މުނިފޫހިފިލުވުން

ވާހަކަ: މިއީވެސް މަންމައެކެވެ.


  • މިއީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ކުރުވާހަކަ މުބާރާތުގައި ބައިވެރިކޮށްފައިވާ ވާހަކައެއް

  • ލިޔުއްވީ: ސަމްލާ އިބްރާހިމް، އޮއިވަރު. ކުޅުދުއްފުށި ސިޓީ

  • ހުށަހެޅުއްވީ:އާއިޝަތު ފައިހާ ފާއިޒް

  • އެއަރކުރި ދުވަސް:30މާރޗް2024

ސަލާންދީ އަވަދިވެގެން ދެއަތް އުފުލާ ﷲ ގެ ހަޟްރަތަށް ދުޢާ ދަންނަވަން މުސައްލަ މަތީގައި އަހަރެން މިއިނީ އެކަލާނގެއަށް ހިތުގެ އެދުން ޚާލިޞް ކުރާ ހާލުގައެވެ. "ޔަލާ.. ދެން އާދޭ އޮށޯންނަން. މިހާރު ނަމާދުކޮށް ނިންމައިގެން ތިހެން އިންނަތާވެސް ބައިގަޑިއިރު މިވަނީ" އަހަރެންގެ ފިރިމީހާ އަކްމަލް ބާލީހުން ބޯހިއްލާ އަހަންނަށް ގޮވާލިއެވެ. އަކްމަލް ގޮވާލިއަޑު އިވުނު ނަމަވެސް އަހަރެންގެ ހިތުގެ މުރާދު، ހުރިހާކަމަކަށް ހުސްތޯހިރުވަންތަ ފަރާތަށް ދެންނެވުމުގައި އަހަރެން މަޝްއޫލުވެއިނީމެވެ. ދެވަނަ ފަހަރަށް އަކްމަލް އަހަންނާ ދިމާއަށް ބަލައިލުމުން ނަމާދު ދޮޅިޔާ އިސްޓާކީނު ބާލާ މުސައްލަ އޮޅާލުމަށްފަހު އެއްފަރާތެއްގައި ބާއްވާލީމެވެ. އެއަށްފަހު ޑްރެސިން ޓޭބަލް މަތީގައި ބަހައްޓާފައިހުރި ފެންފުޅި ނަގާ ކަރު ތެންމާލުމަށްފަހު ފާރުގައި ހަރުކޮށްފައިވާ ގަޑިއަށް ބަލާލީމެވެ. ގަޑިން 4 ގަޑި ބައިވާން ދެން ހުރީ ފަސްމިނެޓެވެ. ފަތިސްވާން ދެން މާގިނަ އިރެއް ނެތްތާއޭ އަހަރެންގެ ހިތަށް އެރިއެވެ. އާދައިގެ މަތިން މިރޭވެސް އަދި އަހަންނަކަށް ލޮލުފިޔައެއް ނުޖެހެއެވެ. މެންދަމުން އަލިވެ 2 ޖެހިއިރު އަހަރެން ފެށި ދަމުނަމާދުގައި މިރޭ މާގިނަ ވަގުތު ހޭދަކުރެވިއްޖެއެވެ. އަހަރެންނާ ޚިލާފަށް އަކްމަލްއަކީ އަވަހަށް ނިދޭ، އަދި ނިދި ގަދަވެސް މީހެކެވެ. އޭރުވެސް އަކްމަލްގެ ގުގުރި ދެމުމުގެ އަޑު ކޮޓަރީގައި ހަރުލާފައި ހުއްޓެވެ. އޭގެ އިރުކޮޅެއްފަހުން އަކްމަލްގެ ފޯނު އެލާމްވާން ފެށުމުން އޭނާ ހޭލައްވާ ނަމާދަށް ފޮނުވުމަށްފަހު އަހަރެންވެސް ނަމާދުކޮށް ޤުރުއާން ކިޔަވާލާ ޛިކުރު ކޮށްލައިގެން އިރުކޮޅަކު ނިދާލުމުގެ ނިޔަތުގައި އަތްމަތި އަވަސްކޮށްލީމެވެ.

ހަފްތާގެ ދުވަސްތަކުގެ ތެރެއިން ހުކުރު ދުވަހަކީ އަހަރެންނަށް ލިބޭ ހަމައެކަނި ބަންދު ދުވަހެވެ. އެވެސް ބައެއް ހަފްތާތަކުގައެވެ. އަހަރެންނަކީ އަބަދުވެސް މިއަދު ކުރަން އޮންނަ ކަމެއް މާދަމާއަށް ފަސްނުކޮށް ވަކި ތާވަލަކަށް އަމަލުތައް ބެހެއްޓޭތޯ މަސައްކަތް ކުރާ ޕްރައިމަރީ ޓީޗަރަކީމެވެ. ބައެއްފަހަރު، ހަފްތާ ބަންދުގެ ގިނަ ވަގުތު ތަކެއްވެސް ޖެހިގެން އަންނަ ހަފްތާގެ ފިލާވަޅުތަކަށާއި ހަރަކާތްތަކަށް ތައްޔާރުވުމުގައި ހޭދަކުރަންޖެހެއެވެ. އެހެންކަމުން ހުކުރު ދުވަހަކީ މުޅި ހަފްތާގައި ގޭތެރޭގައި ނުކުރެވި ހުންނަ ކަންތައްތައްކޮށް ތާވަލަކަށް ބައްޓަންކުރަން ނުހަނު ބުރަ އުފުލާ ދުވަހަކަށް ވަނީ ވެފައެވެ. މައިންބަފައިންނާ ވަކިން ދިރިއުޅެމުން މިދާ ގެއަކީ މެދުފަންތީގެ ދިރިއުޅުމެއް އުޅެމުން އަންނަ އަހަރެމެން ދެމަފިރިންނަށް ގަނޑުވަރެއްފަދަ ތަނެކެވެ.

