ޚަބަރު

ސައުދީ ސަފީރަކަށް އައްޔަންކުރެއްވުމަށް ޠާހާގެ ނަންފުޅު މަޖިލީހަށް


  • ރައީސް ފޮނުއްވި ނަންފުޅު ދިރާސާކުރުމަށް ކޮމިޓީއަށް ވަނީ ފޮނުވާފައި

ދިވެހިރާއްޖެއިން ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް އައްޔަންކުރެއްވުމަށް ނ. ހޮޅުދޫ، އުފަންވެލި މުޙައްމަދު ޠާހާގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ (ދ) އާއި ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނުގެ ދަށުން ސައުދީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ޠާހާ އައްޔަން ކުރެއްވުމަށް މަޖިލީހަށް ފޮނުއްވާފައިވަނީ 26 މާޗު 2024 ގައެވެ. އެ މައްސަލަ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައިވަނީ ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.

އެއްވެސް ޤައުމަކަށް ސަފީރަކު އައްޔަން ކުރައްވަން ބޭނުންފުޅުވާނަމަ އެ ނަމެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖެހެއެވެ. އަދި މަޖިލީހަށް ހުށަހަޅުއްވާ ނަންތައް ދިރާސާކޮށް، އެ ބޭފުޅުންނާ އިންޓަވިއު ކުރުމުގެ ކަންކަން ކުރިއަށްދާނީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީންނެވެ.

މަގާމުތަކަށް އައްޔަންކުރަން ހުށަހަޅާ ނަންތައް ފާސްވާނީ ކޮމިޓީން އެ ބޭފުޅަކާ މެދު ގޮތެއް ނިންމުމަށްފަހު މަޖިލީހުގެ ތަޅުމަށް ހުށަހަޅައިގެން ނެގޭ ވޯޓަކުންނެވެ..