ޚަބަރު

އަލް-އަޤްޞާ ހަސްފަތާލަށް ބޮން އަޅައި ހަތަރު މީހުން ޝަހީދުކޮށްލައިފި


ޔަހޫދީ ފައުޖުން ޣައްޒާގެ އަލް-އަޤްޞާ ހަސްފަތާލަށް ބޮން އަޅައި ހަތަރު މީހުން ޝަހީދު ކޮށްލައިފިއެވެ. މި ކަން ހާމަ ކުރައްވާފައި ވަނީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ޑިރެކްޓަރ-ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިއޭސޮސްއެވެ. އޭނާ ވިދާޅުވީ, ޔަހޫދީ ފައުޖުން އަޤްޞާ ހަސްފަތާލަށް ދީފައިވާ ޙަމަލާގައި އިތުރު 17 މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައެވެ.

ޒަޔަނިސްޓު އިސްރާއީލުގެ ޔަހޫދީ ފައުޖުން އަޤްޞާ ހަސްފަތާލަށް ރަޙުމު ކުޑަ މިސައިލް ޙަމަލާތަކެއް ދީފައި ވަނީ ޑަބްލިޔުއެޗްއޯގެ ވަފުދެއް އެ ހަސްފަތާލުގައި ތިބި ވަގުތެއްގައެވެ. ޑަބްލިޔުއެޗްއޯގެ ޓީމުން ހަސްފަތާލަށް ގޮސްފައި ވަނީ އެ ތަނުގެ ހާލަތު ވަޒަން ކުރުމަށެވެ. އަދި, ޣައްޒާގެ އުތުރުގައިވާ ހަސްފަތާލުތަކަށް ބޭނުންވާ ބައެއް ސާމާނު ހޯދުމަށެވެ.

މި ޙަމަލާގައި ޑަބްލިޔުއެޗްއޯގެ އެއްވެސް މުވައްޒަފެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާ ކަމުގައި ޓެޑްރޯސް ވިދާޅުވިއެވެ. ނަމަވެސް, ހަސްފަތާލުތަކާއި ޞިއްޙީ ފަރުވާދޭ މަރުކަޒުތަކަށް ޙަމަލާތައް އަމާޒު ކުރުން ހުއްޓައިލުމަށް އޭނާ ވަނީ ތަކުރާރުކޮށް ޔަހޫދީ ފައުޖަށް ގޮވައިލައްވާފައެވެ.

"އިންސާނިއްޔަތަށް ޓަކައި ކުރަމުުންދާ މަސައްކަތްތަކުގެ ދަށުން ޑަބްލިޔުއެޗްއޯގެ ޓީމެއް އަލް-އަޤްޞާ ހަސްފަތާލަށް ޒިޔާރަތް ކުރަމުން ދިޔަ ވަގުތުގައި [ޒަޔަނިސްޓު] އިސްރާއީލުން ވަނީ އެ ތަނަށް ވައިގެ ޙަމަލާތަކެއް ދީފައި. ޙަމަލާ ދީފައި ވަނީ ހަސްފަތާލުގެ ގޯތިތެރޭގައި ހާލުގައި ޖެހިފައިވާ ޢާންމު ރައްޔިތުން ތިބި ޓެންޓުތަކަށް. ބަލި މީހުންނާއި, ޞިއްޙީ ޚިދުމަތްތެރިންނާއި, އިންސާނިއްޔަތަށް ޓަކައި މަސައްކަތް ކުރާ މީހުން ރައްކާތެރި ކޮށްދިނުމަށް [ޔަހޫދީ ފައުޖަށް] ތަކުރާރުކޮށް ގޮވައިލަން،" ޓެޑްރޯސް ވިދާޅުވިއެވެ.

ޔަހޫދީ ފައުޖުގެ ސިފައިން ޣައްޒާގެ ހަސްފަތާލުތަކަށް ވަދެ ޢުދުވާން ހިންގައި, ބައެއް ހަސްފަތާލުތައް އަސްކަރީ މަރުކަޒުތަކަށް ބަދަލު ކޮށްފައިވާ ކަމުގައި ވެސް ޓެޑްރޯސް ވިދާޅުވިއެވެ. އޭނާ މި މޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރު, މީގެ 13 ވަރަކަށް ދުވަސް ކުރިން ޔަހޫދީ ފައުޖުގެ ޖައްބާރު ސިފައިން ވަނީ އަލް-ޝިފާ ހަސްފަތާލަށް ގަދަ ބާރުން ވަދެ, އެ ތަނުގެ ތެރޭގައި ޢުދުވާން ހިންގަން ފަށާފައެވެ.

އެ ހަސްފަތާލުގެ ތެރޭގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ގަތުލުއާންމުގައި ބަލިމީހުންނާއި, ޑޮކްޓަރުންނާއި, ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން 400އެއްހާ މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އެ ހަސްފަތާލު ހުންނަ ސަރަޙައްދުގައި ޔަހޫދީ ފައުޖުން އަދިވެސް ދަނީ ބަރު ހަތިިޔާރާ އެކު ހަރަކާތްތެރިވަމުންނެވެ. އެ ތަނުގައި ތާށިވެފައިވާ 107 ބަލިމީހުންނާއި ޞިއްޙީ ޚިދުމަތްތެރިން ސަލާމަތް ކުރަން ޣައްޒާގެ ޞިއްޙީ ވުޒާރާއިން ދަނީ މަސައްކަތް ކުރަމުންނެވެ.

އަޤްޞާ ހަސްފަތާލަށް ދީފައިވާ ޙަމަލާތަކާ ގުޅޭ ގޮތުން ޔަހޫދީ ފައުޖުން ބުނީ, އެ ހަސްފަތާލަކީ ޣައްޒާގައި ހަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތް, އިސްލާމިކް ޖިހާދުގެ ކޮމާންޑު ސެންޓަރެއް ކަމުގައެވެ. ނަމަވެސް, ޓެޑްރޯސްގެ ބަސްފުޅުތަކުން ވެސް އެއީ ކަނޑައެޅިގެން ދޮގެއް ކަން ހާމަވެއެވެ. އެ ތަނުގައި ތިބީ ބަލި މީހުންނާއި, ޞިއްޙީ ޚިދުމަތްތެރިންނާއި, ފަލަސްޠީނުގެ ޢާންމު ރައްޔިތުންގެ އިތުރުން ޑަބްލިޔުއެޗްއޯގެ މުވައްޒަފުންނެވެ.

ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އެކި ކަންކޮޅުތަކަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް އިތުރުކޮށް, ވަރުގަދަ ކޮށްފައެވެ. ޔަހޫދީންގެ ގަތުލުއާންމު ފުޅާ ކުރަމުން މި ދަނީ, ޢުދުވާންތައް ހުއްޓައިލަން ގޮވައިލާ އދގެ ސަލާމަތީ މަޖިލީހުން ޤަރާރެއް ފާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ. ޓެޑްރޯސް ވަނީ, އެ ޤަރާރަށް އަމަލު ކުރުމަށް ޔަހޫދީ ފައުޖަށް ގޮވައިލައްވާފައެވެ.

އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީން ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 32,782އަށް އުފުލިފައެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރެއިން 25,000އަކީ އަންހެނުންނާއި މައުސޫމު ކުޑަކުދިން ކަމުގައި އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ދާދި ފަހުން ވިދާޅުވެފައިވެއެވެ. އަދި, މި ޢުދުވާނުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 75,298އަށް އުފުލިފައެވެ.