ފުރަތަމަ ކަމަކަށް ދުވަހީ ތާވަލުގައިވާ ފަދައިން ހެނދުނުގެ ސަޔަށްފަހު ގޯތިތެރެ ކުނިކަހާލާ ސާފުކޮށްލީމެވެ. އަދި ދާވެފައިވާ އަންނައުނުތަކުން ކުލަ އެއްޗެހި ވަކިކޮށް ދޮންނަ މެޝިން ޖައްސާލީމެވެ. ހެނދުނުގެ ސަޔަށްފަހު އަކްމަލް ބޭރަށް ދިޔުމުން އެކަމާ ކުދިކިޔަމުން އައިސް ކޮޓަރިތެރެ ސާފުކުރުމައިގެން އަހަރެން އަވަސްގަތީމެވެ. ކުޑަގެ ތެރޭގައި ހުރި ލައްޕާ ހަރުގަނޑު ގެނެސް އަލަމާރި މަތީގައި ހުރި ކަރުދާސް ފޮށިގަނޑު ތިރިއަށްބާލައި ހިރަފުސް ފޮޅާލީމެވެ. ހަމަ އެއާއެކު ފޮށިގަނޑު ހުޅުވާ އެތެރެ ބަލާލުމުގެ ޝައުގު އަހަރެންގެ ހިތަށް ވެރިވެ ގަތެވެ. ބަލާކަށް ނުހުރެ އަހަރެންގެ ފަހާ ސާމާނު އަޅާ ދަޅުން ކަތުރު ނަގައިގެން އައިސް ފޮށީގައި އަޅާފައިވާ ޓޭޕުގަނޑު ނައްޓާލައިފީމެވެ. އެއާއެކު އަހަރެންނަށް ބޭއިޚްތިޔާރުގައި އަނގަމަތީގައި އަތްއަޅާލެވުނެވެ. ވާނީވެސް އެހެންތާއެވެ. ފޮށީގައި އެވަނީ ވީނުވީތަނެއް ނޭނގި ގެއްލިގެން އުޅޭ އަހަރެންގެ ހަނދާންތަކެކެވެ. ފޮށިގަނޑު ހިފައިގެން އެނދުމަތީގައި އިށީނދެ ރަނގަޅަށް އެތެރެ ބަލައިލީމެވެ. ބޮޑު ސައިޒުގެ ޒިޕް ކޮތަޅެއް ފުރެންދެން އެހުރީ އަކްމަލްއާއި އަހަރެންގެ ކައިވެންޏަށް މިވީ 15 އަހަރުގައި ދަރިއަކަށްޓަކާ އުންމީދާއެކު މާބަނޑުތޯ ބެލުމަށް ބޭނުންކުރި "ޓެސްޓް ކިޓު" ތަކެވެ. ލޯބިލޯބި ދަރިފުޅަކަށްޓަކާ

އަހަރެން އުފުލި ވޭނާއި ތަދު އަންގައިދޭނެ އިންޖެކްޝަން ކަށި ތަކާއި ސިރިންޖުތައް އަޅާފައިވާ 5 ލީޓަރ ފެން ހުސްކުރި ފުޅި ނަގާ މެޔާ ކައިރިކޮށްލާ ލޯމަރާލެވުނީ ހިތަށް ކުރި ފުން އަސަރަކުންނެވެ.

އަހަންނާއި އަކްމަލްއަކީ ކުޑައިރުއްސުރެ ރައްޓެހިންނެވެ. އެއްކުލާހެއްގައި ކިޔެވިޔަސް ސާނަވީ މަރުހަލާގެ ދުވަސްތަކުގައި އެކަކު އަނެކަކަށް މާބޮޑު ސަމާލުކަމެއް ދެވިފައި ނުވެއެވެ. އެހެންނަމަވެސް މަތީ ސާނަވީއަށް ކިޔަވަން އަހަރެމެން މާލެ ބަދަލުވުމާއެކު ދެމީހުންގެ ގުޅުން އިތުރު ހަރުފަތަކަށް ބަދަލުވެގެން ދިޔައެވެ. ކިޔަވާ ނިމިގެން މުދައްރިސްކަމުގެ ކޯސް ހަދަން ނިންމީ ކުޑަކުދިންދެކެ އަހަރެން ވާލޯތްބެއްގެ ބޮޑުކަމުންނާއި ރަށުން ފަސޭހައިން ވަޒީފާ ލިބޭނެތީއާވެސް އެކުގައެވެ. ގްރޭޑް 12 ނިންމާ އަކްމަލް ފުލުހުންގެ ޚިދުމަތާ ގުޅުނު ނަމަވެސް ދާއިރާއާއި ގުޅޭ ކޯސްތަކެއްވެސް ފުރިހަމަ ކުރިއެވެ. ދުނިޔޭގެ ކޮންމެ 10 އަންހެނަކުން 1 އަންހެނަކު ތަހަންމަލުކުރާ "ޕީސީއޯ.އެސް" ނުވަތަ ބިސްރަވައިގާ ސިސްޓު އުފެދުމުގެ ބަލީގެ ޝިކާރައަކަށް އަހަރެން ވެފައިވާކަން ފުރާވަރުގައި ޑޮކްޓަރުންގެ ތަހުލީލުތަކުން ދެނެގަނެވިފައިވުމާއެކު އަކުމަލްވެސް ބޭނުންވީ އަވަހަށް ޒަވާޖީ ހަޔާތެއްފަށާށެވެ. އަހަރެންގެ ކޯސް ނިންމާ އުމުރުން 25 އަހަރުގައި ފޮނި ހުވަފެން ތަކަކާއެކު ދިރިއުޅުން ބިނާ ކުރުމަށް ވައުދުވެ، ޒަވާޖީ ހަޔާތުގެ ގޮށް ބާރުކޮށްލީ ދުވަހަކުވެސް ނުމޮހޭނެކަމަށް އުންމީދުކުރަމުންނެވެ.

