މުނިފޫހިފިލުވުން

ވާހަކަ: އަހަރެންނަށް މަޢާފްކުރާށެވެ.


  • މިއީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ކުރުވާހަކަ މުބާރާތުގައި ބައިވެރިކޮށްފައިވާ ވާހަކައެއް

  • ލިޔުއްވީ: މަރްޔަމް ޝާއިގާ ,އިހާ/އއ.ރަސްދޫ

  • ހުށަހެޅުއްވީ: ޢަރުޝީ އަމީޒް،ގދ.މަޑަވެލި/ވީނަސް

  • އޮންއެއަރކުރާ ދުވަސް: 2024/04/01

ޢިޝާ ނަމާދުގެ ބަންގީގެ އަޑާއެކު މުހުސިން ކިޔަވަން އިން މުސްހަފް ލައްޕާލުމަށްފަހު، ތެދުވިއެވެ. ގެއިން ބޭރަށް ނުކުތުމަށްފަހު އޭނާއަށް ފުރަތަމަވެސް ބަލާލެވުނީ އުޑުމައްޗާ ދިމާލަށެވެ. ފާއިތުވި ދެތިންދުވަހު މޫސުން އިންތިހާއަށް ގޯސްވި ނަމަވެސް މި ވަގުތު އުޑުމަތިން ވިދަމުންދާ ތަރިތައް ސާފުކޮށް ފެންނަމުން ދެއެވެ. ސާދަ ވިލޭރޭގެ ހަނދުވެސް އޭގެ ވާޖިބު އެންމެ ފުރިހަމަ ކަމާއެކު އަދާކުރަމުން ދެއެވެ. ހިފައިގެން ނުކުތް ކުޑަ ގެންގޮސް މައިގެ ތެރޭގައި ބެހެއްޓުމަށްފަހު އޭނާގެ ހަ އަހަރުގެ ދަރިފުޅު މިސްބާހުގެ އަތުގައި ހިފައިގެން މުހުސިން މިސްރާބު ޖެހީ ގެއާ މާދުރުނޫން ހިސާބެއްގައި ހުރި މިސްކިތަށެވެ.

ޖަމާޢަތުގައި އިޝާނަމާދު ކުރުމަށްފަހު، އޭނާ އަވަސްވެ ގަތީ ގެއަށް ދިއުމަށެވެ. އެއިރު އޭނާގެ އަންހެނުން ސަކީނާއާއި 4 އަހަރުގެ ދަރިފުޅު މައިހާ އިނީ އެދެބަފައިންގެ އިންތިޒާރުގައެވެ. ވާނީވެސް އެހެންތާއެވެ އެކުޑަކުޑަ އާއިލާގެ ހުރިހާ މެންބަރުން އެކުގައި ރޭގަނޑުގެ ކެއުމަށް އިންސާފު ކުރަން ލިބޭނީ މިކަހަލަ މަދު ރެއެއްގައެވެ. މުޙުސިނަކީ މާލެދަތުރުކުރާ މީހެއް ކަމުން އެންމެން އެކުގައި ވަގުތު ހޭދަ ނުކުރެވޭނީ އެވެ. ވިއްސާރަވުމާ ގުޅިގެން ދަތުރުތައް ފަސް ވެފައިވާ ދުވަސް ކޮޅަކަށް ވާތީ މިދުވަސްކޮޅު އެފުރުސަތު ލިބުނީއެވެ.

މަޖާ ވާހަކަތަކާއި އެކު ރޭގަނޑުގެ ކެއުމަށް އިންސާފު ކުރުމަށްފަހު، ކުދިވެރިން ގޮވައިގެން މުހުސިން ދިޔައީ ފެންޑާގައި ހުރި އުނދޯއްޔަށެވެ. މަޑިސީލަ ނަގައިގެން އުނދޯލީގައި އިށީންނަމުން އޭނާގެ ދެކުދިން ކައިރީ

އަވަހަށް ދަތް އުނގުޅާ، ހެދުން ބަދަލުކޮށްގެން އުނދޯއްޔަށް އައުމަށް ބުންޏެވެ. ހަމަ ޖެހިލައިގެން ދުފަން އިންދާ ހަލުވި ދުވުމެއްގައި އެ ދެކުދިން އައިސް އުނދޯއްޔަށް އެރިއެވެ. ރީތި ނާނާއެއް ކިޔައިދެމުން އުނދޯލި ހެއްލަމުންދާތާ އިރުކޮޅެއް ފަހުން، ބަދިގެ ތެރޭގެ މަސައްކަތް ނިންމާލުމަށްފަހު ސަކީނާ އެތަނަށް އައެވެ. އެހިނދު ދޯނީގެ ޚަބަރެއް ބަލާފައި އަންނާނެ ކަމަށް ބުނަމުން މުޙުސިން ގެއިން ނުކުތީ ދެކުދިންގެ ނިއްކުރިއަށް ބޮސް ދިނުމަށް ފަހު ބަސްއަހައިގެން ނިދާލުމަށް ދެކުދިން ކައިރީގައި ބުނެފައެވެ. ލަސް ނުވެ އަންނާނެ ކަމަށް ބުނެ އޭނާ ދިއައީ ބަނދަރު މައްޗަށެވެ.

އާދައިގެ ހިނގުމެއްގައި ހިނގަމުން ގޮސް މުހުސިން ނުކުތީ ބަނދަރު މައްޗަށެވެ. ދަރިއަކު ފަދައިން ގެންގުޅެމުންދާ ދޯނީގެ ޚަބަރު ދަބަރު ބަލާލުމަށެވެ. ކޮންމެ ދުވަހަކުވެސް ދޯންޏަށް އަރާ، ދިޔަ ހިއްކާލައި ހެދުމަކީ އޭނާ ޤަވާއިދުން ކުރަމުން އަންނަ ކަންކަމެވެ. ދޯނީގެ ރިޔާތަކާއި އިންޖީނުތަކުގެ އިތުރުން ޕަންޕުތައް ރަނގަޅުތޯ ބެލުމަކީ ދެއިރު ކާ ބޭހެއްހެން އޭނާ ކުރާ ކަންކަމެވެ. ވާނީވެސް އެހެންތާއެވެ. ބައްޕަގެ ފަރާތުން އޭނާއަށް ލިބުނު ހަމަ އެކަނި ހަރު މުދަލަކީ އެއީއެވެ. މީގެ ދިހަ އަހަރު ކުރިން އޭނާގެ ބައްޕަ ތައްޙާނު ދޯނި ދަށުވެ ނިޔާވި ހިސާބުން އެ ދޯނީގެ ހުރިހާ ކަމެއް ބަލަހައްޓަމުން ދަނީ މުޙުސިން އެވެ. ބައްޕަގެ ހަނދާންތައް އައުކުރުމަށް މުހުސިން ކުރަންފެށި މި މަސައްކަތަކީ މިހާރު ދިރިހުރުމަށްޓަކައި އޭނާ ކުރާކަމެކެވެ.

