ޚަބަރު

ރައީސުލްޖުމްހޫރިއްޔާ މިރޭ ހިޔާ ސަރަހައްދަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަނީ


  • މި ބައްދަލުވުމުގައި ބައިވެރިވުމަށް ކޮންގްރެސް ޕާޓީން ދައުވަތު ދޭ

  • ސަރުކާރާމެދު އިތުބާރު ގެއްލުވާލުމަށް ދައްކާ ވާހަކަތަކުގެ ތަފްސީލް ހާމަ ކުރައްވާނެކަމަށް ރައީސް ވިދާޅުވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ރައްޔިތުންނާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.

އެމަނިކުފާނު މި ބައްދަލުކުރެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޕާކު ސަރަހައްދުގައެވެ. މިރޭ 9:45 ގައި ބާއްވާ މި ބައްދަލުކުރެއްވުމުގައި ބައިވެރިވުމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް އިން ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވާކަމަށް އެޕާޓީން ބުންޏެވެ.

ރޭ ބޭއްވި ސިޔާސީ ހަރަކާތެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިރޭ ރައްޔިތުންނާ ބައްދަލުކުރައްވައި، އިދިކޮޅު ފަރާތްތަކުން ސަރުކާރާ މެދު ރައްޔިތުންގެ އިތުބާރު ގެއްލުވާލުމަށް ދައްކަމުންދާ ވާހަކަތަކުގެ ތަފްސީލް ހާމަ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރެއްވުމަށް ތަފާތު ޕްރޮގްރާމުތައް މިހާރު ވެސް ދަނީ ހިންގަމުންނެވެ. އެގޮތުން، ވަޒީރުން ބައިވެރިވެވަޑައިގެން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ޕްރޮގްރާމުތަކާއި އާއްމުކޮށް ހުޅުވާލައިގެން ރައްޔިތުންނަށް ރައީސާ ސުވާލު ކުރެވޭ ޕްރޮގްރާމުގެ އިތުރުން ކޮންމެ ދުވަހަކު ރައްޔިތެއްގެ ސުވާލަކަށް ޖަވާބު ދެއްވުމުގެ ގޮތުން "ރައީސްގެ ޖަވާބު" ގެ ނަމުގައި ވެސް ޕްރޮގްރާމެއް ސަރުކާރުން ދަނީ ކުރިއަށްގެންދަމުންނެވެ.

ކުރިއަށް އޮތް ރައްޔިތުން މަޖިލިސް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ކޮންގްރެސް ޕާޓީން ކުރިއަށްގެންދާ ހަރަކާތްތަކުގައި އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ. އެގޮތުން، ކެމްޕޭން ޖަގަހަތައް ހުޅުވުމާއި ޑޯޓުޑޯ ހަރަކާތްތަކުގައި އެމަނިކުފާނު ގެންދަވަނީ ބައިވެރިވަޑައިގަންނަވަމުންނެވެ.