ވިޔަފާރި

ބީއެމްއެލްއަށް ލިބުނު ފައިދާ އިތުރުވެއްޖެ


މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ތިންމަހުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސްއަށް ލިބުނު ފައިދާ އިތުރުވެފައިވާކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ. 

މިއަދު ނެރުނު ބީއެމްއެލްގެ ފުރަތަމަ ކުއާޓަރގެ ރިޕޯޓް ދައްކާ ގޮތުން ޓެކްސްއަށް ކެނޑުމުގެ ކުރިން އެބޭންކަށް ސާފު ފައިދާގެ ގޮތުގައި ދުއިސައްތަ އަށްޑިހަ އެއްމިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ، މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރއާ އަޅާބަލާއިރު ނުވަދިހަ އިންސައްތައިގެ އިތުރު އަދަދެއް ކަމަށް ބީ.އެމް.އެލްއިން ބުނެއެވެ.

މާލީގޮތުން ބޭންކަށް ލިބެމުންދާ ކުރިއެރުން 2016 ވަނަ އަހަރުވެސް ކުރިއަރުމުންދާކަން ފުރަތަމަ ކުއަރޓަރ ރިޕޯޓުން ހާމަވާކަމަށް އެ ބޭންކުން ފާހަގަކުރެއެވެ. މިގޮތުން ބީ.އެމް.އެލްއިން ދޫކޮށްފައިވާ ލޯނު އިތުރުވެ ރަނގަޅުވަމުންދާއިރު، ރައުސުލްމާލުގެ މިންވަރުވެސް ގާނޫނުން ލާޒިމްކުރާ މިންގަނޑުތަކަށްވުރެ އިތުރަށް ބެހެއްޓިފައިވާކަން ބީ.އެމް.އެލްގެ ފުރަތަމަ ތިންމަހުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ބޭންކުން މި ރިޕޯޓް ނެރުނުއިރު ދާދިފަހުން ބޭންކުން ވަނީ ބޭންކުގެ 2015 ވަނަ އަހަރު އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް ހާމަކޮށްފައެވެ. މިހިސާބުތަކަށް ބަލާއިރު ޖެހިޖެހިގެން 3 ވަނަ އަހަރަށް ބޭންކުގެ ބޯޑުން ވަނީ ރިކޯޑް އަދަދަކަށް ޙިއްޞާގެ ފައިދާ ބަހަން ހުށަހަޅާފައެވެ.