މުނިފޫހިފިލުވުން

ވާހަކަ: ބައްޕަގެ ޖަވާހިރު


  • މިއީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ކުރުވާހަކަ މުބާރާތުގައި ބައިވެރިކޮށްފައިވާ ވާހަކައެއް

  • ލިޔުއްވީ: ހުސްނާ ފަހުމީ.މ.އަފްޒާ

  • ހުށަހެޅުއްވީ: އާއިޝަތު ޝީރީން،ގދ.ގައްދޫ/އިރުމަތީގެ

  • އޮންއެއަރކުރި ދުވަސް:26.03.2024

އާސިޔާއާއި ޙައިދަރަކީ ވަރަށް ލޯބިން ދިރިއުޅެމުން ދިޔަ ވަރަށް ޒުވާން ދެމަފިރިންނެވެ. އެ ދެ މީހުން ކައިވެނި ކުރިއިރު ޙައިދަރުގެ އުމުރަކީ ސަތާރަ އަހަރެވެ. އާސިޔާގެ އުމުރަކީ އެންމެ ފަނަރަ އަހަރެވެ. އެ ދެމަފިރިންގެ ކައިވެންޏަށް އަހަރެއް ވީއިރު ލޯބިލޯބި އަންހެން ކުއްޖަކު ވަނީ ލިބިފައެވެ. އެއަށްފަހު އަހަރު ދެކޮޅު އާސިޔާ ދިޔައީ ވިހަމުންނެވެ. އެ ކައިވެންޏަށް މިހާރު ނުވަ އަހަރު ވީއިރު ހަ އަންހެން ދަރިން ލިބިފައިވެއެވެ. އަދި މިހާރު އާސިޔާ އިނީ އެ ދެމަފިރިންގެ ހަތްވަނަ ދަރިފުޅަށް ބަލިވެއެވެ.

ބަލިވެއިން އެހެން ފަހަރުތަކާ ޚިލާފަށް މިފަހަރު އާސިޔާއަށް ބައެއް އުނދަގޫތައް ވަމުންދެއެވެ. އެ އުނދަގޫތަކަށް ކެތްކުރަމުން އަދި ގޭތެރޭގައި ކުދިންބެލުމުގެ ޒިންމާތައް ވެސް ނަގަމުން އާސިޔާ ދިޔައީ ވަރަށް ހިތްވަރުކުރަމުންނެވެ. ދުވަސްތައް އެ ގޮތުގައި ހޭދަކުރަމުން ގޮސް ބަނޑަށް ހަތްމަހުގައި އެއް ދުވަހަކު ވަރަށް ބޮޑަށް ބަނޑުގައި ރިއްސާފައި ދުވަސް ނުފުރާ ވިހެއުމުގެ ތެރޭގައި އާސިޔާ މަރުވެއްޖެއެވެ. އެ ފަހަރު ވެސް އެ ދެމަފިރިންނަށް ލިބުނީ އަންހެން ކުއްޖެކެވެ.

ލޯބިވާ އަނބިމީހާ އެހާ ޅައުމުރުގައި ވަކިވެދިއުން ޙައިދަރަށް އެއީ ބަރުދާސްތު ކުރަން ދަތިވި ބޮޑު ހިތާމަޔަކަށް ވެގެންދިޔައެވެ. އަނބިމީހާ މަރުވިއިރު އެ ދެމަފިރިންނަށް ލިބިފައިވާ ދަރިންތައް ވަރަށް ކުއްޖެވެ. އެއިން ކޮންމެ ކުއްޖަކީ ވެސް މަންމައެއްގެ ލޯތްބާއި އަޅާލުން އިންތިހާއަށް ބޭނުންވާ އުމުރުގެ ކުދިންނެވެ. އާސިޔާ މަރުވިއިރު އެ ދެމަފިރިންގެ ދޮށީ ދަރިފުޅުގެ އުމުރަކީ އެންމެ ދިހަ އަހަރެވެ. އެހެންކަމުން ހަގަށް ތިބި ހަ ކުދިން (ވިހޭ ދަރިފުޅާއެކު) ބެލުމުގެ ޒިންމާ އެކަނިމާއެކަނި ޙައިދަރަށް އުފުލަން މިހާރު

