ޚަބަރު

ރައްޔިތުނަށް ބޭނުންވާ ކާނާގެ ބާވަތްތައް މި ދައުރުގެތެރޭގަ ރާއްޖޭގައި އުފައްދާނެ: ރައީސް


  • ފުޑްސެކިއުރިޓީ މައި ހަބެއްގެ ގޮތުގައި އުތުރުތިލަފަޅު ތައްރައްޤީ ކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައި

  • ދިވެހިންނަށް ބޭނުންވާ ހުރިހާ ކާނާ ރާއްޖޭގައި އުފެއްދޭނެ

  • މި 5 އަހަރު ތެރޭ މަސައްކަތުގެ ނަތީޖާ ފެންނާނެ

ދިވެހި ރައްޔިތުނަށް ބޭނުންވާ ކާނާގެ ބާވަތްތައް ރާއްޖޭގައި އުފައްދާނެ މައި ހަބެއްގެ ގޮތުގައި އުތުރުތިލަފަޅު ތަރައްޤީ ކުރައްވާ، މިފަސްއަހަރު ތެރޭގައި އެކަމުގެ ނަތީޖާ ފެންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހިޔާ ފްލެޓް ސަރަހައްދުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އުތުރު ތިލަފަޅުގައި ފަށާ އެ ޕްރޮޖެކްޓަކީ ދިވެހިންގެ ރާއްޖޭގެ ހަގީގީ އިހުސާސް ކުރުމަށްޓަކާ ފެށިގެންދާނެ އެންމެ ބޮޑު އެއް މަޝަރޫއު ކަމަށެވެ.

"އެތައް ސަތޭކަ މިލިއަން ޑޮލަރެއް އަޅުގަނޑުމެން މި ޚަރަދު ކުރަނީ ބޭރަށް، ރާއްޖޭގެ އުފެއްދޭނެ ކާބޯތަކެތި އެތެރެކުރަން، އަޅުގަނޑުމެންގެ އިޤްތިޞާދު ހަރުދަނާވާނީ އެ ޚަރަދު ހުއްޓާލައި ރާއްޖޭގެ ތަކެތި އުފައްދައިގެން" ރާއްޖޭގައި ކާނާ އުފެއްދުމުގެ މުހިންމުކަމަށް އަލިއަޅުއްވާ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ފުޑް ސެކިއުރިޓީގެ މި މަޝްރޫއަކީ އުތުރު ތިލަފަޅުގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނުގެ ބިންބޮޑު ރައްތަކަކަށް އަމާޒުކުރެވިގެން ކުރިއަށް ދާނެ މަޝްރޫޢުތަކެއްކަމަށެވެ.

މި ފަސް އަހަރުގެ ތެރޭގައި ފްޑް ސެކިއޔުރިޓީގެ މަޝްރޫގެ ނަތީޖާ ފެނި، ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި ރާއްޖޭގައި އުފެއްދިގެންދާނެ ކަމަށާއި، އެއީ ރައްޔިތުންނަށް ލިބިގެންދާނެ ނުހަނު ބޮޑު ހިންހަމަޖެހުމަކަށްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަޙައްދެއް ޤާއިމްކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީޒޯން ކުންފުނިން ޗައިނާގެ ހާބަރ އިންޖިނިއަރިންގް ކޮމްޕެނީ ލިމިޓެޑާއެކު ސަރުކާރުން މިހާރު ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.