ޚަބަރު

އާސަންދައިންގެ ދަށުން 35 އަހަރުން މަތީގެ މީހުންނަށް މެޑިކަލް ހެދޭގޮތަށް ހަމަޖައްސައިފި


  • 35 އަހަރުން މަތީގެ މީހުންނަށް ކެންސަރަށް ޓެސްޓުކުރެވޭނެ

  • ސްކޫލް ދަރިވަރުންނަށް ޚާއްސަ ޗެކަޕްތައް ހެދޭ ގޮތްވެސް ވަނީ ހަމަޖައްސާފައި

  • އާސަންދައިގައި މެޑިކަލް ޗެކަޕް ހިމެނުން ތަޢާރަފުކުރީ މިއަހަރު ޖެނުއަރީ 1ގައި

އާސަންދަ ސްކީމުގެ ދަށުން އުމުރުން 35 އަހަރުން މަތީގެ މީހުން މެޑިކަލް ޗެކަޕް ހެދުން އަދި ސްކޫލުތަކުގެ ދަރިވަރުންނަށް ޚާއްޞަ ސްކޫލް ސްކްރީނިން ސަރުކާރުގެ ހޮސްޕިޓަލްތައް މެދުވެރިކޮށް ހެދޭނެ އިންތިޒާމް އާސަންދައިން ހަމަޖައްސައިފިއެވެ.

ސަރުކާރުގެ ހަފްތާ 14 މަގު ޗާޓުގައި ހިމަނުއްވައިގެން، ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދަ ސްކީމްގެ ދަށުން އަހަރަކު 2 ފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ މަގުފަހިކޮށްދިނުމަށް އެކަމުގެ ސިޔާސަތު އެކުލަވާލާ ތަންފީޒުކުރަން ވަނީ ފަށާފައެވެ.

އެގޮތުން މިއަދުން ފެށިގެން އުމުރުން 35 އަހަރުން މަތީގެ މީހުންނަށް މެޑިކަލް ޗެކަޕް ހެދުމަށް ބޭނުންވާ ޕެކޭޖް ތަޢާރަފްކޮށް ޗެކަޕް ހެދޭނެ ގޮތް ވަނީ ފަހިކޮށްދެއްވާފައެވެ. އަދި މީގެ އިތުރުން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކަނޑައަޅާފައިވާ ގްރޭޑްތަކުގެ ސްކޫލް ދަރިވަރުން ހަދަން ޖެހޭ ޚާއްޞަ ޓެސްޓްތައްވެސް ސަރުކާރުގެ ހޮސްޕިޓަލްތައް މެދުވެރިކޮށް ހެދޭނެ އިންތިޒާމް، އާސަންދަ ކުންފުނިން ވަނީ ހަމަޖައްސާފައެވެ. މި ސްކީމްގެދަށުން ޗެކްޕް ހެދޭނީ އުމުރުން 18 އަހަރުން ދަށުގެ ދަރިވަރުންނަށެވެ.

01 ޖަނަވަރީ 2024 ގައި ތަޢާރަފްކުރި މެޑިކަޕް ޗެކަޕް ޕެކޭޖް ތަންފީޒުކުރުމުގައި ދިމާވި ބައެއް ދަތިތަކަށް ރިޢާޔަތްކޮށް އުމުރުފުރާތަކާއި ޕެކޭޖުތަކަށް ބައެއް ބަދަލުގެނެސްފައިވާކަމަށް އާސަންދައިން ވަނީ ބުނެފައެވެ. މިގޮތުން 19 އަހަރުންމަތީގެ އުމުރު ފުރާތަކަށް ޚާއްޞަ ކުރެވިފައިވާ އަސާސީ ޕެކޭޖްތަކަށް ބަދަލުގެނެސްފައިވާކަމަށް އާސަންދައިން ވަނީ ބުނެފައެވެ.

އާސަންދައިން 01 އޭޕްރީލުން ފެށިގެން އިތުރުކުރެވޭ އުމުރު ފުރާއަކީ 35 އަހަރުން މަތީގެ އުމުރުފުރައިގެ އިތުރުން 40 އަހަރުން މަތީގެ އުމުރު ފުރާތަކަށް ޚާއްޞަކޮށް ދުރާލާ ކެންސަރު ބަލި ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓުތައް އެކުލެވޭ ޕެކޭޖެކެވެ. ކެންސަރު ސްކްރީނިންގެ ޓެސްޓުތަކުގެ ތެރެއިން ވަކި މުއްދަތެއްގެ ތެރޭގައި ކަނޑައަޅާފައިވާ ޓެސްޓުތައް ފިޔަވާ، އެހެން ޓެސްޓުތައް ސްކީމްގެ ތެރެއިން އަހަރަކު އެއްފަހަރު ހެއްދޭނެއެވެ.

އަދި ވަކި މުއްދަތެއްގެ ތެރޭގައި ހެދުމަށް ކަނޑައަޅާފައިވާ ޓެސްޓުތައްވެސް ޑޮކްޓަރު ލަފާދެއްވައިފިނަމަ، ސްކީމްގެ ތެރެއިން ހެދޭނޭ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.