މިވަނީ ޖެހިފައެވެ. ޙައިދަރުގެ މަންމައެއް ބައްޕައެއް ވެސް މިހާރު ދުނިޔޭގައެއް ނެތެވެ. އާސިޔާގެ މަންމައާއި ބައްޕަ ވެސް ވަނީ މާކުރިން މަރުވެފައެވެ. އެހެންކަމުން އާސިޔާ ނެތިދިއުމުން، ކުރިން އާސިޔާ ނަގަމުންދިޔަ ގޭތެރޭގެ އެންމެހާ ޒިންމާތަކުގެ އިތުރުން އާއިލާގެ ބަނޑުފުރާނަ މުއްތިކުރުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތަކުގެ ޒިންމާތަކާ، އެ ހުރިހާކަމެއް ހިތަށް އެރުމުން ޙައިދަރު ވަނީ ގޮތް ހުސްވެ ދުނިޔޭން މޮޔަވާވަރުވެފައެވެ.

ޙައިދަރު އޭނާގެ ލޯބިވާ އަނބިމީހާ ވަކިވެދިއުމުގެ ހިތާމާގައި ކެއުންބުއިމާ ދުރުވެ އަދި ދިރިއުޅުމަށް ޓަކައި ކުރަމުން އައި މަސައްކަތް ވެސް ނުކުރެވި، އެނދުގައި އޮތް ކުނަލެއް ފަދައިން ތާއަބަދު އެނދުގައި އޮންނަންފަށައިފިއެވެ. އޭނާގެ ކުދިކުދި ދަރިންތައް އުޅޭނޫޅޭ ގޮތެއް ވެސް ބަލައެއް ނުލައެވެ. ދަރިއަކާ އަނގައިންބުނުމެއް ވެސް ނެތެވެ. އެ ކުދިން ތިބީ ކައިގެންތޯ ނުވަތަ ނުކައިތޯ ވެސް ޙައިދަރު ބަލައެއްނުލައެވެ. އަމުދުން އެންމެފަހުން ވިހޭ ދަރިފުޅު ހައިދަރު ފެންނަ ހިސާބުގައި އޮވެގެން ކިތަންމެ ވަރަކަށް ރޮއި ހެދިޔަސް އެ ތުއްތު ކުއްޖާއާ ދިމާއަށް ކަޅިއެއް ވެސް ނުއެއްލައެވެ. އެ މަންޒަރު ބަލާ މީހުނަށް ޙައިދަރަށް މި ލިބުނު ހުރިހާ ހިތާމައެއްގެ އަސްލަކީ އެ ތުއްތު ދަރިފުޅު ކަމަށް ހީވާނެކަހަލައެވެ.

ޙައިދަރު އެހެން އޮންނަންފެށުމުން ތިމާގެ މީހުންނާއި، އަވައްޓެރިންނާ، އަދި އެކުވެރިން އޭނާއަށް ނަސޭހަތްދީ ހިތްވަރުދެމުން ދިޔައެވެ. އެ ތުއްތު ކުދިންނަށް ޓަކައި ވެސް ހިތްވަރުކުރަން ޖެހޭނެކަމަށް ބުނަމުން ނަސޭހަތްތެރިވަމުން ދިޔައެވެ. ތަކުރާރުކޮށް އިވެމުންދިޔަ ނަސޭހަތުގެ ސަބަބުން، އެންމެފަހުން ހައިދަރު ތެދުވެ އުޅެން ފަށައިފިއެވެ. އެކަމަކު އެއީ ހަމަ ނަމެއްގައެވެ. ދިރިއުޅުމަށް ޓަކައި ކުރާ އެއްވެސް މަސައްކަތެއް ނެތެވެ. އަދި ދަރިއަކާ ވެސް އަޅައެއްނުލައެވެ.