ކައިވެނީގެ ފުރަތަމަ 2 އަހަރު ފާއިތުވެދިޔައިރު މީހުންގެ ސުވާލުތައް ކުރިމަތިވާން ފަށައިފިއެވެ. ކުއްޖަކު ހޯދަނީ ކޮން އިރަކުންތޯއާއި ޒުވާންކަން ގެއްލިދާނެތީ ތިބެނީތޯ ގާތް މީހުންވެސް އަހަނީ ޖަވާބުދޭން އުނދަގޫވާފަދަ މޭރުމަކުންނެވެ. އާދަޔާ ޚިލާފަށް އަހަރެންގެ ބަރުދަން އިތުރުވެ ހަށިގަނޑު ފަލަވަނީ ކީއްވެ ކަމާއި ކަސްރަތު ކުރިޔަސް ކުރިއެރުމެއް ނުލިބޭކަން އެހެން މީހުންނަށް އަންގާކަށް އަދި އަހަރެން ބޭނުމެއް ނޫނެވެ. އަހަރެންގެ އަތާއި މޫނުގައި ގިނަ އަދަދަކަށް އިސްތަށިފަޅާއިރު، އަހަރެންގެ ހޯމޯން ތަކަކީ އަބަދާއި އަބަދު ބަދަލުވޭވޭ ހުންނަ އެއްޗެއްކަމާއި އާދަޔާ ޚިލާފަށް ފިރިހެން ހޯމޯން

ހަށިގަނޑުގައި ހުރުމުން ކުއްޖަކު ލިބުމުގައި ދަތިތަކެއް ކުރިމަތި ވެދާނެކަން އޭރު ޑޮކްޓަރުންގެ ފަރާތުން ވަނީ އެނގިފައެވެ. އަހަރެމެންނަކީ ޗުއްޓީ ހޭދަކުރުމަށް ތަފާތު މަންޒިލްތަކަށް ދަތުރުކުރާ ބައެއްކަމުން ފަރުވާގެ ކަންކަމުގެ ހަގީގަތް އަހަރެންގެ އާއިލާގެ މީހުންނަށްވެސް ނޭނގި އޮތުމަށްފަހު ކައިވެންޏަށް4 އަހަރުގައި އަކްމަލްގެ ރައްޓެއްސެއްގެ ފަރާތުން އެވާހަކަ އެކި މީހުންގެ ކަންފަތާ ހަމައަށް ފޯރަން ފަށައިފިއެވެ. ދެން އަހަންނަށް އަމާޒުވާންފެށި ބަސްތަކަކީ މިހުރިހާ ދުވަހު ދަރިއަކު ނުހޯދަން ތިބެގެން ދިމާވި ގޮތް ކަމުގައެވެ.އޭރު އަހަރެން މާޔޫސްވާން ފަށައިފިއެވެ. މީހުންގެ ވިހަ ބަސްތަކާއި އަމަލުކުރާ ގޮތުގެ ސަބަބުންނެވެ. ތިމާގެ މީހަކު މާބަނޑުވި ކަމުގައިވީނަމަވެސް އަހަރެންނަށް އެކަން އެނގެނީ އެންމެ ފަހުންނެވެ. އެވެނި މިވެނި މީހަކު މާބަނޑުވެގެން އުޅެނީ ހާދަވޭނެއްގަކަމާއި ހިތްވަރުގަދަކަމުގެ ވާހަކަ އަހަރެންގެ ހިތްމަރުވާ ގޮތަށް ދައްކާއިރު، މާބަނޑު ނުވި ނަމަވެސް އަހަރެންނަކީވެސް ވޭންތަކެއް ތަހަންމަލުކުރާ ހިތްވަރުގަދަ މީހެއްކަން ބުނެދޭނީ ކޮން ދުލަކުންކަމެއް ނޭނގެއެވެ. އަހަރެންގެ އެސްފީނާއާއި ބަދު ދުޢާ ޖެހިދާނެކަމަށް ބުނެ ބައެއް މީހުން އެމީހުންގެ ތުއްތު ކުދިން އަހަރެން އުރާލަން ނުދީ ފަސްދީ ދާންފެށުމުން އަހަރެންގެ ހިތުގެ އުދާސްތައް ކަރުނައިގެ ސިފައިގާ ބޭރުކުރެވޭ ދުވަސްތައް ގިނަވާން ފަށައިފިއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އަހަންނަކީ ދަރިން ނުލިބޭ މާ ނާޅާ ގަހެއްގެ ގޮތުގައި ރަށުމީހުން ސިފަކުރަން ފަށައިފިއެވެ. ދަރިންނެތް މީހަކަށް މައެއްގެ ވޭން ނޭނގޭނެކަމާއި، ކުދިން ތަރުބިއްޔަތުކުރާނެ ގޮތް ކިޔާދޭން ނުޖެހޭނެކަން އަހަރެންގެ ކަންފަތަށް އިއްވަން ފަށައިފިއެވެ. ދަރިއަކުނެތް ޓީޗަރަކު، އެހެން ބައެއްގެ ދަރިންތަކަކަށް ހެޔޮ ނޭދޭނެކަން ބައެއް ބެލެނިވެރިން ކުދިންނަށް ވިސްނާދޭންފެށި ހިސާބުން އަހަރެންގެ ހިތް ފޮތިފޮތިވަމުންދާފަދަ އިހްސާސްތައް ކުރެވެންފެށުނެވެ. އަކްމަލްގެ ބައެއް ރަހްމަތްތެރިން ދެވަނަ ކައިވެންޏެއް ކުރުމުގެ މުހިންމު ކަމުގެ ވާހަކަ ތަކުރާރުކޮށް އަކްމަލްއަށް ހުށައަޅާކަން އަހަންނަށް އެނގުމާއެކު ހިތާ ދެކޮޅަށްވެސް އެކަން ކުރުމަށް

