ޚަބަރު

ކުވޭތު ސަރުކާރުން ރާއްޖެއަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެ


ކުވޭތު ސަރުކާރުން ރާއްޖެއަށް އަބަދުވެސް އެހީތެރިކަމާއި އެއްބާރުލުން ދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން، އެޤައުމުގެ އާ ސަފީރު ޚަލަފް އެމް. އެމް. ބޫ ދުޚައިރު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފިއެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ، ކުވޭތު ސަރުކާރުން ދިވެހިރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އެރުއްވުމަށްފަހު އޮތް ބައްދަލުކުރެއްވުމުގައެވެ. އަދި، ރާއްޖެއާއި ކުވޭތާ ދެމެދު ޤާއިމްކުރެވިފައިވާ ސިޔާސީ ގުޅުން އެމަނިކުފާނުގެ ސަފީރު ކަމުގެ ދައުރުގައި އިތުރަށް ވަރުގަދަ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް ކުވޭތުގެ އާ ސަފީރު ވިދާޅުވިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ކުވޭތުގެ އާ ސަފީރަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވިއެވެ. އަދި، ރާއްޖެއާއި ކުވޭތާ ދެމެދު އޮތް ޒަމާންވީ އަޚުވަންތަ ގުޅުން ފާހަގަ ކުރައްވައި، ކުރިއަށް އޮތްތާނގައި މިގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީގައި ކުވޭތުގެ ހިއްސާ ބޮޑުކަން ފާހަގަކުރެއްވިއެވެ. މިގޮތުން، ރާއްޖޭގެ ފުރަތަމަ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ޤާއިމްކުރުމުގައި ކުވޭތު ފަންޑުން މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމަށް ސަރުކާރުން ހިންގަވަމުން ގެންދަވާ މަޝްރޫޢުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އަދި މި މަޝްރޫޢު ނިމުމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ފައިދާކުރަނިވި ބަދަލުތަކެއް އަންނާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ތަރައްޤީއަށްޓަކައި ސަރުކާރުން ރާއްވަވާފައިވާ އެކިއެކި މަޝްރޫޢުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލެއްވިއެވެ. މިގޮތުން، ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ފަތުރުވެރިކަން ކަމުގައި ވިދާޅުވެ، ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި ފުރުޞަތުތަކާ ބެހޭ މަޢޫލޫމާތު ކުވޭތުގެ ސަފީރަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި، ރާއްޖޭގެ ވިޔަފާރިއާއި އެކްސްޕޯޓްގެ ދާއިރާއިން ކުރަމުންގެންދާ މަސައްކަތްތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައްލަވައިލެއްވިއެވެ. މި ދާއިރާތަކުން ރާއްޖެއާއި ކުވޭތާ ދެމެދު އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ ބެހޭގޮތުންވެސް، ކުވޭތުގެ ސަފީރާއެކު ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އަތޮޅުތެރޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މަޢުލޫމާތުވެސް ކުވޭތުގެ ސަފީރާ ހިއްސާ ކުރެއްވިއެވެ. މިގޮތުން، އަތޮޅުތެރޭގައި އެންމެ ބޮޑަށް ދަތިވެފައިވަނީ ސާފު ބޯފެން ނުލިބުމާއި، ރަނގަޅު ނަރުދަމާގެ ނިޒާމެއް ޤާއިމްވެފައި ނެތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، މި ކަންކަން ހައްލު ކުރުމުގައި ކުވޭތު ސަރުކާރުން ރާއްޖެއަށް އެހީތެރިވެވޭނެ ގޮތްތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، ދުނިޔެއަށް މިއަދު ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާއާއި ކުވޭތުގެ ސަފީރު ޚިޔާލު ބަދަލުކުރެއްވިއެވެ. އަދި މިކަންކަން ހައްލު ކުރުމުގައި އިސްލާމީ ޤައުމުތަކުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ދެ ބޭފުޅުންވެސް ފާހަގަ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އޮނަރަބަލް ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ، އަލްފާޟިލް މުޙަންމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.