ދިޔަ ހިއްކާ ޕަންޕު އިސްޓާޓު ކުރުމަށް ފަހު އޭނާ ފަހަތަށް އެނބުރިލީ މީހަކު އޭނާއަށް ގޮވާލި އަޑަށެވެ. މުހުސިން ބަލާލި އިރު ފަހަތުން ފެންނަން ހުރީ އޭނާ އާއެކު އެ ދޯނީގައި މަސައްކަތްކުރާ ހުސޭނެވެ. ދޯނިން ފައިބާގެން މުހުސިނާއި ހުސޭނު ހިނގައިގަތީ ރަށުގެ ބަނދަރު މަތީގައި ހުރި ހޮޓަލަށް ކޮފީއެއް ބޯލުމަށެވެ. އެކި ވާހަކައިގައި ތިބުމަށްފަހު ގަޑިބަލާލަމުން މުހުސިން ގޮނޑިން ތެދުވީ ބިލު ދައްކަން ދިއުމަށެވެ. ކައުންޓަރާ ކައިރިވެ ބިލު ދެއްކުމަށްފަހު، އޭނާ ހޮޓަލުން ނުކުތީ މޫސުން ރަނގަޅު ނަމަ

ހޮނިހިރު ދުވަހު މެންދުރު ނަމާދުން ފައިބާއިގެން،ދަރު ހިފައިގެން މާލެ ފުރަންވާނެކަމަށް ހުސޭނުގެ ކައިރީގައި ބުނެފައެވެ. ވަގުތަކީ ކާސިމްފުޅުވެސް އެ ހޮޓަލަށް ވަދެގެން ދިޔަ ވަގުތެވެ. ދުފާ ރަތްކޮށްގެން ހުރި ކާސިމްފުޅުގެ މޫނުން ހާސް ކަމާއި ކަންބޮޑުވުން ފާޅުވާން ހުއްޓެވެ. މުޅި މީހާ ހުރީ ދާހިއްލާ ފޯވެފައެވެ. މައި ނޭވާ ލެވިފައެވެ. ވަޑާމުގެ މަސައްކަތުގައި އަވަދިނެތި އުޅެމުން ލިބުނު ހުސް ވަގުތުގައި އޭނާ ހޮޓަލަށް އައީ ހިތްހަމަ ޖައްސާލުމުގެ ބޭނުމުގައެވެ. ނަމަވެސް ހޮޓަލުން ފެނުނު މީހާގެ ސަބަބުން އޭނާގެ މޫނު މަތީގެ ކުލަވަރު އޮއްސިއްޖެއެވެ. ވަރުބަލިކަމާއި ފޫހިކަން އިތުރުވި ކަހަލައެވެ. ހޮޓަލުން ނުކުންނަމުން، މުހުސިން ދިޔައީ ކާސިމްފުޅަށް ބޮލުގެ އިޝާރާތުން ސަލާމް ކޮށްލާފައެވެ. ކާސިމްފުޅު ހުރީ ހީނލަންވެސް ނޭންގިފައެވެ. ވާނީ ވެސް އެހެންތާއެވެ. ކާސިމްފުޅުގެ ހިތް އެމީހަކަށް ދެވިފައިވި ބައިވެރިޔާ އޭނާ ދޫކޮށް މުހުސިންއާ ކައިވެނި ކުރި ޚަބަރަކީ މީގެ ހަތް އަހަރު ކުރިން ކާސިމްފުޅަށް ލިބުނު ހިތާމަވެރި ޚަބަރެކެވެ. މުހުސިންގެ ބައްޕަ،ތައްޚާނުގެ ފިހާރައިން ވައްކަން ކުރި މައްސަލައިގައި 6 މަސް ދުވަހަށް ބަންދުގައި ހުރުމަށްފަހު، މިނިވަން ވެގެން އައިސް ސަކީނާގެ ޚަބަރު ބެލިއިރު ސަކީނާ ވަނީ މުހުސިންއާ ކައިވެނިކޮށްފައެވެ. ސަކީނާއާ ބައްދަލު ކުރުމަށް އެގޭ ދޮށަށް ދިއުމުން، އޭނާ އަކީ މީހެއްގެ ހައްޤެއް ކަމަށާއި އިތުރަށް އޭނާ ހޯދުމަށް ނައުމަށް ބުނުމުން ކާސިމްފުޅުގެ ހިތް ކުދިކުދިވި ކަހަލަ އެވެ. ހަމަ އެ ހިނދު އޭނާގެ ހިތް ރުޅިވެރިކަމާއި ނަފުރަތުން ފުރުނެވެ. ވާނީވެސް އެހެންތާއެވެ. ކަތީބުގެ ހުރި ހަމަ އެކަނި ދަރިފުޅާ ކައިވެނި ކުރުމަކީ ކާސިމްފުޅުގެ ހުވަފެނެކެވެ. އޭނާގެ އެ އެދުން ހާސިލްކުރުމަށް ކޮންމެ ފަދަ ކަމެއް ކުރާނެ ކަމަށް ކާސިމްފުޅު ވަނީ ސަކީނާއާއި ދިމާލަށް ބުނެފައެވެ. އަދި ކޮންމެވެސް ދުވަހަކުން ސަކީނާއަކީ ކާސިމްފުޅުގެ މިލްކަކަށް ހަދާނެ ވާހަކަވެސް އޭނާ ވަނީ ބުނެފައެވެ. ކާސިމްފުޅުގެ ހަށީގައި ނޭވާ ހިނގާހާ ހިނދަކު އެ މަސައްކަތް ހުއްޓާ ނުލާނެ ވާހަކަވެސް ކާސިމް ބުންޏެވެ. އެދުވަހުން ފެށިގެން އަދިވެސް ކާސިމްފުޅުގެ ހިތުގައި މުހުސިނާމެދު ރޯވި އަލިފާންގަނޑުގެ ގިނި މަޑެއް ނުވެއެވެ. ގިނީގެ މައްޗަށް

ގިނި ދުވަހެއް ދުވަހަކަށް އިތުރުވީ މީހުންގެ ހިތްތަކުގައި އޭނާއަށްވުރެ މުހުސިނަށް އޮތް ލޯބި އިތުރުވާކަމުގެ އިހުސާސް އޭނާއަށް ކުރެވެން ފެށުމާއެކުއެވެ.