ކުރިން ޙައިދަރަކީ ކެއުމަށް މާ ބޮޑު ދޯޅު މީހެއް ވެސް ނޫނެވެ. ނަމަވެސް މިހާރު ޙައިދަރު އެންމެ ބޮޑަށް ލޯބިކުރަނީ ކާ ތަކެއްޗަށެވެ. ލިބުނު ކޮންމެ އެއްޗެއް ހެޔޮވަރެވެ. ދިރިހުންނަން ވެސް އަދި ހިތްހަމަޖައްސަން ވެސް ޙައިދަރު ކުރާކަމަކީ ކެއުމޭ މިހާރު ހީވެއެވެ. އަދި އެންމެ ހިތާމަހުރިކަމަކީ ޙައިދަރަށް އަބަދުވެސް އެންމެ މީރީ ފޮނިކާ ތަކެއްޗެވެ. އޭގެތެރެއިން ވެސް ބަނބުކޭލު

ބޮނޑިބަތް އެއީ ޙައިދަރަށް އެންމެ މީރު ކާނާއެވެ. އެހެން އުޅެންފެށުމުން ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ޙައިދަރު ފަލަވަމުންފަލަވަމުން ގޮސް ރަށުގައި ހުރި އެންމެ ފަލަ މީހާއަށް ވެއްޖެއެވެ.

ދުވަސްތައް މަސްތަކަށް މަސްތައް އަހަރުތަކަށް ބަދަލުވަމުން ދިޔައެވެ. ޙައިދަރުގެ ދަރިންގެ ހާލަކީ ކޮބައިތޯއެވެ. ޙައިދަރު ގެ ދަރިން ރަށުތެރޭގައި ދުވެލަދުވެލާ ތިއްބާ ގިނަ ކުދިން މިހާރު ތިބީ ފުރާވަރަށް އަރާފައެވެ. ނަމަވެސް ދޮށީދަރި އަމީނާ ފިޔަވައި އެއިން އެއްވެސް ކުއްޖަކު ދިރިއުޅުމަށް ޓަކައި އެއްވެސް މަސައްކަތެއް ނުކުރެއެވެ. އަމީނާ ބައެއް ފަހަރު އަވައްޓެރިންނަށް މަސައްކަތްކޮށްދީގެން ލިބޭ އެއްޗަކުން ކޮއްކޮމެންނަށް އެހީވެދީ ވެސް ހަދައެވެ. ޙައިދަރުގެ ދެ ދަރިއަކު ގޭތެރޭގައި މަޑުވެއްޖެނަމަ، އެ ކުދިންގެ ކަމަކީ އެއް ކުއްޖަކު އަނެއް ކުއްޖަކާ ޒުވާބުކުރުމާއި ތަޅާފޮޅުމެވެ. އަމީނާއަށް އަބަދުވެސް ޖެހެނީ އެ ކުދިން މަސަލަސް ކުރާށެވެ. ބައްޕައަކީ އެ ކުދިންނަށް ނެތް މީހެއް ފަދައެވެ. ބައްޕައާ ދަރިންނާ ގުޅުން ނޯންނަ ފަދައިން އެއް ކުއްޖަކު އަނެއް ކުއްޖަކާ ވެސް ގުޅުމެއް ނޯވެއެވެ.

ޙައިދަރާއި ކުދިންގެ ދިރިއުޅުން މިފަދަ ގޮތަކަށް ވޭތުވަމުންދާތާ މިހާރު އަށެއްކަ އަހަރު ފާއިތުވެ ހިނގައްޖެއެވެ. މިހާރު ޙައިދަރު ފަލަކަމުން ހިނގާބިނގާ އުޅެން ވެސް ދަތިކަން ފާހަގަކުރެވެއެވެ. ހުންނަނީ ވެސް ވަރަށް ބަރުހެލިގޮތަކަށެވެ. އަބަދު މާނޭވާލެވިލެވިއެވެ. އެހެން އުޅެއުޅެ ހުއްޓާ އެއް ދުވަހަކު ޙައިދަރުގެ މެއަށް ތަދެއް އަރާފައި ހޭނެތިގެން މަގުމައްޗަށް ވެއްޓިއްޖެއެވެ. އެއަށްފަހު ހިނގާ ބިނގާ އުޅެން ދަތިވާވަރަށް،

