ކުޅިވަރު

އިހާ ޓީޓީ މުބާރާތް މި ފަހަރު ޚާއްސަކުރީ ބެލެނިވެރިންނަށް


އިހާ ޓޭބަލް ޓެނިސް އެކެޑަމީން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ކުޅުންތެރިންނާއި ބެލެނިވެރިންގެ ރަމަޟާން ޓީޓީ ޗެލެންޖް 2024 ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި މުބާރާތް މި ފަހަރު ބޭއްވީ އެކެޑަމީ އާއި ވައިޑީޕީތަކުގައި އުޅޭ 15 އަހަރުން ދަށުގެ ކުދިންނާއި, އެ ކުދިންގެ ބެލެނިވެރިންނަށް ޚާއްސަކޮށްގެންނެވެ. މުބާރާތުގައި 30 އަށްވުރެ ގިނަ ބެލެނިވެރިން ބައިވެރިވިއިރު, މިއީ ބެލެނިވެރިންނަށް ޚާއްސަކޮށްގެން މި ކަހަލަގޮތަކަށް ބޭއްވި ފުރަތަމަ ޓީޓީ މުބާރާތެވެ.

ޓީޓީ ހޯލުގައި ބޭއްވި މި މުބާރާތް ކުރިއަށްދިޔައީ ޓީމު އިވެންޓެއްގެ ގޮތުގައެވެ. އެގޮތުން ހަތަރު ޓީމު ވާދަކުރި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޒާރާ އެންޑް ޖޯއީގެ ގްރީން ޓީމެވެ. އަދި މުބާރާތުގެ ރަނަރަޕް ޓީމަކަށް ހޮވުނީ އުޒް އެންޑް އައްޒަގެ ބްލެކް ޓީމެވެ.

އިހާ އެކެޑަމީން ވަނީ މިިދިޔަ އަހަރުވެސް ވައިޑީޕީގައި ހިމެނޭ ކުދިން ހިމަނައިގެން މާލެ ސަރަހައްދުގައި ޓީޓީ ކުޅޭ ޖޫނިއަރ ކުޅުންތެރިންނަށް ޚާއްސަކޮށްގެން މުބާރާތެއް ބާއްވާފައެވެ. އެ މުބާރާތުގައި އެ އެކެޑަމީގެ 20 ކުޅުންތެރިއެއްގެ އިތުރުން އަމިއްލަ ކޯޗުން ތަމްރީންދޭ ބައެއް ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.