ގެއަށް ވަނުމާއެކު މުހުސިން އަވަސްވެގަތީ ލޯބިވާ އަނބިމީހާ ސަކީނާ ކޮބައިތޯ ބަލާލުމަށެވެ. މުހުސިން ކޮޓަރި ދޮރު ހުޅުވާލުމާއެކު ސަކީނާ ދޮރުން ބޭރަށް ނުކުމެއްޖެއެވެ. ކުދިވެރިން ނިދާފާ ތިބުމާއެކު ދެމަފިރިން ބޭރަށް ނުކުމެލީ ރޭގަނޑުގެ އެ ހިތްގައިމު ވަގުތު އެކީގައި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ބޭނުމުގައެވެ. ދިރިއުޅުމުގެ ތަފާތު ވާހަކަތަކުގައި ދެމަފިރިން ހިނގަމުން ދިޔައީ ރަށުގެ އަތިރިމައްޗަށެވެ. އެ ހިތްގައިމު މާހައުލުން އިވެމުން ދަނީ ހަމައެކަނި ފަނި ފަކުސާގެ ގޮވުމުގެ އަޑެވެ. އެ އިވެމުންދާ މިއުޒިކަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ ސަކީނާގެ ހުނުމުގެ އަޑުންނެވެ. އަތިރިމަތީ ރާޅު ފެންފަށުގައި ދެމީހުން އަތުގައި ހިފައިގެން ހިނގަމުން ދާއިރު، އަތިރިމަތީ ހުރި ޖޯއްޔެއްގައި، ފަސްދީ ދިޔަ އެ ދެމަފިރިންނާ ދިމާއަށް ހަސަދައިގެ ނަޒަރުން ބަލަހައްޓައިގެން ހުރި ކާސިމްފުޅު އެމީހުންނަކަށް ނުފެނުނެވެ. އެމަންޒަރު ފެނުމުން ކަނައަތް މުއްކަވާލުމަށްފަހު،އުޑާ ދިމާލަށް ބަލާލަމުން ކާސިމްފުޅު ހިތާހިތުން ބުންޏެވެ. "ތިޔަ މުހުސިނަކާއެކީ މަގޭ ސަކީ އަށް އުޅެވެނީ ކިހާ ދުވަހަކުތޯ މަ ބަލާނަން.. މުހުސިންގެ ކިބައިން އަހަރެން ބަދަލު ހިފާނަން. އަހަރެންގެ މީހަކަށް ސަކީ ވާކަށް ދެން މާ ގިނަ ދުވަހެއް ނެތް". މިހެން ބުނުމަށްފަހު އަތިރިމަތީ ހުރި މަގޫ ގަސްތަކުގެ ތެރޭން ކަނޑާފައިވާ މަގަކުން އޭނާ އެއްގަމަށް ހިނގައިގަތެވެ.

ފަތިހުގެ ފިނީގެ އިހުސާސް ކުރެވުނު ނަމަވެސް ވައި ވަރަށް މަޑެވެ. އުދަރެހުން ވިއްސާރައިގެ ކުލަ ފަތިސްނަމާދު ބަންގީގެ އަޑާއެކު މުހުސިން ގެއިން ނުކުތީ މިސްކިތަށް ދިއުމަށެވެ. ނަމާދުކޮށްލައިގެން އޭނާ ދިއައީ ދޯނީގެ ޙާލެއް ބަލާލާށެވެ. ވިއްސާރައިގެ އަސަރު ފެންނާން ނެތުމުން އޭނާ ނިންމީ އަނެއް ދުވަހުގެ މެންދުރު ނަމާދުން ފައިބައިގެން މާލެ ދިއުމަށްޓަކައި ފުރާށެވެ. ރަށުތެރޭގައި ކޮންމެވެސް ވަރަކަށް ހިނގާލުމަށްފަހު އޭނާ ދިޔައީ ރަށުގެ ދެކުނު ފަރާތުގައި ހުރި ސައި ހޮޓަލަށް ކޮފީއެއް ބޯށެވެ. އެކަނިމާ

އެކަނި ކޮފީއެއްގައި އިންދެ ފަޅުވެރި ބައެއްކުދިންނަށް ފޯނުން ގުޅާލިއެވެ. އަދި ޖެހިގެން އަންނަ ދުވަހުގެ މެންދުރު ނަމާދަށް ފަހު މާލެ ދިއުމަށް ފުރަން ތައްޔާރުވުމަށް ބުނުމަށެވެ. ކޮފީ ބޯލައިގެން އޭނާ ދިޔައީ ގޭދޮށަށެވެ.

މުހުސިން ގެއަށް ދިއައިރު ސަކީނާ އޮތީ މަގުމަތި ކުނިކަހާށެވެ. އަވި އަރަން ވާއިރަށް މަގު މައްޗާއި ގޯތިތެރެ ކުނި ކެހުމަކީ އޭނާގެ އާދައެކެވެ. މުހުސިން ހަމަ ފެނުމާއެކު ކައިރީގައި ހުރި މައިހާ ދުއްވައިގަތީ އޭނާގެ ބައްޕަ ކައިރިއަށް ދިއުމަށެވެ. މައިހާ އުރާލައިގެން މުހުސިން އައުމާއެކު ސައިހަދަންވީތޯ ސަކީނާ އެހިއެވެ. އެއިރު ސަކީނާ ހުރީ ވަރުބަލިވެފައެވެ. ސައިބޯނީ އެންމެން އެކުގައި ކަމަށާއި ހޮނިހިރު ދުވަހުގެ ފަތިހު މާލެ ފުރަން ނިންމި ވާހަކަ އޭނާ ސަކީނާގެ ގާތުގައި ބުންޏެވެ. އަދި ﷲ ގެ ރަޙުމަތާއެކު ދަރުކޮޅު ވިއްކާލުމަށްފަހު ބޭނުންވާ ބައެއް މުދާ ހިފައިގެން ރަށަށް އަންނަން ރޭވުނު ވާހަކަ ބުންޏެވެ. އެންމެ ރަނގަޅު ކަމުގައި ބުނަމުން އެދުރުދައުތަގެ ގެއަށް ކިޔަވަން ދިޔަ، އެމީހުންގެ ދޮށީ ދަރިފުޅު ގެއަށް ގެނެސްދިނުމަށް ސަކީނާ އެދުނެވެ. އަދި އެސޮރު ގޮވައިގެން އަންނަން ވާއިރަށް އޭނާ ފެންވަރާލައިގެން ސައި ތައްޔާރު ކުރާނެ ވާހަކަބުނެފައި އޭނާ ވަނީ ގޭތެރެއަށެވެ. އެންމެ ރަނގަޅު ކަމުގައި ބުނަމުން މުހުސިން ހިނގައިގަތީ ކުޑަކުޑަ މައިހާގެ އަތުގައި ހިފައިގެންނެވެ. މުހުސިންއާއި ކުޑަ މަންޖެ ހިނގަމުންދާތަން ބަލަން ހުރި ސަކީނާ ސިއްސައިގެންދިއައީ، ޖެހިގެން އޮތް ގޯޅިން ނުކުތް ކާސިމްފުޅު އޭނާ އަށް ގޮވާލި އަޑަށެވެ. ސަކީނާ އަވަސް އަވަހަށް ގެއަށް ވަނެވެ. ނަމަވެސް ސަކީނާ ގޭގެ ދޮރު ލެއްޕުމުން ކާސިމްފުޅަކަށް އެގެއަކަށް ނުވަދެވުނެވެ. ކިޔަވާގެއިން ނިމިގެން ތިން ބަފައިން އެނބުރާ ގެއަށް އައީ ފިހާރައަށް ވަދެ ކުދިވެރިންނަށް މެޓާ ކޮޅަކާއި މެންދުރަށް ކެއްކުމަށް ބޭނުންވާ ބައެއް ތަކަތިވެސް ގަނެގެންނެވެ.