ޙައިދަރު ބަލިވެއްޖެއެވެ. އެ ގޮތުގައި ދުވަސްތަކެއްގައި ބަލިވެ އުޅުމަށްފަހު އިތުރު ފަރުވާ ހޯދުމަށް ޓަކައި ރައްޓެއްސެއްގެ އެހީތެރިކަމާއެކު އެ ދުވަސްވަރު އެންމެ ރަނގަޅު ފަރުވާއެއް ހޯދަން ދެކުނުގެ އަތޮޅުތަކުގެ މީހުންދާ އަތޮޅުކަމަށްވާ އައްޑުއަތޮޅަށް ގޮސް ޑަކްޓަރަކަށް ދައްކައިފިއެވެ. ޑަކްޓަރު ބުނުއްވީ ހަކުރާއި ކޮލެސްޓުރޯލް ހަށިގަނޑަށް ނުރައްކާތެރި މިންވަރަށް މަތިވެފައިވާއިރު ލޭގެ ޕްރެޝަރ ވެސް ހުރީ ވަރަށް މަތިކޮށް ކަމަށެވެ. އެހެންކަމުން ޙައިދަރުގެ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށް ހިކެންޖެހޭކަމަށް ޑަކްޓަރު އިރުޝާދު ދެއްވިއެވެ. އަދި ކެއުމުގައި ހަކުރާއި ތެލާއި ސަރުބީގެ ބާވަތްތައް އެއްވެސް ވަރަކަށް ބޭނުން ނުކުރުމަށް ނަސޭހަތްތެރިވެލެއްވިއެވެ. އަދި ތަރުކާރީއާ ޕުރޮޓީން ގިނަ ކާނާގެ ބާވަތްތައް ގިނައިން ބޭނުން ކުރުމަށާއި، ގަވައިދުން ޙަރަކާތްތެރިވެ އުޅުމަށް ޑަކްޓަރު ލަފާ ދެއްވިއެވެ. މިކަންކަމަށް ސަމާލު ނުވެއްޖެނަމަ ފުރާނަޔަށް ނުރައްކާ ވެދާނެކަމުގެ އިންޒާރު ޑަކްޓަރު ޙައިދަރަށް ދެއްވިއެވެ.

އެ ދަތުރު އައްޑުއަތޮޅުން ރަށަށް އެނބުރި އައުމަށްފަހު ޙައިދަރު ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުގެންނަން ޢަޒުމް ކަނޑައެޅިއެވެ. އެ ގޮތުން ޑަކްޓަރު އިރުޝާދު ދެއްވިފަދައިން ހެލިފެލިވެ އުޅުމަށްޓަކައި އޭނާ ކުރިން ވެސް މަސައްކަތް ކުރި ބިމުގައި އަލުން ދަނޑުވެރިކަން ކުރަންފެށިއެވެ. އޭރު އެ ތަން އޮތީ ވިނަވެގެންގޮސް ބޮޑު ޖަންގައްޔަކަށް ވެފައެވެ.

ޙައިދަރު ދަނޑުކޮށައި ސާފުކޮށް ފަސްގަނޑު ޖެހުމަށްފަހު ދަނޑުގެ އެއްބައިގައި ކަރަޔާއި ބަރަބޮލާއި މިރުހާއި ދޮންކޭލާއި ކައްޓަލަޔާ، އަދި އަލަ އިންދިއެވެ. އަނެއް ބައިގައި ބިންބިއާއި ކުދިބަތް އިންދިއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގަސްތައް ހެދިބޮޑުވެ މޭވާއަޅައި ދޮންވެ ފައްކާވެ، އެއިން އާމްދަނީ ވެސް ލިބެންފަށައިފިއެވެ. ދަނޑުވެރިކަން ކޮށްގެން ރަނގަޅު އާމްދަނީއެއް މިހާރު ޙައިދަރަށް ލިބެއެވެ. ނަމަވެސް ދަރިންގެ ހަރުދަނާކަމެއްނެތް އުޅުމާމެދު ޙައިދަރު ހުންނަނީ އަބަދު ވެސް ވަރަށް ހިތްދަތިވެ ފިކުރު ބޮޑުވެފައެވެ. މިހާރު ޙައިދަރުގެ އެންމެ ބޮޑު ހިތާމައަކީ ވެސް ދަރިންގެ ކަންތަކާމެދު ކުރެވޭ ހިތާމައެވެ. ދަރިންތައް ބޮޑެތިވަމުންދިޔަ ނަމަވެސް އެ

