ޚަބަރު

ޒަކާތު ފަންޑުން ޣައްޒާއަށް ކާބޯތަކެތީގެ އެހީ ފޮނުވަން ނިންމައިފި


  • މި މަސައްކަތްކުރައްވާނީ ރައީސްގެ އިރުޝާދުގެ ދަށުން

  • ދިވެހިންގެ ފަރާތުން ފަލަސްޠީނަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭ

  • ރާއްޖެއިން އަބަދުވެސް ވަކާލާތުކުރަނީ ފަލަސްޠީނާ އެއްކޮޅަށް

ރާއްޖޭގެ ޒަކާތު ފަންޑުން ފަލަސްތީނުގެ ޣައްޒާއަށް އެހީވުމަށް ނިންމައިފިއެވެ.

މިކަން ހާމަކުރައްވާ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ފަލަސްތީނުގެ ޣައްޒާގެ އަޚުންނާއި އުޚުތުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މި މަސައްކަތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ވިސްނުންފުޅާއެކު ކުރައްވާ މަސައްކަތްޕުޅެއްކަމަށާއި، ފަލަސްޠީނުގެ އަޚުންނާއި އުޚްތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތްކުރައްވާނީ ރައީސްގެ އިރުޝާދުގެ ދަށުންކަމަށް ވަޒީރު ވިދާޅުވިއެވެ.

ޒަކާތު ފަންޑަކީ ޒަކާތުގެ ގޮތުގައި ލިބޭ ފައިސާއިން ޔަތީމުންނާއި މިސްކީނުންނާއި ފަޤީރުންނަށް ބެހުމަށްފަހު ބާކީވާ ފައިސާ ޖަމާކުރާ ފަންޑެވެ. އަދި އެފަންޑުގައި ހުންނަ ފައިސާ ޚަރަދު ކުރަނީ ވަކި އުޞޫލެއްގެ ދަށުން ޒަކާތު ކޮމިޓީގެ ލަފަޔާ މަޝްވަރާގެ މަތިންނެވެ. ޒަކާތު ފަންޑުން، ނިކަމެތިންނަށް އެހީތެރިވުމަށާއި، މުޖުތަމަޢުގައި ޙާލުގައި ޖެހިފައިތިބި މީހުންނަށް އެހީތެރިވުމަށާއި، ކިޔަވައިދިނުމަށާއި، ބޭސްފަރުވާއަށް ދަނީ މެދުކެނޑުމެއް ނެތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އެކި ކަންކޮޅުތަކަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް އިތުރުކޮށް, ވަރުގަދަ ކޮށްފައެވެ. ޔަހޫދީންގެ ގަތުލުއާންމު ފުޅާ ކުރަމުން މި ދަނީ, ޢުދުވާންތައް ހުއްޓައިލަން ގޮވައިލާ އދގެ ސަލާމަތީ މަޖިލީހުން ޤަރާރެއް ފާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އޮކްޓޫބަރު 7އިން ފެށިގެން ޔަހޫދީން ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 32782އަށް އުފުލިފައެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރެއިން 25000އަކީ އަންހެނުންނާއި މައުސޫމު ކުޑަކުދިން ކަމުގައި އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ދާދި ފަހުން ވިދާޅުވެފައިވެއެވެ. އަދި, މި ޢުދުވާނުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 75298އަށް އުފުލިފައެވެ.