ކުޅިވަރު

ކޮމްޕެނީ ޓޭޕްބޯލް: އަހިންޝަކާ އާއި ފަހި ދިރިއުޅުމަށް ރަނގަޅު ފެށުމެއް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ފަހު މުބާރާތް ކަމަށްވާ ކޮމްޕެނީ ޓޭޕްބޯލްގެ ފެށުން ލޮޓެމް ޝިޕިން (އަހިންޝަކާ) އާއި ފަހި ދިރިއުޅުމުން ރަނގަޅުކޮށްފިއެވެ.

ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް ބީގެ ފުރަތަމަ މެޗުން އަހިންޝަކާ މޮޅުވީ ސީ މާސްޓާ ލައިންސްއާ ވާދަކޮށް ފަސް ވިކެޓުންނެވެ.

މި މެޗުގެ ގުރުދިމާވުމުން ސީ މާސްޓާ ލައިންސް އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ދެ ކުޅުންތެރިން ނުބައިވެގެން ހެދުނީ 117 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 10 ބޯޅައިން 31 ލަނޑު ހެދި ކޯޝަލް ރޮޑްރީގޯ އާއި، 12 ބޯޅައިން 31 ލަނޑު އެއްކުރި ދިމޭޝް ދިލްޝަންއެވެ.

ޖަވާބުގައި އަހިންޝަކާ ކުޅެން އަރައި ފަހު އޯވަރުގައި ވަނީ ދެ ކުޅުންތެރިން ނުބައިވެގެން 119 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 11 ބޯޅައިން 36 ލަނޑު ހެދި އަމިލާ ރަނަސިންހޭ އާއި، 12 ބޯޅައިން 32 ލަނޑު އެއްކުރި ތާރަކަ ރުވާންއެވެ.

މީގެ އިތުރުން މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް ބީގެ ދެވަނަ މެޗުން ފަހި ދިރިއުޅުން މޮޅުވީ ރަޔާންއާ ވާދަކޮށް ހަ ވިކެޓުންނެވެ.

މި މެޗުގެ ގުރުދިމާވުމުން ރަޔާން އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 62 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 24 ބޯޅައިން 26 ލަނޑު ހެދި އަޙްމަދު ހަސަނެވެ.

ޖަވާބުގައި ފަހި ދިރިއުޅުން ކުޅެން އަރައި ހަތަރު އޯވަރުގެ ތެރޭގައި ވަނީ އެންމެ ކުޅުންތެރިއަކު ނުބައިވެގެން 64 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 15 ބޯޅައިން 31 ލަނޑު އެއްކުރި ޕްރިންސް ސެލްވަރާޖެވެ.

މި އަހަރުގެ ކޮމްޕެނީ މުބާރާތުގައި 12 ޓީމެއް ބައިވެރިވެފައިވާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ނުވަވަނަ ދުވަހެވެ.