ކުދިންގެ އުޅުމަށް ހެޔޮ ބަދަލު ނާންނާތީއެވެ. އެއްވެސް ޒިންމާއެއް ނަގާ ކުއްޖަކު އަމީނާ ފިޔަވައި ނެތެވެ. ދަރިންގެ މުސްތަޤުބަލާ މެދު ކުރިޔާ ޚިލާފަށް ޙައިދަރު މިހާރު ވަރަށް ބޮޑަށް ވިސްނަމުންދެއެވެ.

ދުވަހަކީ އިރުވައި މޫސުމުގެ ހޫނުގަދަ ދުވަސްތަކުގެ ތެރެއިން ވެސް ވަރަށް ހޫނުގަދަ ދުވަހެކެވެ. އާދައިގެ މަތިން ޙައިދަރު އުޅެމުން ދިޔައީ ދަނޑު މަސައްކަތުގައެވެ. އެ ދުވަހު ދަނޑުގައި އުޅެނިކޮށް ކުއްލިއަކަށް އޭނާގެ ބޮލަށް އެނބުރުންއަރާފައި

ހޭނެތިގެން ހުރިތަނަށް ވެއްޓިއްޖެއެވެ. ޙައިދަރު ވެއްޓުނުތައް އެ ވަގުތު އެ ސަރަހައްދުގައި އުޅުނު އެހެން ދަނޑުވެރިންތަކަކަށް ފެނިގެން އަވަސްއަވަހަށް އޭނާ ނަގައިގެން އެ ރަށުގެ ސިއްޙީ މަރުކަޒަށް ގެންގޮސްފިއެވެ. އޭރު ޙައިދަރުގެ އެއްފަޅި ޙަރަކާތެއް ނުކުރެއެވެ. އޮތީ ވާގިނެތިފައެވެ.

ޙައިދަރު މިހާރު ދުވާލު ހަތަރުދަމު އޮންނަން މި ޖެހެނީ އެނދުމަތީގައެވެ. ފުރާވަރުގެ އެތައް ދަރިންނެއް ތިބިއިރު ބޮޑު ދަރި ފިޔަވައި އޭނާއާ ދިމާއަށް ބަލާލައި ހަތަރުކަޅި ހަމަކޮށްލާނެ ދަރިއަކުވެސް ނެތެވެ. އެ ކުދިންނަށް ގޭތެރޭގައި ބަފަޔަކު ތަންމަތިވެފައި އޮތްކަމެއް ނޭނގޭ ކަހަލައެވެ. ދެ ކުއްޖަކު ގެއަށް ވަދެއްޖެނަމަ ގޭތެރެއިން އިވެމުންދަނީ އަބަދު ޒުވާބުކުރުމާއި ހަޅޭކުގެ އަޑުފައްގަނޑެވެ. އެއް ކުއްޖަކަށްވުރެ އަނެއްކުއްޖެއްގެ އަޑު ބާރެވެ. އެ މަންޒަރުބަލަން ހިތްދަތިކަމާއި ވޭނުގައި ޙައިދަރު ރޮއިލަރޮއިލާ އެނދުމަތީ އޮވެއެވެ. އެހެން އޮންނައިރު އޭނާގެ ހިތަށް އަރަމުން ދެއެވެ. މިއީ އަހަރެންނަށް ދަރިންނާ އަޅާނުލެވުމުގެ ނަތީޖާއެވެ. އަހަރެންގެ މައްޗަށް އޮތް ދަރިންގެ ޙައްޤުތައް އަދާނުކުރުމުގެ ހިތި ނަތީޖާ މިއަދު އަހަރެންނަށް ﷲ މި ދައްކަވަނީއެވެ. އަހަރެންގެ ދަރިން އަހަރެންގެ ލޯތްބާއި އެހީތެރިކަމަށް އެންމެ ބޭނުންވީ ދުވަހު އަހަރެން އެ ކުދިންނާ މެދު ފަރުވާކުޑަކޮށް އަޅައިނުލާ ދޫކޮށްލީއެވެ. މިއަދު ހިތާމަކުރި ނަމަވެސް އެދުވަސް ދެން އެނބުރިއެއް ނާންނާނެއެވެ. މިހާރު ދަރިންނަށް ޓަކައި ކުރެވެން އޮތްހާވެސް ކަމަކީ ހެޔޮ ދުޢާކުރުމެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައީ ވަރަށް ހަލުވިކަމާއެކުގައެވެ. އެއް ދުވަހަކު ޙައިދަރުގެ ކުދިންގެ މެދުގައި ވަރަށް ބޮޑު ޒުވާބަކާ ތަޅާފޮޅުމެއް ގޭތެރޭގައި ހިނގައިފިއެވެ. މަންޒަރު ފެންނަ ހިސާބުގައި އޮތް