ގެއަށް އައުމާއެކު މުހުސިން އަވަސްވެގަތީ ކުދި ވެރިންނާއެކު ސައިބޯށެވެ. ސައިބޯން ތިބެގެން މާދަމާ މާލެ ފުރާނެ ވާހަކަ އޭނާގެ ކުދިން ކައިރީ ބުންޏެވެ. ކުޑަކޮށް ބޮޑާ ހާކާލުމަށްފަހު، ބައްޕަ ފުރުމުގެ ދިއުމުގެ

ކުރިން އެކުދިން ގޮވައިގެން މޫދަށް ދިއުމަށް އެކުދިން އެދުނެވެ. ކުޅިމަހާއި ރޮށި ކައިގެން ދެކުދިން ދިއައީ ބައްޕައާއެކު މޫދަށް ދާން ތައްޔާރުވާށެވެ. އެ ތުއްތު މޫނު ތަކުން ހިނިތުންވުން ފެންނަން ހުރިއިރު، އެކުދިންގެ މުސްތަޤުބަލާމެދު ފޮނި ހުވަފެންތަކެއް މުހުސިންއާއި ސަކީނާ ދެކެމުން ދެއެވެ.

ޖެހިގެން އައި ދުވަހު މެންދުރުގެ ކެއުމަށްފަހު، ކުޑަ ދެކުދިންގެ ގައިގާ ބައްދާލުމަށްފަހު މުހުސިން އަވަސްވެގަތީ ދޯންޏަށް ދިއުމަށެވެ. ފަޅުވެރިންނަށްވުރެ ކުރިއަށް ދޯންޏަށް އެރުމަކީ އޭނާގެ އާދައެކެވެ. ކޮނޑުގައި ދަބަސް އަޅުވައިގެން ގެއިން ނުކުތީ ނިކަން ހަމަޖެހިލާފައެވެ. ވިސްނުންތަކާ ދުރުވެ، ނިކަން ހަމަޖެހިލައިގެން އޭނާ ދިޔައިރު އަންނަން އުޅޭ ނުރައްކަލުގެ އިހުސާސް މުހުސިނަށް ނުވާ ކަހަލައެވެ. މުހުސިނާމެދު އެމީހެއްގެ ހިތުގައި ހަސަދަވެރިކަމުގެ ގިނި އަނދަމުންދާ ކާސިމު، މަގުކޮޅުގައި މުހުސިނާ ދިމާއަށް ބަލަހައްޓައިގެން ހުރިއިރު މަކަރުވެރި ހިނިތުންވުމެއް އޭނާގެ މޫނުގައި ހުއްޓެވެ. ކާސިމުގެ އަތުގައި އޮތް ފޫ ނާއްޓަށް ބަލާލުމަށްފަހު، މަގުގެ އަނެއްކޮޅުން ހިނގަމުންދާ މުހުސިނާ ދިމާއަށް ބަލާލަމުން، "މިކަން މިއަދު ކޮޅެއްގައި ޖައްސާނަމޭ" ކާސިމު ބުނެލީ ފަޚުރުވެރިކަމާއެކުގައެވެ.

މުހުސިން ދޯންޏަށް އެރިތާ ފަނަރަ ވަރަކަށް މިނެޓުތެރޭ އެދަތުރުގައި ބައިވެރިވުމަށް 7 މީހުންވެސް ދޯންޏަށް އަރާ ހަމަޖެހިލައިފިއެވެ. އަދި މަޑިސީލަ ނަގާ ރަނގަޅަށް ދުފާލުމަށްފަހު އެންމެންވެސް އެމީހެއްގެ މަސައްކަތާއިގެން މަސްއޫލުވެއްޖެއެވެ. ގަދަ ނޫކުލައިގެ ދަވާދުލައިފައިވާ އެ ދޯނީގެ ކުރީކޮޅުގައި ހުދު ގެގަނޑެއް ހުރެއެވެ. ގާތްގަނޑަކަށް 75 ފޫޓުގެ އެ ދޯންޏަކީ ރަށުގައި މާލެ ދަތުރު ކުރުމަށް އޮންނަ ދެ ދޯނީގެ ތެރެއިން އެއް ދޯންޏެވެ. ދެން އޮންނަނީ ގާތް ގަނޑަކަށް 50 ހަކަށް ފޫޓުގެ ކުޑަ ދޯންޏެކެވެ. ކުޑަ ދޯނި ވަނީ މަރާމާތު ކުރުމަށްޓަކައި ދުވަސްކޮޅެއް ކުރިން އެހެލާފައެވެ.

ރަށުގެ ދެކުނު ފަރާތު އަތިރިމަތީ ރާޅު ފެންފަށުގައި ހުއްޓި ހުރި ކާސިމްފުޅު ހުރީ މަޑު ދުވެއްޔެއްގައި ފަޅުން ނުކުންނަމުން ދިޔަ ދޯންޏާއި ދިމާއަށް ބަލަހައްޓައިގެންނެވެ. އަނދެގެން ހުރި މުންޑުގަނޑު އަރުވާޖަހާފައި ހުރި އިރު، އޭނާގެ ރަތްކުލައިގެ ޓީޝާޓު ކޮނޑު މަތީގައި އޮތެވެ. މަޑުމަޑުން ތުންތަޅުވަމުން ދާކަން އޭނާއަށް ބަލާލި ކޮންމެ މީހަކަށްވެސް އިނގޭނެއެވެ. އެގޮތުގައި އިރުކޮޅަކު ހުރުމަށްފަހު އޭނާ އެއްގަމަށް އަރައިގެން ހިނގައްޖެއެވެ. އެއިރު ރާޅުފެންފަށުގައި އޭނާ ގެންގުޅުނު ފޫނާށި އުއްޑުން ބަހައްޓާފައި ހުއްޓެވެ. ކޮންމެވެސް ވަރަކަށް ނާށިތެރޭގައި ވެލިވެސް ހުއްޓެވެ. އެއްގަމަށް އަރައިގެން ދިޔައިރު އޭނާގެ މޫނުމަތީގައި ވިހަ ހިނިތުންވުމެއްގެ އަސަރު ފާޅުވާން ހުއްޓެވެ.

