ޚަބަރު

މާރިޗް މަހު ޖުމްލަ 1127 މައްސަލަ، ގިނައީ ވައްކަމުގެ މައްސަލަތައް


  • ޓްރެފިކް އެކްސިޑެންޓުގެ 295 މައްސަލަ

  • މަސްތުވާ ތަކެއްޗާއި ގުޅޭ 130 މައްސަލަ

  • މުދާ ގެއްލިގެން 90 މައްސަލަ

މިދިޔަ މަހު އެންމެ ގިނައިން ފުލުހުންނަށް ހުށައަޅާފައިވަނީ ވައްކަމުގެ މައްސަލަަތައްކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ރަމަޞާންމަހަކީ އާއްމުކޮށް އެހެން މަސްމަހަށްވުރެ ވައްކަމުގެ މައްސަލަތައް އިތުރު މަހެއްކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިގޮތުން މިދިޔަމަހު ޖުމުލަ 1127 މައްސަލަ ފުލުހުންނަށް ހުށައެޅިއިރު އޭގެތެރެއިން 321 މައްސަލައަކީ ވައްކަމުގެ މައްސަލައެވެ.

ފުލުހުންނަށް ހުށައެޅޭ މައްސަލަތަކުގެ ތަފާސްހިސާބުތަށް ހާމަކުރަން ފެށީންސުރެއް ވައްކަމުގެ މައްސަލަތައް ހުރީ އެވްރެޖްކޮށް 3000 އިން މަތީގައެވެ. 2022 ވަނަ އަހަރު ނިމުނުއިރު ވައްކަމުގެ 3973 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ. އަދި 2023 ވަނަ އަހަރު ނިމުނު އިރު ވައްކަމުގެ 3818 މައްސަލަ ވަނީ ހުށަހަޅާފައެވެ.

ފުލުހުންގެ ތަފާސްހިސާބުން ދައްކާގޮތުން މި އަހަރުގެ މާރިޗް މަހުވެސް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ވައްކަމުގެ މައްސަލައެވެ. އެގޮތުން ވައްކަމުގެ 321 މައްސަލަ ވަނީ ހުށަހަޅާފައެވެ.

މާރިޗް މަހުގެ ތެރޭގައި ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޓްރެފިކް އެކްސިޑެންޓް މައްސަލަތަކެވެ. އެގޮތުން ޓްރެފިކް އެކްސިޑެންޓްތަކުގެ 295 މައްސަލަ ހުށަހަޅާފައިވާއިރު މަސްތުވާތަކެތީގެ ގޮތުގައި 130 މައްސަލަ ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން މުދާ ގެއްލިގެން 90 މައްސަލައެއް ހުށައަޅާފައިވެއެވެ. މަކަރާއި ޙީލަތް ހެދުމުގެ 47 މައްސަލައަކާއި މާރާމާރި ހިންގުމުގެ 74 މައްސަލައަކާއި، އަމިއްލަ މީހުންނާއި އާންމުންގެ މުދަލަށް ގެއްލުން ދިނުމުގެ 68 މައްސަލައެއްވެސް ހުސްވިމަހު ވަނީ ހުށައަޅާފައެވެ.

ފުލުހުން ވިދާޅުވީ މިދިޔަމަހު ޖިންސީ ގޯނާ ކުރުމުގެ 25 މައްސަލައަކާއި ފޭރުމުގެ 48 މައްސަލައަކާއި ގެވެށި އަނިޔާ ކުރުމުގެ 20 މައްސަލައެއްގެ އިތުރުން ފޯޖުކުރުމުގެ 9 މައްސަލައެއް މިދިޔަމަ މަހު ހުށައަޅާފައިވަކަމަށެވެ.

މާރިޗްމަހު އެންމެ ގިނައިން ހުށަހެޅުނު މައްސަލަތައް:

■ ވައްކަމުގެ 321 މައްސަލަ
■ ޓްރެފިކް އެކްސިޑެންޓުގެ 295 މައްސަލަ
■ މަސްތުވާ ތަކެއްޗާއި ގުޅޭ 130 މައްސަލަ
■ މުދާ ގެއްލިގެން 90 މައްސަލަ

ރަމަޞާންމަހު ވައްކަމުގެ މައްސަލަތައް އެންމެ ގިނައިން ފުލުހުންނަށް ހުށައަޅަނީ ހެނދުނު 9:00ގެ ފަހުންކަމަށާއި ވައްކަން އެންމެ ގިނައިން ހިނގާކަމަށް ބެލެވެނީ ރޭގަނޑު 10:00އާއި ހެނދުނު 09:00އާއި ދެމެދުކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ކުށް މަދުކުރުމަށް އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކުން ކައުންސިލްތަކާ ގުޅިގެން ދަނީ ތަފާތު މަސައްކަތްތައް ކުރަމުންނެވެ. ވަކިން ޚާއްޞަކޮށް ވައްކަމާއި އެކްސިޑެންޓްތައް މަދުކުރުމަށްޓަކައި، ތަފާތު އެކި ޕްރޮގުރާމުތައް ހިންގައި، އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ ޙަރަކާތްތަކެއް ފުލުހުން ގެންދަނީ ހިންގަމުންނެވެ.