އަކްމަލްއަށް ބާރުއަޅަން ފެށުނެވެ. އެހެންނަމަވެސް، އަކްމަލްގެ ކިބައިގައިވީ ސާބިތުކަމެވެ. ތަފާތު އެކި ވަގުތުތަކުގައި އެވާހަކަ ދައްކައިގެންވެސް އަކްމަލް އަހަރެންގެ ބަސް ގަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ. އަކްމަލް އަހަރެންދެކެވީ ހަގީގީ ލޯބި ކަމާއި މިއީ އެކަން މުޅި ދުނިޔެއަށް ސާބިތުކޮށްދޭންވީ ވަގުތުކަމަށް އަކްމަލް ބުނާ ބުނުން ވެގެން ދިޔައީ އަހަރެންގެ ފާރުވެފައިވާ މޭގައި ގަނޑުފެން އަޅާލަދިންފަދަ ކަމަކަށެވެ.

އަހަރެމެންނަކީ ރަށުގެ އެންމެ މުއްސަނދިން ކަމުގައި ނުވިޔަސް، ނިސްބަތުން ބޮޑު މުސާރައެއްލިބޭ ދެމަފިރިންނެވެ. އެހެންނަމަވެސް ބޭނުންވާ މިންވަރަށް އަތުގައި ފައިސާ ރައްކާކުރެވިފައެއް ނުހުރެއެވެ. ދުބާއީ، ބެންކޮކް، އެމެރިކާ އަދި އިންޑިޔާފަދަ މި ފަރުވާގައި ފާހަގަކޮށްލެވޭ ގައުމުތަކުގެ ހޮސްޕިޓަލްތަކުންވެސް ފަރުވާ ހޯދިއްޖެއެވެ. ދަރިމައިވުމުގެ ފަރުވާއަކީ އާސަންދަ ނުލިބޭ، އަގު ބޮޑު އަދި ރާއްޖެއިން ލިބެންނެތް ފަރުވާއަކަށްވުމުން ރާއްޖެއިން ބޭރުން ތަފާތު ހަރަދުތައް ކުރަން ޖެހުމުގެ ސަބަބުން އަތްމަތި ދަތިވާ ފަހަރުތައް އައި ނަމަވެސް އުންމީދުގައި އަހަރެމެން ދެމަފިރިން އެތަކެއް ދުވަހެއް ހޭދަކޮށްފީމެވެ. ދަރިމައިނުވާ މީހުންނަށްދެވޭ ފަރުވާއެއް ކަމަށްވާ "އައި.ޔޫ.އައި" ދެފަހަރެއްގެ މަތިން ހެދުމުންވެސް އެކަން ކާމިޔާބުނުވެ އަހަރެމެންގެ ހިތަށް މާޔޫސްކަން ވެރިވިހިނދު ޑޮކްޓަރ ލަފާދެއްވީ އެންމެ ފަހުގެ ފަރުވާ ކަމަށްވާ "އައި.ވީ.އެފް" އަށް އަވަހަށް ދިޔުމަށެވެ. މި ފަރުވާއަކީ ކިތަންމެ އަގުބޮޑު ފަރުވާއެއް ނަމަވެސް އަހަރެމެން ބޭނުންވީ ﷲގެ ރަހްމަތުން އުންމީދު ކަނޑާނުލާ ކުރިއަށްދިޔުމަށެވެ. އެހެންކަމުން، ފަރުވާއާއި ބެހޭ ގިނަ ފޮތްތަކެއް ކިޔާ މުހިންމު މައުލޫމާތުތަކެއް އެއްކޮށް އެއާ އެއްގޮތަށް އަމަލުކުރަމުން ދިޔައީމެވެ. ސްޓްރެސް ނުވަތަ ހިތް ނުތަނަވަސްވާ ބޭކާރު ޚިޔާލުތަކާ ދުރުވެ ގިނަ ވަގުތު ކޮޅަށް ހުންނަ ހުރުން މަދުކޮށްލީމެވެ. ޕާނާއި ބާގަރ ފަދަ ޕޭސްޓްރީގެ ބާވަތްތައް ކެއުމުގެ ލިސްޓުން އެއްކޮށް އުނިކޮށް ހަކުރު ބޭނުންކުރާ މިންވަރު ސުމަކަށް ހެދީމެވެ. ގަވައިދުން ކަސްރަތުކޮށް ގިނައިން ފެން ބުއިން އާދައަކަށް ހެދީމެވެ. ދަމުނަމާދާއި ދުޢާއިން އަހަރެންގެ