ޙައިދަރުގެ ހިތް އެ ވަގުތު ހީވީ ކުދިކުދި ވިހެންނެވެ. ޙައިދަރުގެ ހިތަށް އަރަމުން ދިޔައެވެ. "ހާދަހާވާ ދެރައެވެ. އަހަރެން ނެތް ދުވަހަކުން އަހަރެންގެ މި ދަރިންކޮޅު އެއްގަލަކަށް އަރައިގެން އެކުވެރިވެގެން އުޅޭނީ ކިހިނެއް ހަދައިގެން ބާވައެވެ. އަދި ދަރިންނާ މެދު އަހަރެންނަށް ކަންތައް ކުރެވުނު ގޮތުން އަހަރެންގެ ލޯބިވާ އަންހެނުން އަހަރެންނަށް މައާފު ކުރާނެބާވައެވެ." މިހެން ހިތަށް އެރުމާއެކު އެ ކުދިން އެއްގަލަކަށް އަރައިގެން އެކުވެރިކަމާއެކު އުފާވެރި ރީތި ދިރިއުޅުމެއް އުޅޭ ދުވަހެން މާތްﷲ އެ ކުދިންނަށް މިންވަރުކުރެއްވުން އެދި ޙައިދަރު ދުޢާކުރަންފެށިއެވެ. ދެން އެހެން އޮވެފައި ހިތަށް އެރިއެވެ. އަހަރެން މިހާރު އެއްދުވަހުން އަނެއް ދުވަހަށް މި ދަނީ ބަލިބޮޑުވެ ހާލު ދެރަވަމުންނެވެ. ކޮންމެ ވަގުތެއްގައި ވެސް މި ދުނިޔެދޫކޮށް ދާންޖެހިދާނެއެވެ.

އެ ދުވަހު ޙައިދަރު އޭނާގެ ހަތް ދަރިންނަށް އާދޭސްކޮށްގެން، އޭނާގެ ގާތަށް ގެނެސް ބައިތިއްބައިފައި ވާހަކަ ދެއްކޭތޯ މަސައްކަތްކުރަން ފަށައިފިއެވެ. "ލޯބިވާ ދަރިންނޭ! ބައްޕައަށް މާފުކުރޭ! ތިޔަ ކުދިންނާމެދު ބައްޕައަށް ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން. ބައްޕަ މިހާރު އެކަމާ ނުހަނު ދެރަވެ ހިތާމަ ކުރަން. ބައްޕަ މި ބަލިން ގަދަވާނެކަމުގެ އެއްވެސް އުންމީދެއް މިހާރަކު ނެތް. ބައްޕަ ނެތް ދުވަހަކުން ވެސް ތިޔަ ކުދިން މިހާރު ތިޔަ އުޅޭގޮތަށް މުޅި އުމުރު ދުވަހު އެއް ކުއްޖަކު އަނެއް ކުއްޖަކާ ނުގުޅި ޒުވާބުކޮށް ތަޅާފޮޅުމުގައި އުޅެން ޖެހިދާނެތީ ބައްޕަ މިހާރު ވަރަށް ކަންބޮޑުވެ ދެރަވޭ." ދެން ވާހަކަ ކުރިޔަށް ނުގެންދެވިގެން މަޑުކޮށްލިއެވެ. އޭރު ޙައިދަރު ދެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ. އިރުކޮޅަކުން ވާހަކަ ކުރިޔަށް ގެންދަންފެށިއެވެ. "ދަރިންނޭ! ބައްޕަ ތިޔަ ކުދިން ގާތުގައި ވަރަށް މުހިންމު ވާހަކައެއް ބުނަންވެފައި އެބައޮތް. އެއީ ތިޔަ ކުދިންނަށް ޓަކައި ބައްޕަ ފޮރުވައިގެން ގެންގުޅުނު ވަރަށް އަގުހުރި ޖަވާހިރެއް، ބައްޕަގެ ދަނޑުގައި ފޮރުވާފައި އޮންނާނެ. އެކަމަކު އެ ޖަވާހިރު ވަޅުލެވުނީ ދަނޑުގެ ކޮންތަނެއްގައި ކަމެއް ސީދާ މިހާރު ބައްޕަގެ ހަދާނަކަށް ނާދޭ. އެއީ ވަރަށް އަގުބޮޑު ޖަވާހިރެއް. އެ ޖަވާހިރު ތިޔަ ކުދިންނަށް ހޯދިއްޖެނަމަ ތިޔަ ކުދިންގެ ދިރިއުޅުން ބަދަލުކޮށްލާނެ އެއްޗަކަށް އެ ޖަވާހިރު