ވައިހުރި މިސްރާބަށް ބަލައި ދޯނި ދަތުރު ކުރަމުން ދިޔައީ ރަށާ ފުދޭވަރަކަށް ދުރުންނެވެ. އޮއިވަރާ ދެކޮޅަށް ދުއްވަން ޖެހޭތީ ކުރިއަށް ދިއައީ ވަރަށްވެސް މަޑުންނެވެ. އަޞުރުން ފަސްވި އިރުވެސް މާ ދުރަކަށް ދެވުނު އިހުސާސެއް ނުކުރެވުނެވެ. ކުއްލިއަކަށް ވީނުވީއެއް ނޭންގުނެވެ. މަޑުމަޑުން އޮތް ކަނޑުގެ ރާޅުތަކަށް ކުއްލި ބަދަލެއް އައެވެ. ކޮންމެވެސް ވަރަކަށް ރާޅު ބޮޑުވާން ފެށިއެވެ. ދޯނީގެ މިސްރާބަށް އައި ބަދަލަކާއިއެކު އޭގައި ތިބި މީހުންނަށްވެސް ވާނުވާ އޮޅުނެވެ. އިސާހިތަކު އެ ބޮޑު ދޯނި ބަންޑުން ޖަހާލައިފިއެވެ. ދޯނިން ދަތުރުކުރި އެންމެން ކަނޑުވެއްޖެއެވެ. ވާނުވާ ނޭންގި ހިނގި ކުއްލި ހާދިސާއިން ދޯނި ސަލާމަތްކުރުމުގެ ނިޔަތުގައި ބައެއްމީހުން މަސައްކަތް ކުރަން ފަށައިފިއެވެ. ބަންޑުން އޮތް ދޯނި އުއްޑުން ޖެހިދާނެކަމުގެ އުއްމީދުގައެވެ. އެކިމީހުން އެކި ގޮތަށް އުޅެންފަށައިފިނަމަ އެކަކު އަނެކަކަށް ގެއްލި ސަލާމަތް ނުވެވިދާނެކަމުގެ ބިރު ހީވާތީއެވެ. ނަމަވެސް ދޯނީގެ ފަޅުވެރިއެއްގެ ގޮތުގައި ހުރި ހުސޭނު އެމީހުންގެ އަޑެއް ނޭހިއެވެ. އޭނާ ފަތައިގަތީ އެންމެ ކައިރިން ފެންނަން އޮތް ރަށާ ދިމާލަށެވެ. ކަނޑުވެފައިވާ ބަޔަކަށް ފަތާފައި އެ ހިސާބަށް ދިއުމަކީވެސް ނުހަނު ބުރަ ކަމެކެވެ. ނަމަވެސް ރަހުމަތްތެރިންނާއެކު ދަތުރު ކުރި ދޯނިވެސް ސަލާމަތްކުރުމުގެ ބޭނުމުގައި ފަތަމުން ދިޔައީއެވެ.

ފަތަމުން ދިޔަ ހުސޭނަށް އެރަށާ ހަމައަށް ދެވުނު އިރު، އަނދިރިވެއްޖެއެވެ. އަވަސްއަވަހަށް ދުއްވައިގަތީ މީހަކު ފެނޭތޯއެވެ. ވެފައިހުރި ވަރުބަލީގެ މަތިން ހަނދާންވެސް ނެތް ކަހަލައެވެ. ބައިގަޑިއެއް ހާއިރު ދުވި ފަހުން އޭނާއާ ބައްދަލުވީ މިސްކިތުން ފައިބައިގެން އައި މީހަކާއެވެ. ކަނޑުވީ! މަގޭ ދޯނި. ބައިވަރު މީހުން... މައިނޭވާ ލެވިފައިހުރި ހުސޭނަށް ރޮއިގަންނަމުން ބުނެވުނެވެ. އެހެން ބުނެވުނު ވަގުތު އޭނާ ހެއަށް ގޮތްވެގެން ވެއްޓިއްޖެއެވެ. މިސްކިތުން ފައިބައިގެން އައި އެހެން ބަޔަކަށް އެމަންޒަރު ފެނި އަވަސްވެގަތީ އޭނާއަށް ފަރުވާދޭށެވެ. އޭނާއަށް ފަރުވާ ދޭތާ ވިއްސަކަށް މިނެޓް ފަހުން އަނެއްކާވެސް އޭނާއަށްހޭވެރިކަން ވިއެވެ. އޭނާގެގައިގެ ވަރު ދެރަކަމުން އެރަށު މީހުން ފުރަތަމަ ބެލީ އޭނާއަށް ފަރުވާއެއް ދެވޭތޯއެވެ. ކުރުނބަލެއްގެ ފެން ދީ މީހާ ހަމަޖައްސާލުމަށްފަހު އެމީހުން ވާނުވާ އޮޅުން ފިލުވިއެވެ. ކޮންރަށެއްގެ ކާކުތޯއާ ވީ ކިހިނެއްތޯ ސާފު ކުރުމަށް ސުވާލު ކުރަން ފެށުމާއެކު ހުސޭނަށް ރޮވިއްޖެއެވެ. އެކަމަކު ހިތްވަރު ކޮށްލާފައި ޖަވާބު ދިނެވެ. " އަހަންނަކީ ހުސޭނު... މީ....މީ.... ބެރިންމަދޫ މީހެއް... އަހަރެން...." ހުސޭނަށް ގިސްލެވުނެވެ. ކައިރީގައި ތިބި މީހުން އޭނާގެ ބުރަކަށިގައި މަޑުމަޑުން ފިރުމާލިއެވެ. އަދި ހިތްވަރުކޮށްފައި ވެގެން އުޅޭގޮތް ކިޔައި ދިނުމަށް އެދުނެވެ. ހުސޭނު މަޑު މަޑުން ބޯ ޖަހާލުމަށްފަހު އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

"އަހަރެން ދަތުރުކުތި ދޯނި މިދިމާލުން ބަންޑުން ޖަހާލައިފި" ރަށުގެ އިރުމަރީ ފަރާތަށް އަތުން އިޝާރާތް ކުރަމުން ހުސޭނު ބުންޏެވެ. "ހަތް މީހުން.. ބައިވަރު ދަރު ހިފައިގެން... އެމީހުން ހޯދައިދީ.. ސަލާމަތްކޮށްދީ..." އަނެއްކާވެސް ހުސޭނަށް ގިސްލެވިއްޖެއެވެ. ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުން ހުސޭނަށް އިތުރަކަށް ވާހަކައެއް ނުދެއްކުނެވެ. ހުސޭނުގެ ވާހަކަ އަޑުއެހުމަށްފަހު އެ ރަށުގެ މީހުން އަވަސްވެގަތީ ރަށުގެ ކަތީބަށް އެޚަބަރު ދިނުމަށެވެ. އިސާހިތަކު ކަތީބު އޮފީސް ދޮށަށް ގޮސް ސަންގު ފުމުނެވެ. ރަށުގެ ކަތީބު ފުމުނު ސަންގުގެ އަޑަށް އެތަށް ބަޔަކު އޮފީސް ކުރިމައްޗަށް ޖަމާވިއެވެ. އަދި

ހިނދުކޮޅެއްގެ ތެރޭގައި ކުދި ދޯނި ތަކުގައި އެ މީހުން ފުރީ ދޯނި ބަންޑުން ޖަހާލި ކަމަށް ބުނާ ސަރަޙައްދަށް ދިއުމަށެވެ.

