ޚަބަރު

އިސްދުއާ ގަމު ކައުންސިލްގެ ބައި-އިލެކްޝަން އަންނަ މަހު، ކުރިމަތިލާން ހުޅުވާލައިފި


  • ގަމު ކައުންސިލުގައި ހުސްވެފައިވަނީ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި

  • އިންތިޚާބު އޮންނާނީ މެއި 18ގައި

  • ކުރިމަތިލެވޭނީ 16 އޭޕްރިލްގެ ނިޔަލަށް

ހައްދުންމަތީ އިސްދު އާއި އެއަތޮޅު ގަމު ކައުންސިލްގެ ބައި-އިލެކްޝަން އަންނަ މަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އެ ކޮމިޝަނުން ވިދާޅުވެފައިވާ ގޮތުގައި ލ. އިސްދޫ ކައުންސިލްގެ މެންބަރަކާއި ލ. ގަމު ކައުންސިލަށް އަންހެން މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން އޮންނާނީ އަންނަ މެއި މަހުގެ 18 ވަނަ ދުވަހުއެވެ. މި އިންތިޚާބުގައި ވާދަކުރަން ބޭނުންވާ މީހުންނަށް މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 1:00 އާ ހަމައަށް އެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ބައި-އިލެކްޝަނަށް ކުރިމަތިލާ މީހުންގެ ދަރަނީގެ ރެކޯޑާއި ކުށުގެ ރެކޯޑު ވާން ޖެހޭނީ 1 އޭޕްރިލް 2024 ގެ ފަހުން ސާފުކޮށްފައިވާ ރެކޯޑުތަކަށް ކަމަށެވެ.

މި ބައި-އިލެކްޝަނާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ނިޒާމު ވެސް މިހާރު އިލެކްޝަނުން ވަނީ ގާއިމުކޮށްފައެވެ. އެގޮތުން، އީމެއިލް މެދުވެރިކޮށް ޝަކުވާ ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ. އަދި ބައި އިލެކްޝަނުގެ ވަގުތީ ނަތީޖާ އިއުލާން ކުރުމާ ހަމައަށް ޝަކުވާ ހުށަހެޅޭއިރު، ވޯޓު ނަގާ ދުވަހު ވޯޓުލާ މަރުކަޒުތަކުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށްޓަކައި ވޯޓު ފޮށީގެ ވެރިޔާއަށް މައްސަލަ ހުށަހެޅޭނެ ކަމަށް ވެސް އިލެކްޝަނުން ވިދާޅުވިއެވެ.

ލ. އިސްދުއާއި ގަމު ކައުންސިލްގެ ހުސްވެފައިވާ މެންބަރުން އިންތިޚާބުކުރާ ބައި-އިލެކްޝަން އަންނަ މަހުގެ 18 ވަނަ ދުވަހު ކުރިއަށްދާނީ ހެނދުނު 8:00ން ހަވީރު 4:00 އަށެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ މެއި މަހުގެ 20 ވަނަ ދުވަހު އިއުލާން ކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.