ހިތަށް ތަސައްލީ ހޯދަން ގަދައަޅާ މަސައްކަތް ކުރީމެވެ. އައިވީއެފްގެ ފުރަތަމަ ބުރު ނާކާމިޔާބުވި ނަމަވެސް ދެވަނަ ބުރުގައި އަހަރެން މާބަނޑުކަން އެނގުނު ދުވަހު ލިބުނު އުފަލަކީ މުޅި ދުނިޔެ މިލްކުވުމުން ލިބޭފަދަ އުފަލެއްގެ ގޮތުގައި އަހަރެންނަށް އިހްސާސްކުރެވެމުން ދިޔައެވެ. އެހެން ނަމަވެސް މި އުފާ ދެމިގެން ދިޔައީ ކުޑަ ދުވަސްކޮޅަކަށެވެ.

އަހަރެންގެ ބަނޑަށް ދޮޅުމަހުގައި ހެދި ސްކޭނަކުން އެނގުނު ގޮތުގައި އަހަރެންގެ ދަރިފުޅު އަށަގަނެފައިވަނީ ރަހިމުންބޭރުގައި ހޮޅިއެއްގައެވެ. ޑޮކްޓަރުންގެ ބަހުރުވައިން އަހަރެންނަށް ދިމާވެފައިވަނީ "އެކްޓޯޕިކް ޕްރެގްނެންސީ" އެކެވެ. ވަގުތުން އެމެޖެންސީގައި ސިޒޭރިއަންއެއް ހަދާ އަހަރެންގެ ރަހިމާއި ވާތް ފަރާތުގެ ބިސްރަވަ ގުޅުވައިދޭ "ފެލޯޕިއަން ޓިއުބު" ނެގުން ވެގެންދިޔައީ މި ދަތުރުގައި އަރައިގަންނަން އެންމެ އުނދަގޫވި ހާދިސާއަށެވެ. މިކަމުގެ ސަބަބުން، ނުކައި ނުނިދި، ނަފްސާނީ މައްސަލަތަކަށް އަހަރެން ހުށައެޅުނު ނަމަވެސް، ނަމާދާއި ދުޢާ، އަދި ލޯބިވާ ފިރިމީހާގެ އަޅާލުމާއި، އާއިލާގެ އެއްބާރުލުމާއި، ބޭހުން މިކަމުން އެއް އަހަރު ތެރޭގައި އަރައިގަނެވި އައިވީއެފްގެ ތިންވަނަ ބުރަކަށް ރާއްޖޭން ބޭރަށް ދިޔައީ ވަޒީފާއިން މުސާރަ ނުލިބޭ ޗުއްޓީ ނަގައިގެން އިތުރު ހިތްވަރަކާއެކުގައެވެ. އެހެން ނަމަވެސް މިފަހަރު ފަރުވާގެ ތިންވަނަ ބުރެކޭ އެއްފަދައިން ހަތަރުވަނަ ބުރާއި ފަސްވަނަ ބުރުވެސް ނާކާމިޔާބުވެ ދޮޅު އަހަރު ފަހުން އެނބުރި ރަށަށް އަންނަން ޖެހުނީ ރަށުމީހުންގެ ނަޒަރުގާ ހުސްއަތާއެވެ. ރަށަށް އައިފަހުން ގުދުރަތީ ގޮތުން ދެފަހަރަކު މާބަނޑުވެ ބަނޑަށް3 މަހުގައި ބައިގެން ދިޔުމުންވެސް އެކަމަކީ އަހަރެންގެ ސުންޕާ ކަމުގެ އަސަރުކަމަށް ދެކޭ މީހުންވެސް އަހަރެންގެ އަވައްޓެރިންގެ ތެރޭގައިވެސް މަދެއްނޫނެވެ. ކަމުގެ ހަގީގަތް ނުބަލާ، ހޯދަން މަސައްކަތްވެސް ނުކޮށް ވާހަކަ ހިފައިގެން ހިނގާ މީހުންނަށް ހެޔޮ ބަހެއް ބުނަން ނޭނގޭނަމަ މަޑުން ތިބޭނަމަ މި މުޖުތަމައުތަކުގައި އުޅެން ކިހާ ފަސޭހަވީސް ހެއްޔެވެ؟

