ރަމަޞާންމަހަކީ އާއްމުކޮށް އެހެން މަސްމަހަށްވުރެ ވައްކަމުގެ މައްސަލަތައް އިތުރު މަހެއްކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ. ގޭބިސީތަކާއި ފިހާރަ އަދި އޮފީސްތަކުންވެސް ވައްކަމުގެ މައްސަލަތައްް ހުށައަޅާ މިންވަރު އިތުރެވެ.
މިދުވަސްރަކީ އޮފީސްތަކާއި ސްކޫލް ޗުޓީ ދުވަސްވަރަކަށް ވާތީ ގިނަ ބަޔަކު ޗުއްޓީއަށް ފުރައިގެން އެކި ތަންތަނަށް ދަތުރުކުރާ ދުވަސްކޮޅެކެވެ. މިގޮތަށް ޗުއްޓީއަށް މުޅި އާއިލާ ދަތުރުކުރާނަމަ، ރައްކާތެރިކަމަށް ޚާއްސަ ސަމާލްކަމެއް ދިނުމަށް ފުލުހުން އިލްތިމާސްކުރެއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު އިސްމާޢީލް ވިދާޅުވީ، ޗުއްޓީއަށް ފުރާއިރު އެންމެ އިސްކަމެއް ދޭންވީ ގޭގެ ހުރިހާ ދޮރުތައް ރަނގަޅަށް ތަޅުލާ ބަންދުކުރުމަށްކަމަށެވެ. އެގޮތުން ގޭގެ އެންމެ ބޭރު ދޮރުން ފެށިގެން ކޮޓަރިތަކާއި ކުޑަދޮރުތައް އަދި ފެންލައިޓުތައްވެސް ރަނގަޅަށް ތަޅުލާފައިވާކަން ކަށަވަރުކުރުން މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ. އަދި ގޭތެރޭގައި ފަސޭހައިން އަތުޖެހޭގޮތަށް ފައިސާއާއި ގަހަނާފަދަ އަގުބޮޑު މުދާ ނުބެހެއްޓުމަކީ ރައްކާތެރިކަމުގެ ގޮތުން އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެއްކަމަށްވެސް މުޙައްމަދު އިސްމާޢިލް ވިދާޅުވިއެވެ.
"ބައެއްކަހަލަ އަގުބޮޑު އިލެކްޓްރޯނިކް ސާމާނު ހުރޭ ވައްކަމަށް ޝައުގުވެރިކަން އުފެދޭގޮތަށް ފަސޭހައިން ގެންދެވޭ ތަކެތި. ވައްކަން ކުރާ މީހާއަށް ފުރުޞަތު ލިބި ގެއަށް ވަންނަން ފުރުޞަތު ލިބޭ ވަގުތުގައިވެސް، އެމީހުންނަށް އެފަދަ ތަކެތި ފަސޭހައިން އަތުނުޖެހޭގޮތަށް ރައްކާތެރިކޮށްފައި ދިއުން މުހިންމު." ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް، ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަން މުޙައްމަދު އިސްމާޢީލް ވިދާޅުވިއެވެ.
މުޙައްމަދު އިސްމާޢީލް ވިދާޅުވީ މިގޮތަށް ޗުއްޓީއަށް ފުރައިގެން ދާނަމަ، އެމީހަކު ދުއްވަން ގެންގުޅޭ އުޅަނދުފަހަރުވެސް ރައްކާތެރި ހިސާބެއްގައި ޕާކުކޮށްފައި ދިއުން ވަރަށް މުހިންމުކަމަށެވެ. އަދި އަނދިރި އެކަހެރި ތަނެއްގައި ޕާކުކޮށް، ދިގު މުއްދަތަށް އުޅަނދު ދޫކޮށްލުމަކީ ވައްކަމަށް މަގުފަހިވާކަމެއްކަމަށާއި އަދި އުޅަނދުގެ މަޑިދަށުގައި ފައިސާއާއި އަގުބޮޑު ތަކެތި ނުބެހެއްޓުމަށްވެސް ވަނީ އެދިފައެވެ.
ދިގު މުއްދަތަށް ގެދޮރާއި އުޅަނދު ދޫކޮށް ދާނަމަ، އިތުބާރު ކުރެވޭ މީހަކާ ހަވާލުކޮށްލާފައި ދިއުމަކީވެސް ރައްކާތެރިކަމަށް އެޅޭނެ ފިޔަވަޅެއްކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ވައްކަމަށް ހުށައެޅިއްޖެނަމަ، ފުލުހުންގެ އިންވެސްޓިގޭޝަން ޓީމް އެތަނަކަށް އަންނަންދެން ކުށުގެ ވެށި ރައްކާތެރިކަމާއެކު ބޭއްވުމަކީ ކޮންމެހެން ސަމާލްކަން ދޭންޖެހޭ ކަމެއްކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ރަމަޞާންމަހު ވައްކަމުގެ މައްސަލަތައް އެންމެ ގިނައިން ފުލުހުންނަށް ހުށައަޅަނީ ހެނދުނު \9:00ގެ ފަހުންކަމަށާއި ވައްކަން އެންމެ ގިނައިން ހިނގާކަމަށް ބެލެވެނީ ރޭގަނޑު 10:00އާއި ހެނދުނު 09:00އާއި ދެމެދުކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.