ހުރިހާ ދޯނި ތަކެއް ފުރުވާލުމަށްފަހު ކަތީބު އަވަސްވެގަތީ އެ ދޯނި ނިސްބަތްވާ ރަށުގެ އަހުލުންނަށް އެ ޚަބަރު ފޯރުކޮށްދޭނެ ގޮތެއް ބެލުމަށެވެ. ރޭގަނޑުގެ އެވަގުތު އެ މީހުންނަށް އެޚަބަރު ފޯރުކޮށްދިނުން ވީ އެހާމެ އުނދަގޫ ކަމަކަށެވެ. ފުންކޮށް ވިސްނުމަށްފަހު، އޭނާ ނިންމީ ފެކުހެއް ފޮނުވާލުމުން އެރަށުގެ ވެރިންނަށް ޚަބަރު ފޯރުކޮށެދެވޭނެ ކަމަށެވެ. އެއީ އެންމެ ލަސްވެގެން ޖެހިގެން އަންނަ ދުވަހު އޮފީސް ހުޅުވުމުން އެ ޚަބަރު އެ މީހުންނާ ހަމައަށް ފޯރާނެ ކަމަށް ޔަޤީންވާތީއެވެ.

ފަތިހުގެ އަލި ވިލުނު އިރު ރަށުގެ ކުދިބޮޑު ގިނަ ބަޔަކު ތިބީ އަތިރިމައްޗަށް ޖަމާވެގެންނެވެ. ގެއްލުނު ދޯނި ހޯދަން އެރަށުން ދިޔަ ކުދި ދޯނި ތަކުގެ ޚަބަރު ދަބަރު ބެލުމުގެ ނިޔަތުގައެވެ. އިސާހިތަކު އެތަނުން ބައެއް ދޯނި ލަފައިފިއެވެ. އެންމެ މޫނު މަތިން ފެނިގެން ދަނީ ނުތަނަވަސް ކަމުގެ އަސަރުތަކެވެ. މީހުންތައް ދޯނިން ފައިބައިގެން އައީ ކަރު އެލުވާލައިގެންނެވެ. ކަތީބު އަވަސްވެ ގަތީ އެމީހުންގެ ކިބައިން ޚަބަރު އޮޅުން ފިލުވުމަށެވެ. ގެއްލުނު ކަމަށް ބުނާ ދޯނީގެ އެއްވެސް ހިލަމެއް ނެތް. މީހެއް ވެސް ނުފެނުނު. އެންމެ ކުޑަމިނުން ދޯނީގައި ހުރި މުދަލުން އެއްވެސް މިންވަރެއް، އެންމެ ދަރުގަނޑެއްގެ ހާ ހިސާބުވެސް ނުފެނުނު. އޮޔާ ދަނިކޮށްވެސް ނުފެނުނު. ގެއްލުނު މީހުން ހޯދުމަށް ދިޔަ މީހުން ރޮވިފައިވާ އަޑަކުން ކިޔައި ދިނެވެ. ހިތާމާއިގެ މި ދަނޑިވަޅުގައި ކަތީބު ނިންމީ ސަލާމަތްކަމާއެކު ހުސޭނު ގެންގޮސް އެ ރަށަށް ލައި ދިނުމަށެވެ. މި ދަނޑިވަޅުގައި އެއީ އެމީހުންގެ ވާޖިބެއްކަމުގައި ދެކިގެންނެވެ.

ގަޑިން ހެނދުނު 8 ޖެހުމާއެކު ބެރިންމަދޫ އޮފީސް ހުޅުވިއެވެ. ހެނދުނުގެ ނާސްތާ ނެގުމަށްފަހު ބޮޑު ކަތީބު އޮފީހަށް އައުމާއެކު، ކޮންމެވެސް އޮފީހަކުން ފޮނުވާފައިވާ ފެކްސްއެއް އޭނާގެ އަތަށް ލިބުނެވެ. ހަމަ

ޖެހިލައިގެން ގޮނޑީގައި އިށީންދެލުމަށްފަހު، ބޮޑު ކަތީބު އަވަސްވެގަތީ އޭގައި ވާ އެއްޗެއް ކިޔާ އޮޅުން ފިލުވާލުމަށެވެ. މަޑުމަޑުން އެ ލިޔުން ކިޔަން ފެށުމާއެކު ކަތީބަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ހެންނެވެ. މަޑުމަޑު ތުރުތުރެއް އޭނާގެ ހަށިގަނޑުގައި އުފެދުނެވެ. އެ ލިޔުން ކިޔަމުން ދިޔައިރު ދެލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ކޯތާފަތްމައްޗަށް އޮހޮރިގަތީ އިޚްތިޔާރަކާ ނުލައެވެ. ކަތީބަށް ވަމުން ދިޔަ ގޮތް ބަލަން ތިބި އެ އޮފީހުގެ އެހެނިހެން މުއައްޒަފުންގެ މޫނު މަތިން ހާސްކަން ފާޅުވިއެވެ. ވީކިހިނެއްތޯ ސުވާލު ކުރާ އުސޫލުން އެކަކު އަނެކެއްގެ މޫނަށް ބަލަން ފެށިއެވެ.