"ޔަލް.. ޔަލް... ޔަލާ...." އަހަރެންނަށް ހިޔާލީ ދުނިޔެއިން ނުކުމެވުނީ އަކްމަލްގެ އަޑަށެވެ. "ސާބަސް ޔަލާ.. އަހަރެން އެވަރަކުން ތި އެއްޗެހި ފޮރުވާފަ ރައްޓެއްސެއްގެ ފޮށިގަނޑެކޭ ކިޔާފަ އަލަމާރި މައްޗަށްލީ ޔަލްއަށް ތި ފެންނަން ބޭނުން ނުވާތީ. ޔަލް އަބަދާއަބަދު ރޯތަން ދެކޭކަށް އަހަންނަކަށްވެސް ވަކި ފަސޭހައެއް ނޫނޭ.." އަހަރެންގެ އަތުން ފުޅި އަތުލާ ޕެކެޓާއެކު ފޮށިގަނޑަށް ލަމުން އަކްމަލް ވާހަކަ ކުރިއަށް ގެންދިޔައެވެ. "އަހަރެން ގެއަށް އައިސް ވަން އިރު މެޝިނު ނިމިގެން އަޑުގޮވާތީ އެދިމާލަށް ދިޔައިރު ޔަލާ ނެތީމަ މިއައީ.. ހިނގާބަލަ ބަދިގެ ފަރާތަށް.. ކުރުނބައެއްވެސް ހިފައިގެން މިއައީ.." އަހަރެން ކޮޅަށް ނަގާ ލޯކައިރި ފޮހެލާ މޫނުމަތި ރީތިކޮށްލަމުން އަކުމަލް ހިތްހަމަ ޖައްސައިދޭން ފެށިއެވެ.

ދިރާސީ އަހަރުގެ ފުރަތަމަ ޓާރމު ނިމުމަކާ ގާތްވެފައިވާއިރު ފާއިތުވެދިޔަ ހަފްތާއާއި މި ހަފްތާއަކީ ސްކޫލުގައި ނުހަނު ބުރަ ހަފްތާއެކެވެ. މުޅި ސްކޫލު ހިއްސާވެގެން ފާހަގަ ކުރާ ބެލެނިވެރިންގެ ދުވަހަށް ކޮންމެ އަހަރަކުވެސް އަހަރެން ވަރަށް އިންތިޒާރު ކުރަމެވެ. ކޮންމެ ދަރިވަރަކު އެކުދިންގެ މައިން ބަފައިންނަށް އިއްވައިދޭ ޝުއޫރުތައް އަޑުއަހާލާ ފާޅުކުރާ ލޯބިން އަހަރެންގެ ހިތަށް ހަމަޖެހުން ލިބޭތީއެވެ. މިދުވަސްވަރަކީ ދަރިވަރުންގެ ރިޕޯޓް ފޮތް ތައްޔާރުކުރާ ބުރަ ދުވަސްވަރުވެސްމެއެވެ. މީގެ އިތުރުން ބެލެނިވެރިންގެ ދުވަހަށް ވަރަށް ފުރިހަމައަށް ތައްޔާރުވުމުގެ ގޮތުން ކޮންމެ މުއައްޒަފަކުވެސް ގިނަ ވަގުތުތަކެއް ސްކޫލުގައި ހޭދަކުރަންޖެހިފައިވެއެވެ. މިކަމުގެ ސަބަބުން އަހަރެންނަށްވެސް އަމިއްލަ ކަންކަމާމެދު ފަރުވާ ކުޑަކުރެވޭކަން އަކްމަލް ފާހަގަކުރާތާ މިއަދަށް 4 ވަނަ ދުވަހެވެ. މިއަދުވެސް ހެނދުނު ސްކޫލަށް އައިގޮތަށް އަހަރެން މިއުޅެނީ މެންދުރު ނުކައެވެ. ވަގުތު ޖެހުމުން ނަމާދުކުރާ ކޮޓަރިއަށްވަދެ ނަމާދުކޮށްލައިގެން އަނެއްކާވެސް މަސައްކަތަށް އެނބުރިލެވުނީ ކުރަން ހުރި ކަންކަން އަވަހަށް ނިންމާލުމުގެ ގަސްދުގައެވެ. "މިސް.. އަޅުގަނޑުމެން މިތިބީ ހޯލުގަ.. މިސް ދުރުވީމަ އެންމެ ފަހު ފަހަރު އެ މަދަހަ ކިޔަން ހުރިހާ ކުދިންވެސް ބޭނުންވަނީ.." އަހަރެން ސްޓާފްރޫމަށް ވަދެވަދެ ހުއްޓާ،

އެސެމްބްލީ ރިހާސަލަށް އައިސް އުޅުނު ސާނަވީ ގްރޭޑްގެ ދަރިވަރަކު ވާހަކަ ދައްކަން ފެށުމުން އަހަންނަށް ހިނިތުންވެވުނެވެ. "އެންމެ ރަނގަޅު. މިސް އެބަދަން ހަމަ ކުޑަ އިރުކޮޅަކުން.." ކުދިން އަހަރެންދެކެ ހާދަލޯތްބެއް ވޭތާއޭ ހިތަށްއެރިއެވެ. ސްޓާފްރޫމަށްވަދެ އަހަރެންގެ ފޯނު ދަބަހުން ނަގައިގެން ހޯލަށް ދިޔުމަށް ދޮރުހުޅުވާލީމެވެ.ބޮލަށް އެނބުރުން އަރާ ކަހަލަ ފާޑެއްގެ އަނދިރިގަނޑެއް ފެނުނުހެން ހީވިއެވެ. ދެންވީގޮތެއް އަހަންނަކަށް ނޭނގުނެވެ.

