ޚަބަރު

ރައީސް މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް: ހީނާ


ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ވިސްނުމާއެކީގައި ކަމަށް ވެރިކަން ކުރާ ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

އެކޯލިޝަންގެ ފަރާތުން މިގޮތަށް ބުނެފައިވަނީ ރައްޔިތުންގެ މަޖިލީސް އިންތިޚާބާ ގުޅިގެން ސިލްސިލާކޮށް ބާއްވަމުން ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގެތެރެއިންނެވެ.

ޕީޕީއެމް ޕީއެންސީގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު މަސައްކަތް ކުރައްވަނީ ޕާޓީގެ ލީޑާޝިޕާއެކު މަޝްވަރާކުރައްވައިގެން ކަމަށެވެ.

"އެއީ ޚުދުމުހުތާރު ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ނުދެކެން. އަޅުގަނޑުމެން ކުރަން މިއުޅެނީ ސިޔާސީ މަސައްކަތެއް. ސިޔާސީ މަސައްކަތް ކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެއްގައި ސިޔާސީ ޕާޓީތަކުން އެކި ގޮތްގޮތަށް މަސައްކަތް ކުރަމުންދާނެ. އަޅުގަނޑުމެން މަސައްކަތް ކުރައްވަމުން މިގެންދަނީ އަދި ރައީސް ޑރ. މުހައްމަދު މުޢިއްޒު މަސައްކަތް ކުރައްވަމުން ގެންދަވަނީ ޕީޕީއެމް ޕީއެންސީ ލީޑާޝިޕާއިއެކީގައި މަޝްވަރާ ކުރައްވައިގެން އަދި ރައްޔިތުންގެ ވިސްނުމާއެކީގައި" ހީނާ ވިދާޅުވިއެވެ.

ޕީޕީއެމް ޕީއެންސީގެ ބުނީ އެ ކޯލިޝަނުގެ ކެނޑިޑޭޓުންނަކީ ކޮބައިކަން ރައްޔިތުންނަށް ވަރަށް ބޮޑަށް ސާފުވާނެ ކަމަށެވެ. އަދި 3 ދާއިރާ ފިޔަވައި ހުރިހާ ދައިރާއެއްގައި އެ ކޯލިޝަން ތަމްސީލް ކުރައްވާ ކެނޑިޑޭޓުން ތިބޭނެ ކަމަށް އެކޯލިޝަނުން ބުނެއެވެ.

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި 93 ދާއިރާގެ ތެރެއިން ޕްރޮގްރެސިވް ކޮންގްރެސްގެ ފަރާތުން 89 ދާއިރާއަކަށް ވާދަކުރެއެވެ. އެކޯލިޝަނުން ވާދަ ނުކުރަނީ ސަރުކާރަށް ތާއީދު ކުރާ ޕާޓީތަކުގެ ލީޑަރުން ވާދަކުރައްވާ ދާއިރާތަކަށެވެ. އެ ދާއިރާތަކަށް ވާދަނުކުރަނީ ލީޑަރުންނަށް އެ ފުރުސަތު ދެއްވުމުގެ ގޮތުން ކަމަށް ކުރިން ޕްރޮގްރެސިވް ކޮންގްރެސް އިން ވަނީ ބުނެފައެވެ.