ވެގެންދާނެކަމަށް ބައްޕަ ވަރަށް ބޮޑަށް އުންމީދުކުރަން. ބައްޕަ ނެތް ދުވަހަކުން ނަމަވެސް ތިޔަ ކުދިން ބައްޕަގެ މި އެދުން ޙާޞިލުކޮށްދޭތި. ތިޔަ ކުދިން ބައްޕަގެ ދަނޑަށް ގޮސް އެ ޖަވާހިރު ފެނޭތޯ މަސައްކަތް ކުރާތި! އަދި ބައްޕަ ނެތް ދުވަހަކުން ތިޔަ ކުދިން ސުލްޙަވެރިކަމާއެކު އެކަތިގަނޑަކަށްވެގެން އެކުގައި އުޅޭތި! އެއީ ބައްޕަގެ އުންމީދަކީ އަދި ދުޢާއަކީ. ދަރިންނޭ! އެކުވެރިކަމަކީ ގަދަފަދަ ބާރެއް، އަދި ވަކިވެގަތުމަކީ ނިކަމެތިކަމެއް."

ޙައިދަރުގެ ވާހަކަތައް އެ ހިސާބަށް ދިޔަތަނާ ކުއްލިއަކަށް ކޮށިއަރާފައި ނޭވާ ހާސްވެގެން އުޅޭކަހަލަ އުނދަގޫތަކެއް ވާންފެށިއެވެ. އެ އުނދަގޫތަކުގެ ތެރޭގައި އިރުކޮޅަކު އުޅުމަށްފަހު ޙައިދަރު ކުއްލިއަކަށް ހަމަހިމޭން ވެއްޖެއެވެ. އެ މަންޒަރު ބަލަން ގާތުގައި ތިބި ހުރިހާ ދަރިންނަށް އެއްފަހަރާ ނިކަން ބާރަށް ރޮއިގަނެވުނެވެ. އެ އަޑަށް އިސާހިތަކު އަވައްޓެރިންތައް އެ ގޭތެރެއަށް ޖަމާވެއްޖެއެވެ. އަދި ރަނގަޅަށް ޙައިދަރުގެ ވިންދު ޗެކުކޮށް ހެދުމަށްފަހު ޙައިދަރު މި ދުނިޔެއާ ވަކިވެ ހިގައްޖެ ކަމަށް ނިންމައިފިއެވެ.