"ޔަލް.. އޯކޭތަ މިހާރު.. " އަހަންނަށް ލޯ ހުޅުވާލެވުމާއެކު، އަހަރެންގެ ބޮލުގައި އެއް އަތުން ފިރުމަމުން އަނެއް އަތުން އަހަރެންގެ ކަނާތް ނަގާ ބޮސްދެމުން އަކްމަލް ސުވާލުކޮށްލިއެވެ. "ހޫމް.. ކޮންތާކު މިއޮތީ. އަކޫ.. ކުދިން ތިބޭނެ މިހާރު އަހަރެން ދަންދެން މަދަހަ ނުކިއިފަ.." އަވަހަށް ތެދުވެވޭތޯ އަހަރެން މަސައްކަތް ކުރީމެވެ. "ޔަލް.. ހަމަޖެހިލާ އިހަށް.. އަހަރެމެން މިތިބީ ރަށަކު ނޫނޭ.. މާލޭގަ. ޔަލާ ތިއޮތީ އޭޑީކޭގަ.. މިއަދު މީ ތިންވަނަ ދުވަސް..." ލޯމަރާ މައްޗަށް ބޯ އުފުލާލަމުން އަކްމަލް ވާހަކަ ދެއްކިއިރު އަޑަށް ވެރިވެފައިވާ މޮޅިވެރިކަން ފާހަގަ ކުރެވުނީ އެވަގުތުއެވެ. އެއާއެކު އަހަރެންނަށް ވަށައިގެންވާ މާހައުލަށް ބަލާލެވުނެވެ. ވައަތަށް ކެނިއުލާ ގުޅާފައިވާއިރު އޭރުވެސް އައިވީ ފުޅީގެ ތިކިތަށް ދިޔައީ އަހަރެންގެ ހަށިގަނޑަށް ވާސިލުވަމުންނެވެ. މިވަނީ ކިހިނެއްކަން ކޮންމެވެސް ވަރަކަށް އަހަންނަށް ލަފާކޮށްލަން އެނގި ގިސްލެވެން ފެށުނެވެ. "ނުރޮއި.. ޕްލީސް ނުރޮއި. އަހަރެން ﷲ އަށް ހަމްދު ކުރަން ޔަލާ އަހަންނަށް ލިބުނީތީ.. ޑޮކްޓަރުންވެސް އުންމީދު ކަނޑާލި ވަގުތެއް ދިޔަ. އެކަމަކު އަހަރެން އުންމީދު ކަނޑައެއް ނުލަން.އަހަރެން ހާދަ ބިރެއްގަތޭ.. ޔަލާ ހޭ ނާރާ ވޭތުވެދިޔަ ކޮންމެ ސިކުންތެއް އަހަންނަށް ގަޑި އިރެކޭ އެއްފަދަ. ޔަލާއަށް އެނގޭތަ.. މިފަހަރުވެސް ބޭބީ ދިޔައީ ޓިއުބަށް.." އަހަރެންގެ ކުރިމަތީގައި ދުވަހަކުވެސް ކަރުނަ ތިއްކެއް ވައްޓާނުލާ އަކްމަލްއަށް ކަރުނަ ހިންދާލުން މިފަހަރުވީ ދަތިކަމަކަށެވެ. "ސޮރީ އަކްމަލް.. ކޮންމެ މަހަކު ގަވައިދުން ނުވާތީ އަހަރެންނަށް އެހާ ސަމާލުކަން ނުދެވުނީ. ހިޔެއްވެސް ނުކުރަން ބަނޑުބޮޑު ވެދާނެއެކޭ.. އެއްވެސް އުނދަގުލެއްވެސް

ނުވޭ.. އަހަރެން.. އަހަރެން ކިހާ ބަދުނަސީބު.. އަކޫއަށް ބައްޕާއޭ ކިޔާ ގޮވާލާނެ ކުއްޖަކު..."އެހާ ހިސާބުން އަހަރެންގެ ވާހަކަ މެދުކަނޑާލާ އަކްމަލް ބާރަށް އަހަރެންގެ ގައިގާ ބައްދާލިއެވެ. "ނިމުނީ.. ދެން ނުރޮއްޗޭ.. ޑޮކްޓަރ ބުނުއްވި ޔަލް ހަމަ ޖެހެންދެން މިވާހަކަ ނުބުނެ ހުންނަން. އެކަމަކު ފަހުން އެނގުނީމަ މާ ދެރަވާނެތީ މި ބުނީ.. އެހެން ނޫނަސް ތީ އަހަރެންގެ ހިތްވަރުގަދަ ވައިފީ އެއްނު.. ޔަލާގެ ލޯބި އަހަންނަށް ފުދޭ..ވަރަށް... ވަރަށް ލޯބިވޭ.." އަކްމަލް ބޭނުންވީ އަހަރެންގެ ހިތްހަމަ ޖައްސާށެވެ. "އެދުވަހު ސްކޫލުގަ ހުއްޓަ އަނބުރައިގަނެގެން ހޮސްޕިޓަލަށް ޔަލް ގެންދަމުން އެމީހުން އަހަންނަށް ގުޅީ.. އޭރު އަހަރެން ހުރީ ސްޓޭޝަނުގަ.. ބުނީމެއްނު އިސްވެރިންތަކެއް އަންނަ ވާހަކަ.. އެކަން އެމީހުންނަށް އެނގިގެން އަހަންނަށް ރިލީޒް ދިނީ.. ރަށު ހޮސްޕިޓަލުގަ ގިނައިރު ނުކޮށް އަވަހަށް މާލެއައީ.. ނަސީބެއް އާދެވުނުކަން.. ސްކޭނުން އެނގުނީ..ޔަލްގެ ޓިއުބު ފަޅައިގެން ގޮސް ކަން.. އަހަރެން ބޭނުންވީ އަވަހަށް ފުރާނަ ސަލާމަތްކުރަން.. އޮޕަރޭޝަން ކުރަންވާއިރަށް ރޭގަނޑު ފުލައިޓުން ޖާގަލިބިގެން މަންމަމެނަށްވެސް އާދެވިއްޖެ ނަސީބަކުން.." އަކްމަލް އަހަރެންގެ އަތަށް ފިތާލާ ވާހަކަ ކުރިއަށް ގެންދިޔައެވެ. އަހަރެންގެ ކަރުނަތައް ހިންދަން މަސައްކަތް ކުރަމުން ލޯމަރާ ބާރުކޮށްލީމެވެ. ގުދުރަތީގޮތުން އަހަންނަށް ދަރިއަކު ލިބޭނެ ހުރިހާ މަގެއް މިހާރު އެ ބަންދުވީއެވެ.

