ޚަބަރު

އީދު ބަންދު ނިމެންދެން މަޖިލީހުގެ ޖަލްސާތައްވެސް މެދުކަނޑާލައިފި


  • މިއަހަރުގެ ފުރަތަމަ ދައުރުގައި 20 ޖަލްސާ ވަނީ ބާއްވާފައި

  • ދެން ޖަލްސާއެއް ބާއްވާނީ ޢީދު ބަންދަށްފަހު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް އޮތް ޢީދު ބަންދު ނިންމެންދެން މެދުކަނޑާލުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލުމަށް ނިންމެވީ ރަމަޟާން މަހުގެ ފަހު ދިހައެއްގައި ސަރުކާރު ބަންދުވުމާއި ގުޅިގެންކަމަށެވެ. އަދި މިހާތަނަށް މަޖިލީހުން އަމަލުކޮށްފައިވާ ގޮތުން ޖަލްސާތައް ބާއްވަމުންދަނީ ސަރުކާރު ރަސްމީ ބަންދު ނޫން ދުވަސްތަކުގައިކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ

މީގެއިތުރުން މަޖިލީހުގެ މުވައްޒަފުންގެ މަސައްކަތު ގަޑިވެސް ސަރުކާރު މުވައްޒަފުންގެ މަސައްކަތު ގަޑިއާ އެއްގޮތަށް އޮންނައިރު ހޯމަ ދުވަހު ބޭއްވި ޖަލްސާގެ މަސައްކަތުގައިވެސް މުވައްޒަފުން އުޅުނީ ޗުއްޓި ދުވަހެއްގެ ގޮތުގައިކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ޢީދު ބަންދަށްފަހު މަޖިލީހުގެ ޖަލްސާތައް ފަށާނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިނަމަވެސް ޖަލްސާތައް ފަށާނެ ވަކި ތާރީހެއް އިއުލާނެއް ނުކުރައްވައެވެ.

މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައިވާއިރު މިހާރު ވެސް 19 ވަނަ މަޖިލީހަށް ހުށަހަޅާފައިވާ މުހިންމު ބައެއް މަސައްކަތްތައް އަދިވެސް ހުރީ އެކި މަރުހަލާތަކުގައި ނުނިމިއެވެ.

މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ ދައުރު އަންނަ މަހުގެ 27 ވަނަ ދުވަހަށް ހަމަވާއިރު، 20 ވަނަ މަޖިލިސް ހޮވުމަށް ބާއްވާ އިންތިޚާބު މި މަހުގެ 21 ވަނަ އޮންނާނެއެވެ.