ކުޅިވަރު

ބޭސިކް ހޭންޑްބޯޅަ ކޯޗިން ކޯސް 31 ބައިވެރިއަކު ފުރިހަމަކޮށްފި


މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް) އާއި ހޭންޑްބޯލް މޯލްޑިވްސް ގުޅިގެން ހިންގި ހޭންޑްބޯޅަ ކޯޗިން ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ކޯހަކީ ކުޅިވަރުގެ ދާއިރާއިން ޒުވާނުން ކުރިއެރުވުމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހިންގި ކޯހެކެވެ. މިދިޔަ މާޗު މަހުގެ 23 އިން 29 އަށް ކުރިއަށްގެންދިޔަ ބޭސިކް ހޭންޑްބޯލް ކޯޗިން ކޯސް 31 ބައިވެރިއަކު ވަނީ ފުރިހަމަކޮށްފައެވެ. އެއީ 10 އަންހެން ބައިވެރިންނާއި، 21 ފިރިހެން ބައިވެރިންނެވެ.

ހަތް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ކޯހުގައި ހޭންޑްބޯލް ކޯޗެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކަންކަމަށް ބައިވެރިން ވަނީ ތަމްރީންކޮށްފައެވެ. އަދި ކުޅިވަރުގެ އަސާސީ ކަންކަމަށާއި، އަޚުލާގު ދެމެހެއްޓުމަށް ތަމްރީންތަކުގައި ވަނީ އިސްކަންދީފައެވެ. މި ކޯހުގެ އިންސްޓްރަކްޓަރުންގެ ގޮތުގައި ކިޔަވައިދެއްވީ ހޭންޑްބޯލް ކޯޗިންގެ ތަޖުރިބާކާރު ކޯޗުން ކަމުގައިވާ އިބްރާހީމް ހައިޝަމް އަބްދުﷲ އާއި އަލީ ރުޒަމްއެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން ބުނީ މި ކޯހުގެ މަގުސަދަކީ ހޭންޑްބޯޅަ ކުރިއެރުވުމަށް ކޯޗުން އުފައްދައި، މަދަރުސީ ދައުރުން ފެށިގެން އެ ކުޅިވަރަށް ކުދިން އަހުލުވެރި ކުރުވާނެ ކޯޗުން ތަމްރީންކުރުން ކަމަށެވެ.