ހިތާމައަކަށްފަހު ހިތާމައެއް ކުރިމަތިވަމުންގޮސް އަހަރެންގެ ހިތް ފަޅައިގެން ހިނގައިދާނެހެން ބައެއްފަހަރު ހީވެއެވެ. އަހަރެން ވަރުބަލި ވެއްޖެއެވެ. ވަރަށް ބޮޑަށް ވަރުބަލިވެ މާޔޫސް ވެއްޖެއެވެ. އެކަނިވެރިކަން ވަށާލައިފިއެވެ. އުދާސްތައް ހިތުގައި ވަކިއަޅަމުންދާ ކަހަލައެވެ. މީހުންގެ ސުވާލުތަކާ ކުރިމަތިލާހާ ހިތްވަރެއް ދެން އަހަރެންގެ ކިބަޔަކު ނެތެވެ.މީހަކަށް ނޭނގުނު ނަމަވެސް އަހަރެންގެ ހިތުގައި ހާދަ ވޭނެއް އަޅައެވެ. ދިރިއުޅުމުގެ ހުސްކަމާއި ފަޅުކަން އިހްސާސް ކުރެވެއެވެ. އަހަރެންގެ ގައިގާ ހާދަ ލަކުނެއް ލައިފިއެވެ. ދުވަހަކު ފަސޭހަ ނުވާނެ އެތައް ފުން ޒަހަމްތަކެއް ހިތުގައި ލައިފިއެވެ. ފަސޭހައިން ދަރިންލިބޭ

މީހުންނަށް އަހަރެމެން ކަހަލަ މީހުންގެ އިހްސާސްތަކުގެ ޒައްރެއްގެ މިންވަރުވެސް އަންދާޒާ ކޮށްނުލެވޭނެއެވެ. އެމީހަކަށް ނުއުފުލޭވަރުގެ ތަކުލީފެއް ﷲ ތަޢާލާ މެދުވެރި ނުކުރައްވާނެކަން ހިތުގެ އަޑިން އަހަރެން ގަބޫލުކުރަމެވެ. ކޮންމެ ކަމަކީވެސް ﷲގެ އިރާދަފުޅުން ވަގުތު ޖެހުމުން ވާނެ ކަމެއްކަމާމެދު އަހަރެން ޝައްކެއް ނުކުރަމެވެ. އަދި އެކަމުގައި ހެވެއް ނުވާ މުޞީބާތެއް ނުޖައްސަވާނެކަންވެސް އަހަރެން ދަންނަމެވެ. އެއްބަހެވެ. އަހަރެންގެ އުމުރުން 39 އަހަރު ފުރި ސާޅީހުގެ ދުވަސްތައް މިއަދު ގުނަމުންދާއިރު އަހަރެންގެ ރަހިމުގައި ހެދި ބޮޑުވެ، މިދުނިޔެއަށް އުފަންކުރާނެ ދަރިފުޅަކު ނެތެވެ. އަހަރެންގެ މި އުނގުގާ ބޯއަޅައިގެން ނާނާ ކިޔާލާ، ކޮނޑުގައި ބާއްވައިގެން ފިރުމާލާނެ ދަރިފުޅަކު ނެތެވެ. ރީތި އަންނައުނު ލައްވާ ނަލަހައްދާލާނެ ދަރިފުޅަކު ނެތެވެ. ތުއްތު އަތުގައި ހިފައިގެން ޕާކަށްގޮސް މަޖާކޮށްލާ ސައިކަލުގައި ފިނިބުރު ޖަހާލަންދާނެ ދަރިފުޅަކު ނެތެވެ. މަންމާއޭ ކިޔާ ދުވެފައިއައިސް ބައްދާލާނެ ދަރިފުޅަކު ނެތެވެ. އެހެން ނަމަވެސް ބުނަން ހެއްޔެވެ؟ އަހަރެންނަކީ ﷲގެ މިންވަރުފުޅަށް ރުހި އެކަލާނގެ މަގުގައި މަޢުރިފާކޮށް،ގަޟާގަޤަދަރަށް އީމާންވެ ސާބިތުކަމުގައި ހުރި މަންމައެކެވެ. އެތަކެއް ދަރިވަރުންތަކެއްގެ މަންމައެކެވެ. އަބަދުވެސް ބުނާނަމެވެ. މިއީވެސް މަންމައެކެވެ. ވަރަށް ފަޚުރުވެރި މަންމައެކެވެ.
-ނިމުނީ-