ޚަބަރު

ހުޅުމާލެ ސްމާޓް ޕާކިންގައި ޕާކްކުރުމުގެ ފުރުސަތު ހުޅުވާލައިފި


  • ކުއްޔަށް ދޫކުރަނީ 3 އަހަރަށް

  • އަންނަ މަހުގެ 24 ވަނަ ދުވަހާއި ހަމައަށް ވަނީ ފުރުސަތު ހުޅުވާލެވިފައި

  • ބީލަން ފެށޭ އަގަކީ 1،500ރ.

ހުޅުމާލޭގައި ޤާއިމްކޮށްފައިވާ ރާއްޖޭގެ ފުރަތަމަ ސްމާޓް ޕާކިންގައި ޕާކްކުރަން ބޭނުންވާ ފަރާތްތަކަށް ބީލަން އުސޫލުން ޕާކިން ޖާގައަށް އެދުމުގެ ފުރުޞަތު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީން ހުޅުވާލައިފިއެވެ.

އެޗް.ޑީ.ސީން ބުނީ، ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ޚާއްސަކޮށްގެން ވެހިކަލް ޕާކު ކުރުމަށް ތައްޔާރުކޮށްފައިވާ މި ޕާކިންއިން ޖާގައަށް އެދުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާކަމަށެވެ. އަދި އަންނަ މަހުގެ 24 ވަނަ ދުވަހު ބީލަން ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވާކަމަށްވެސް އެކުންފުނިން ބުނެއެވެ.

ހުޅުމާލެ ފިތުރޯނު މަގު، ފެރީ ޓަރމިނަލް ޕާކު ކައިރީގައި ތަރައްޤީކޮށްފައިވާ ފިތުރޯނު ސްމަރޓް ޕާކިންގ ޒޯންއިން ޕާކްކުރުމަށް ޖާގަ ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 3 އަހަރުގެ މުއްދަތަކަށެވެ. އަދި މިތަނުން 41 ޖާގަ ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެޗް.ޑީ.ސީން ބުނެއެވެ

އެޗްޑީސީން ބުނި ގޮތުގައި، މި ބީލަން ފެށޭ އަގަކީ 1،500ރ. ކަމަށެވެ. އަދި ޖާގަތައް ކުއްޔަށް ދޭނީ ޕޮއިންޓް ދޭ އުސޫލުގައި ކަނޑައަޅާފައިވާ ގޮތަށް އެންމެ މަތިން ޕޮއިންޓް ހޯދާ މީހުންނަށްކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

މި ޕާކިން ޖާގަތައް ދެނީ ހަމައެކަނި ދިވެހިންނަށްކަމަށާއި އަދި ޕާކު ކުރާ އުޅަނދުތައް ވާންޖެހޭނީ ބީލަން ހުށަހަޅާ މީހާގެ ނަމުގައި މާލެ ސަރަހައްދުގައި ދުއްވަން ރަޖިސްޓްރީކޮށްފައިވާ އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ގަވާއިދާ އެއްގޮތަށް ބޭނުންކުރާ އުޅަނދަކަށްކަމަށްވެސް އެޗްޑީސީން ބުނެއެވެ.

އެންމެފަހުގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުމާކޮށްފައިވާ މި ސްމާޓް ޕާކިންގައި، ވެހިކަލްތަކުގެ ނަމްބަރު ބޯޑުތައް އެކަމަށް ޚާއްސަ އާޓިފިޝަލް އިންޓެލިޖެންސް އައި މެޝިން ލާރނިންގ ކެމެރާއަކުން ބެލުމަށްފަހު ޕާކިންގ ގޭޓު ހުޅުވޭނެއެވެ. މީގެ ސަބަބުން އެކަމަށް ޙާއްސަ ބަޔަކު ތިބުމުގެ ބަދަލުގައި، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފަސޭހަކަމާއެކު ވެހިކަލްތަކަށް ޕާކިން ޒޯނަށް ވަދެ އަދި ނިކުމެވޭ ގޮތް ހެދޭނެއެވެ.

އެޗް.ޑީ.ސީން ބުނީ، ހަމައެކަނި ކާރު ޕާކު ކުރުމަށް ކަނޑައެޅިފައިވާ މި ސްމާޓް ޕާކިންގ ޒޯންގައި ކުރު މުއްދަތަށް ޕާކުކުރަން އަދި ދިގު މުއްދަތަށް ޕާކުކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްސަ ޖާގަތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ހާއްސަ ޖާގަތައް ހުންނާނެކަމަށެވެ.

ފިތުރޯނު ޕާކިންގ ޒޯނަކީ އެންމެ ފުރަތަމަ ސްމާޓް ޕާކިން ޒޯނު ކަމުގައި ވިޔަސް ވަރަށް އަވަހަށް އިތުރު ސްމާޓް ޕާކިންގ ޒޯންތައް ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ތައާރަފު ކުރެވި، ޕާކިންގެ ކަންކަމަށް އިންގިލާބީ ބަދަލެއް ގެނެވިގެންދާނެކަމަށް އެޗް.ޑީ.ސީން ބުނެއެވެ.