ކުޑަ ރުމާލަކުން މޫނު ފޮހެލުމަށްފަހު، ކަތީބު އަވަސްވެގަތީ ރައްޔިތުންނާ ބައްދަލު ކުރުމަށެވެ. ވެގެން އުޅޭކަންތަކުގެ ޚަބަރު ދަބަރު ދިނުމަށެވެ. ކަތީބުގެ އަމުރަށް އަޑުގަދަ ކުރާއިން ގޮވާ އިއުލާން ކުރުމާއެކު ރަށުގެ ގިނަ ބަޔަކު އޮފީސް ދޮށަށް އެއްވިއެވެ. ލަސްތަކެއްނުވެ ވެގެން އުޅޭގޮތް ކަތީބު ރައްޔިތުންނާ ހިއްސާކުރިއެވެ. ދަރު ހިފައިގެން މާލެ ދިޔުމުގެ ނިޔަތުގައި އިއްޔެ މެންދުރު ރަށުން ފުރި މުހުސިންގެ ބޮޑު ދޯނި، "ކަރަންކާ" ބަންޑުން ޖަހާލި ވާހަކައާއި އޭގެން ދަތުރުކުރި އެކަކު ފިޔަވާ އެންމެންނާއެކު އެ ދޯނިވެސް ބަންޑުން ޖަހާލި ވާހަކަ މެންދޫ އޮފީހުގެ ފަރާތުން ފޮނުވި ފެކްސްއެއްގައި ވާ ވާހަކަވެސް ހިއްސާކުރިއެވެ. އަދި އެ ދޯނިން ސަލާމަތްވި ހުސޭނު ރަށާހަމައަށް ގެނެސްދޭނެ ވާހަކަވެސް ކަތީބު ރައްޔިތުންނާ ހިއްސާކުރިއެވެ. އެވަގުތު އެތަނަށް ހާޒިރުވެ ހުރި ސަކީނާ އާއި އެ ދޯނިން ދަތުރުކުރި ފަޅުވެރިންގެ އާއިލާގެ ގިނަ ބަޔަކު އަޑުން އަޑު ނަގާ ރޮއި ގަތެވެ. ކާސިމްފުޅުގެ ހަމަ ބުއްދި ފިލައި ދިޔަކަހަލައެވެ. އަދި ތިޔަހެން ނުވާނެ ކަމަށް ބުނެ ދުއްވައިގަތީ އެދުވަހު އެދޯނި ފުރި އިރު އޭނާ ހުރި ތަނަށް ދިއުމަށެވެ. އޭނާގެ ފަހަތުން ރަށުގެ ނޫކަށި ފުރައިގެ ދެތިން ޒުވާނުންވެސް ދުއްވައިގަތެވެ. އޭނާ އެދިޔަތަނެއް ބެލުމުގެ ބޭނުމުގައެވެ. ކާސިމްފުޅު ދުވެފައިގޮސް ހުއްޓުނީ ރަށުގެ ދެކުނު ފަރާތު އަތިރި މަތީގައެވެ. އަދި އެދުވަހު އޭނާ ގެންގުޅުނު ނާށި ހޯދުމަށް އޭނާ މަސައްކަތް ފެށިއެވެ. "ކޮބާ ނާށި... ކޮބާ ނާށި..." އޭނާ ހަޅޭއްލަވަން ފެށިއެވެ. ނަމަވެސް އެއިރު އެދިމާލުން އެއްވެސް ނާއްޓެއް ފެންނާކަށް ނެތެވެ. އޭނާގެ ފަހަތުން ދިޔަ މީހުން އޭނާ ހިފެހެއްޓިއެވެ. އަދި އޭނާގެ ބޮލަށް ފެން އަޅައި ހެދުމަށްފަހު ހަމަ ޖެހުމަށް އެދުނެވެ. އަދި މަޑުމަޑުން އޭނާ ގޮވައިގެން އެއްގަމަށް ދިޔައެވެ. ނަމަވެސް މޮޔައަކު ފަދައިން އޭނާ ދިޔައީ ނާށި ކޮބައިތޯއާއި އޭނާގެ ކޮއްކޮ ހަސަންފުޅު ގެއްލުނީ ކަމުގައި ބުންޏެވެ. އަދި ކުއްވެރިއަކީ އޭނާ ކަމުގައި ބުނެ އަޑުން އަޑު ނަގައި ރޮއިގަތެވެ. އަދި ފެންނަހާ މީހަކު ކައިރީގައި އޭނާއަކީ ކުއްވެރިއަކު ކަމުގައި ބުނެ މައާފްކޮށްދިނުމަށް އެދެމުން ދިޔައެވެ. ނަމަވެސް އޭނާގެ އަމިއްލަ ނަފްސުކުރަންވީ ކީއްވެތޯ ކުރެވޭ ސުވާލަށް ޖަވާބު ލިބެމުންނެއް ނުދެއެވެ.

މެންދުރު ފަސްވެއްޖެއެވެ. އަދިވެސް ރަށުތެރޭގައި ހީވަނީ ހިތާމައިގެ ސާލެއްލެވިފައި ވާހެންނެވެ. އެންމެން މޫނުމަތިންވެސް މޮޅިވެރިކަން ފެންނަމުން ދެއެވެ. ގަސްގަހާގެހިވެސް އެ ހިތާމައިގައި ބައިވެރިވާ ކަލަހައެވެ. އާންމު ދުވަސް ދުވަހު ހަލަބޮލިކަން ފެންނަމުންދާ މަގުތަކުންވެސް މަދުން ނޫނީ މީހެއްގެ ހިލަމެއްވެސް ނުވެއެވެ. ރުއިމުގެ އަޑު ކެނޑިފައި ވީނަމަވެސް އެކަކު އަނެކަކާ ސަމާސާ ކޮށްލާނެހާ ހިތްވަރެއް މިއަދަކު އެކަކުގެ ގައިގައިވެސް ނެތް ކަހަލައެވެ. ނަމަވެސް ރަށުގެ އެންމެންގެވެސް މިސްރާބު ހުރީ ފާލަމާދިމާއަށް ދިޔުމަށެވެ. ކައިރީގައިވާ މެންދޫއިން ފުރައިގެން އެރަށާ ދިމާއަށް އަންނަ ދޯނި ލަފާތަނަށް ދިއުމަށެވެ. ގެއްލުނު ކަރަންކާ ދޯނިން ސަލާމަތްވި ހަމައެކަނި މީހާ، ހުސޭނާ ބައްދަލު ކުރުމަށެވެ. ކަން ވީގޮތް އޮޅުން ފިލުވުމަށެވެ.

ރަށުގެ ފާލަމާ ދޯނި ކައިރި ކުރުމާއެކު ދެމީހެއްގެ އެހީގައި ދޯނިން ފައިބަން އައެވެ. ހުސޭނު ފެނުމާއެކު އެތަނަށް އެއްވެ ތިބި ބައެއް މީހުންނަށް އަނެއްކާވެސް ބާރަށް ރޮވުނެވެ. އަނގަމަތީ އަތް އެޅުމަށްފަހު ރުއިން ކޮންޓުރޯލުކުރަން މަސައްކަތް ކުރީ އެރުއިމުގެ ސަބަބުން ހުސޭނަށް ކުރާނެ އަސަރު ބޮޑުވާނެތީއެވެ. ރަށަށް ފޭބުމަށްފަހު އޭނާ އެންމެ ފުރަތަމަ ބައްދަލު ކުރީ މުހުސިންގެ އަނބި ސަކީނާއާއެވެ.

