ޚަބަރު

ކުރީ ސަރުކާރުގައި ސީއެސްއާރު މަޝްރޫޢުތައް ހިންގާފައިހުރީ ގެއްލުމުގައި ކުންފުނިތަކަށް ނުކަތާވަރަށް: ޕީސީބީ


  • މިދިޔަ ދައުރުގައިކުންފުނިތަކުގެ ސީއެސްއާރުހުރީ އެކި ގޮތަށް

  • ސީއެސްއާރު ޕޮލިސީ ތަންފީޒުވުމުން މި ދައުރު ނިމޭއިރު ކުންފުނިތައް ހަރުދަނާވާނެ

  • ޕީސީބީގެ އަމާޒަކީ ކުންފުނިތަކަކީ މާލީ މަންފާކުރާ، ރައްޔިތުންގެ އިތުބާރުހުރި ތަންތަނަށް ހެދުން

މިދިޔަ ސަރުކާރުގެ ފަސް އަހަރު ދުވަހު، ކުންފުނިތަކުގެ އިޖުތިމާޢީ ޒިންމާގެ ދަށުން ޕްރޮޖެކްޓުތައް ހިންގާފައިހުރީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ނުކަތާ ވަރަށް، ގެއްލުމުގައިކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީގެ ރައީސް ހަމްދީ އަގީލް ވިދާޅުވެއްޖެއެވެ.

ވޭތުވެދިޔަ 5 އަހަރު ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ އާމްދަނީއަށް ނުކަތާވަރަށް މަޝްރޫޢުތައް ނަގާ ހިންގާފައިވާކަމަށާއި، ކުންފުނިތަކަށް ފައިސާ ދީފައިވެސް ނުވާކަމަށް ސަރުކާރުން ހާމަކުރައްވާފައިވެއެވެ.މީގެ ސަބަބުން ބައެއް ކުންފުނިތަކަށް މާލީ ގޮތުން ވަނީ އަގު ނުކުރެވޭ ވަރުގެ ގެއްލުން ވެފައެވެ. މީގެ ތެރޭގައި ހިމެނޭ އެއް ކުންފުންޏަކީ ފެނަކަ ކޯޕަރޭޝަނެވެ. އައު މެނޭޖްމަންޓު ފެނަކައާ ހަވާލުވިއިރު އެ ކުންފުނީގެ ދަރަނި 4 ބިލިއަން ރުފިޔާއަށް އަރައެވެ. މީގެ އިތުރުން ވެސް މިދިޔަ ސަރުކާރުން އެންމެ ކާމިޔާބު ކުންފުންޏެއްގެ ގޮތުގައި ދެއްކި އެއް ކުންފުނިކަމަށްވާ އެމްޓީސީސީއިން ވެސް އެކި ފަރާތްތަކަށް ދައްކަންޖެހޭ ބިލިއަނެއްހާ ރުފިޔާ އޮތް ކަމަށް މިހާރުގެ މެނޭޖްމަންޓުން ވަނީ ހާމަކޮށްފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ޕީސީބީގެ ރައީސް ހަމްދީ އަޤީލް ވިދާޅުވީ ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ އިޖުތިމާޢީ ޒިންމާއާ ގުޅޭގޮތުން އެކުލަވާލާފައިވާ ސީއެސްއާރު ޕޮލިސީ ވަރަށް އަވަހަށް ތަންފީޒުކުރެވޭނެ ކަމަށެވެ. މިކަން ފާހަގަކޮށް ހަމްދީ ވިދާޅުވީ މިދިޔަ ދައުރުގައި އެކި ކުންފުނިތަކުގެ ނުވަތަ ކޯޕޮރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ނުވަތަސީއެސްއާރު ހުރީ އެކި ގޮތަށް ކަމަށެވެ. އަދި އެއީ އެންމެ ރަނގަޅު ގޮތް ނޫންކަމަށާއި އޭގެ ސަބަބުން ކުންފުނިތަކަށް ގެއްލުންވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ހަމްދީ ވިދާޅުވިއެވެ.

"ކުންފުނީގެ އާމްދަނީއާ ނުގުޅޭ ވަރަށް ސީއެސްއާރު ޕްރޮޖެކްޓުތައް ހިންގާފައިހުރިތަން ފެނޭ. އެއީ އެއްގޮތަކަށް ވެސް ރަނގަޅު އުޞޫލެއް ނޫން. ސީއެސްއާރު ޕްރޮޖެކްޓު ތަންފީޒުކުރެވުނީމަ އަޅުގަނޑު ޤަބޫލުކުރަނީ ކުރިއަށް އޮތް 5 އަހަރު ކުންފުނިތަކުގެ ހިންގުން ވަރަށް ބޮޑަށް ހަރުދަނާވެ، ދައުލަތަށް މަންފާ ލިބި ރައްޔިތުންނަށް ވެސް ފައިދާތަކެއް ލިބޭނެ." ހަމްދީ އަގީލް ވިދާޅުވިއެވެ.


ހަމްދީ ވިދާޅުވީ ޕީސީބީގެ އަމާޒަކީ ކުންފުނިތަކަކީ މާލީ ގޮތުން ފައިދާކުރާ، ރައްޔިތުންގެ އިތުބާރުހުރި އަދި ފައިދާކުރާ ތަންތަނަށް ހެދުން ކަމަށެވެ. އަދި ކުންފުނިތަކަކީ އެންމެ އެކަށޭނަ ތަންތަނަށް ހެދުމަކީވެސް އަމާޒެއްކަމަށް ހަމްދީ ވިދާޅުވިއެވެ. އަދި މިކަން ޙާސިލްކުރުމަށް ޕީސީބީއާއި މާލީ ވުޒާރާއާ ގުޅިގެން ދިރާސާތަކެއް ކުރަމުންދާކަން ހަމްދީ ފާހަގަކުރެއްވިއެވެ.

ކުންފުނިތަކުގެ ހިންގުން ހަރުދާނުކުރުމުގެ މަޤުސަދުގައި ޕީސީބީން ވަނީ ގަވަނަންސް އެވޯޑެއް ދިނުމަށް ވެސް ނިންމާފައެވެ. އެގޮތުން މި އެވޯޑު ޙާސިލުކުރާ ކުންފުނިތަކަށް މިމަހުގެ ފަހުކޮޅު އެވޯޑު ހަވާލުކުރެވޭނެކަމަށް ޕީސީބީން ބުނެއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަކީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ މަޤުސަދުގައި އުފައްދާފައިވާ އިދާރާއެވެ. މި އިދާރާ އުފެދުނީ 2013 ވަނަ އަހަރުއެވެ. ޕީސީބީގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ކުންފުނިތައް މޮނިޓަރކޮށް އުޞޫލުތަކާއި ގައިޑްލައިންތަކާއި ފްރޭމްވަރކްތައް އެކުލަވާލާ ތަންފީޒުކުރުން ހިމެނެއެވެ.