ޚަބަރު

ޕެންޝަނާއި ބެހޭ ޤާނޫނަށް ގެނައި އިސްލާޙު ތަސްދީޤްކުރައްވައިފި


ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ތަޞްދީޤް ކުރައްވައިފިއެވެ. މި ބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން ދިވެހި ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިޢު ކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު ފަރުމާކުރެވިފައިވަނީ، ރިޓަޔަރކުރުމަށް ބެނެފިޓް ސްކީމެއް ހިންގުމަށެވެ. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް މި ގެނެވުނު އިޞްލާޙާ ގުޅިގެން، މި ޤާނޫނުގެ އުޞޫލުތަކާއި، މަޤްޞަދާ ތަޢާރުޟުނުވާނެ ގޮތެއްގެމަތިން، ސްކީމުގެ ބައިވެރިންނަށް ގެދޮރު ގަތުމުގައި ލުއިތަކެއް ލިބިގެންދާނެއެވެ. އަދި، މި އިޞްލާޙުގެ ސަބަބުން، ގެދޮރު ގަތުމަށްޓަކައި ދައްކަންޖެހޭ ޑައުންޕޭމަންޓް ދެއްކުމުގެ ގޮތުން ޕެންޝަން ފަންޑުގެ މެންބަރުންގެ ތެރެއިން އެ މެންބަރެއްގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓުން ކަނޑައެޅޭ ވަކި ޢަދަދަކަށް ފައިސާ ކޮލަޓަރަލައިޒްކުރެވޭނެ އިންތިޒާމު ހަމަޖެހިގެން ދާނެއެވެ.

އަދި މީގެ އިތުރުން، 65 އަހަރުވުމުގެ ކުރިން ޕެންޝަން ފައިސާ ބޭނުންނުކުރެވޭ މައްސަލައަށް ޙައްލެއް ގެނެވި، ޕެންޝަނުގެ އަސާސް ނުގެއްލޭފަދަ ގޮތަކަށް، ޕެންޝަން ނިޒާމުގެ ތެރެއިން ގެދޮރުވެރި ކުރުންފަދަ އިޖްތިމާޢީ ރައްކާތެރިކަން ހަރުދަނާކޮށްދޭފަދަ ކަންކަމަށް ފުރުޞަތު ހުޅުވި ޢާންމުންގެ މެދުގައި ޕެންޝަނަށް ފައިސާ ދެއްކުމަށް ހިތްވަރު ލިބޭނެއެވެ. އަދި، މި އިޞްލާޙުގެ ސަބަބުން ކުރިޔަށް އޮތް އަހަރުގެ ތެރޭގައި އެތައްސަތޭކަ ރައްޔިތުންނަށް ގެދޮރުގަތުމަށްޓަކައި ޕެންޝަން ނިޒާމުގެ ތެރެއިން ގެދޮރު ގަތުމުގެ ޑައުންޕޭމަންޓް ދެއްކުމުގެ އިންތިޒާމު ހަމަޖެހި، ގެދޮރުގަތުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.