އަދި ކަތީބާއެކު ރަށުގެ ގިނަ ބައެއްގެ ހާޒިރުގައި ކަންވީ ގޮތް އޭނާ ކިޔައި ދިނެވެ. އެ ތަނުގައި ހުއްޓާ ދުވެފައި ކަހަލަ ގޮތަކަށް ކާސިމްފުޅު އެތަނަށް އައެވެ. އަދި ހުސޭނާ ބައްދަލު ކުރުމަށްފަހު، އޭނާގެ ގައިގައި ބައްދައި ގަނެ، މައާފަށް އެދުނެވެ. ކުއްވެރިއަކީ އޭނާ ކަމުގައި ބުނެ އަނެއްކާވެސް އެންމެންގެ އަރިހުން މައާފަށް އެދެމުން ދިޔައެވެ. ހުސޭނުގެ ގައިގައި ބައްދައިގަނެގެން އޮތް ކާސިމްފުޅު މަޑު މަޑުން ބިމަށް ތިރިވާތަން ފެނި އެހެން ބަޔަކު އޭނާ ހިފެހެއްޓިއެވެ. ލިބުނު ހިތާމަވެރި ޚަބާރާއެކު ހޭބުއްދި ފިލައި ގޮސްފައިވާ ކާސިމްފުޅުގެ ހޭވެރިކަން ދިޔައީއެވެ. މީހުންތައް އޭނާ ނަގައިގެން ގޮސް، ފަތްޖެހި އެނދެއްގައި ބޭއްވުމަށްފަހު ، އޭނާއަށް ފަރުވާ ދިނުމައިގެން އަވަސް ވެގަތެވެ. ހަމަ އެ ދަނޑިވަޅު ސަކީނާ އޭނާގެ ހިތުގައިވާ ބޮޑު ސުވާލު އެންމެންގެ ތެރޭ ހާމަކޮށްލިއެވެ. މިކަމުގައި ކާސިމްފުޅު އޭނާގެ އަމިއްލަ ނަފުސު ކުށްވެރި ކުރަނީ ކީއްވެ؟ އޭނާ ކުރީ ކޮން ކުށެއް؟ އަދި ހުސޭނާ މުޚާތަބުކޮށް ހިތްވަރު ކުރުމަށާއި ﷲ އެއްވެސް އަޅަކަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެ ކަމުގައި ބުނެ ނަސޭޙަތްތެރިވިއެވެ.

ކާސިމްފުޅުގެ ހޭވެރިކަން އައިސް މީހާ ހަމަޖެހުމާއެކު ބޮޑު ކަތީބު އޭނާއާ ބައްދަލު ކުރަން ބޭނުންވާ ވާހަކަ ބުންޏެވެ. އަދި އޭނާގެ ޙާލަތު އޮޅުން ފިލުވިއެވެ. އަދި ހިތްވަރު ކުރުމަށާއި އެއްވެސް ޙާލެއްގައި އަމިއްލަ ނަފްސު ކުށްވެރި ނުކުރުމަށް ބުންޏެވެ. އަދި ގެއްލުނު މީހުންނަށްޓަކައި ހެޔޮ ދުޢާ ކުރުމަށް ނަސޭޙަތްތެރި ވިއެވެ. އެ ހިނދު ވަރަށް ދެރަވެލާފައި ކާސިމްފުޅު ޖަވާބުދިނެވެ. މިއަދު އެންމެންގެ މޫނުމަތިން ފެންނަމުންދާ ހިތާމައިގެ އަސްލަކީ ޚުދު އަހަރެންނެވެ. ސަކީނާގެ ޙަޔާތަށް އައުމުގެ ބޭނުމުގައްޔާއި، ރަށުގައި މުހުސިންއަށް ލިބިފައިވާ ޤަދަރު ފޮހެލުމުގެ ބޭނުމުގައި އެނާށި ގެންގޮސް އަހަރެންގެ އަތުން އެތާނގައި ބޭއްވީ އެއްވެސް ޙާލެއްގައި މިކަން މިހެން ކުރާކަށް ނޫނެވެ. އަހަރެންނަށް ހެދުނު ގޯހެއްގެ ސަބަބުން މިއަދު އަހަރެންގެ ހުރި ހަމައެކަނި ކޮއްކޮ އަހަރެންނާ ވަކިވީއެވެ. އެންމެ ފަހުވަގުތު މޫނުވެސް އަހަރެންނަށް ނުފެނުނީއެވެ. އާނއެކެވެ. އެކަން އަހަރެން ކުރަން އުޅުނުކަން އެކަކަށްވެސް

ނޭންގޭނެއެވެ. އަހަރެން އެ ސިހުރު ހެދީ އެންމެންނަށް ސިއްރުންނެވެ. އެއީ ކިހާ ނުބައި ކަމެއްކަން އަހަރެންގެ ކޮއްކޮ އަހަރެންނަށް ވިސްނައި ދިނެވެ. އެކަން ނުކުރުމަށް އެދި އޭނާ އަހަރެންނަށް ވަރަށް ނަސޭޙަތްދިނެވެ. އެކަން ހުއްޓުމަށްފަހު އިސްލާހުވެ ތައުބާވުމުން އެންމެންގެ މައާފް ލިބޭނެ ކަމަށް ބުންޏެވެ. ނަމަވެސް މިއަދު.... މިހާހިސާބަށް ދިޔަތަނާ ކާސިންފުޅަށް މައި ނޭވާ ލެވެންފެށިއެވެ. ނަމަވެސް ހިތްވަރުކޮށްފައި އޭނާ ބުނަމުން ދިއައެވެ. އަހަރެންނަށް މައާފް ކުރާށެވެ. އަހަރެންނަކީ ކުށްވެރިއަކީމެވެ. އޭނާގެ ފަހު ނޭވާ ދޫކުރީ މިހެން ބުނަމުންނެވެ.

އެވާހަކަ އަޑުއަހަން ތިބި އެންމެންގެ ލޮލުން ކަރުނަ އޮހިގަތެވެ. ރަށު ތެރޭގައި ކާސިމްފުޅު ސިހުރު ހަދާކަމަށްބުނެ ދައްކަމުން ދިޔަ ވާހަކަ އަޑު ނޭހުނީތީ ކަތީބުވެސް އިނީ އިންތިހާއަށް ދެރަވެފައެވެ. އަބަދުވެސް ރައްޔިތުންގެ ފަރާތުން އިވެމުން ދިޔަ ކާސިމްފުޅުގެ އެ ވާހަކަ އަޑު ނޭހުނީތީ އެއްވެ ތިބި ރައްޔިތުންގެ އަރިހުން އޭނާ މަޢާފަށް އެދުނެވެ. އަދި ކާސިމްފުޅުގެ ކަށު ނަމާދުގެ ކަންތައް ނިންމުން އަވަސް ކުރުމަށް ބުނުމަށްފަހު ކަތީބު ދިޔައީ އެވެ. ދެލޮލަށް ޖަމާވި ކަރުނަތަށް ފޮހެމުންނެވެ. އެންމެންގެ އަރިހުން މައާފަށް އެދެމުންނެވެ. އަހަރެންނަށް މައާފު ކުރާށެވެ ބުނަމުންނެވެ.
- ނިމުނީ -