވާ ކަމުގައެވެ. އެ ރާޅުތަކާ ގުޅިގެން އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ބިންހެލުމާ ގުޅިގެން ސުނާމީއެއްގެ އިންޒާރު ނެރުމާ އެކު, ފިލިޕީންސުން ވެސް ވަނީ ރައްކާތެރި ފިޔަވަޅުތައް އަޅާފައެވެ. މި ގޮތުން, އެ ޤައުމުގެ ރަށްތަކުގެ އައްސޭރިފަށުގައި ދިރިއުޅޭ ގިނަ ޢަދަދެއްގެ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައިވެއެވެ. ތައިވާނުން ވެސް ސުނާމީއެއްގެ އިންޒާރު ނެރުނު ނަމަވެސް, އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް, ބިންހެލުމުގެ ލޮޅުންތަކުގެ އަސަރު ޗައިނާއާއި ޖަޕާނަށް ފޯރި ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ތައިވާނުގެ މޫސުމީ އިދާރާއިން ބުނީ, ބިންހެލުމާ ގުޅިގެން އެ ޤައުމުގެ އެކި ސަރަޙައްދުތަކަށް އިތުރު 25 ލޮޅުން އަރާފައިވާ ކަމުގައެވެ. ތައިވާނުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ތައިޕަވަރ ކުންފުނިން ބުނީ, ބިންހެލުމާ އެކު ކަރަންޓު ވިއުގައަށް ބޮޑެތި ގެއްލުންތަކެއްވެ, 87,000 ގޭބީސީން ޚިދުމަތް ކެނޑިފައިވާ ކަމުގައެވެ. އަދި, އެ ޤައުމުގައި ހުންނަ ދެ ނިއުކްލިޔަރ ހަކަތަ އުފައްދާ ޕްލާންޓަށް ބިންހެލުމުގެ ސަބަބުން ގެއްލުން ލިބިފައި ނުވާ ކަމުގައި ވެސް އެ ކުންފުނިން ބުންޏެވެ.

މިއީ, ފާއިތުވި 25 އަހަރުގެ ތެރޭގައި ތައިވާނަށް އައިސްފައިވާ އެންމެ ބާރުގަދަ ބިންހެލުމެވެ. އެންމެ ފަހުން މި ފަދަ ބާރުގަދަ ބިންހެލުމެއް ތައިވާނަށް އައިސްފައި ވަނީ 1999 ވަނަ އަހަރުއެވެ. އެ އަހަރު އައި ރިކްޓަރ މިންގަނޑުން 7.6ގައި ރެކޯޑު ކުރެވިފައިވާ ބިންހެލުމާ ގުޅިގެން 2,400އެއްހާ މީހުން މަރުވިއެވެ. އަދި, 50,000އެއްހާ ޢިމާރާތް ވެއްޓުނެވެ. ނުވަތަ ގެއްލުންވިއެވެ.