ބައްޕަ މަރުވެދިއުމުން އެ ދުވަސްކޮޅު ހުރިހާ ކުދިން ގޭތެރޭގައި ގިނަ ވަގުތު ހޭދަކުރަންފަށައިފިއެވެ. އަދި ބައްޕަގެ އެންމެ ފަހުގެ ވަޞިއްޔަތް ކަމަށްވާ، "ދަރިންނޭ! އެކުވެރިކަމަކީ ގަދަފަދަ ބާރެއް، އަދި ވަކިވެގަތުމަކީ ނިކަމެތިކަމެއް." މި ޢިބާރާތް އެ ކުދިންގެ ސިކުނޑީގައި އެނބުރިއެނބުރި އަބަދު ވެސް ހުރެއެވެ. އަދި ބައްޕަ ދިރިއޮތްއިރު އަޅާނުލައި، ބައްޕަޔާމެދު ކަންތައް ކުރެވުނު އިހާނެތިގޮތާ މެދުވެސް އެ ކުދިން ހިތާމަކޮށް އެ ވާހަކަތައް ދައްކަމުން ދިޔައެވެ. އެގޮތަށް ދެކެވުނު ވާހަކައެއްގެ ތެރޭގައި ބޮޑު ދަރި އަމީނާ ބުންޏެވެ. "ތިޔަ ކުދިން ހަނދާން އެބަހުރިތަ ބައްޕަ މަރުވި ދުވަހު ބުނި ވާހަކައެއް. ދަނޑުގައި އެއްޗެއް ވަޅުލާފައި އޮންނާނޭ ބައްޕަ ބުނި ހަނދާން އެބަހުރިތަ؟" އެ ވަގުތު ހުރިހާ ކުދިންނަށް އެއްފަހަރާ ބުނެވުނެވެ. "އާނ! ހަނދާންވެއްޖެ. އެއީ ދަނޑުގައި ވަޅުލާފައި އޮތް ޖަވާހިރެއްގެ ވާހަކަ."

ޖެހިގެންއައި ދުވަހު ޙައިދަރުގެ ހަތް އަންހެން ދަރިން ބައްޕަގެ ދަނޑުގައި ފޮރުވާފައި އޮތް ޖަވާހިރު ހޯދުމަށް ޓަކައި އެ ދަނޑަށް ހިނގައްޖެއެވެ. ދަނޑަށް ދިޔައިރު އެ ދަނޑުގައި ބައްޕަ އިންދައިގެން

އުޅުނު ގަސްތައް މަރުވެ ދަނޑުވަނީ މުޅިން ވިނަގަނޑަކަށްވެފައެވެ. ވަގުތުން އެ ކުދިން ދަނޑުގެ ގަސްތައް ކޮށައި ސާފުކުރަން ފަށައިފިއެވެ. ދެތިން ދުވަސްވީއިރު މުޅި ދަނޑުކޮށާ، ސާފުކޮށް ފަސްގަނޑު ކޮނެ ނިންމައިލައިފިއެވެ. އެ ވަރަށް މަސައްކަތް ކުރިއިރު ވެސް ބައްޕަ އެ ބުނި ޖަވާހިރެއް އެ ކުދިންނަކަށް ނުފެނުނެވެ. ޖަވާހިރު ނުފެނުމުން އެ ކުދިން މާޔޫސްވެ ބޭކާރު ބުރަ މަސައްކަތެއް ކުރެވުނީތީ އެކަމާ ވަރަށް ބޮޑަށް ދެރަވެއްޖެއެވެ. އެކަމަކު އޭރު ބައްޕަގެ އެ ބޮޑު ދަނޑު އޮތީ އެ ކުދިންގެ މަސައްކަތުން ސާފުކޮށް ފަސްގަނޑުޖެހި ނިމިފައެވެ.

ބައްޕަ ވަޅުލި ޖަވާހިރު ނުފެނިގެން ހިތާމަޔާއި މާޔޫސްކަމުގައި ތިއްބާ އަނެއްކާ ވެސް ދޮށީ ދަރި އަމީނާ ބުންޏެވެ. "ބައްޕަ އެ ބުނި ޖަވާހިރު އަހަރެމެންނަށް ނުފެނުނު ނަމަވެސް މިހާރު މިއޮތީ ބައްޕަގެ ދަނޑާ އަދި އިތުރު ސަރަޙައްދު ވެސް ކޮނެވި ފަސްގަނޑު ވެސް ޖަހައި ނިމިފައި. މި ކުރެވުނީ ވަރަށް ބޮޑު ބުރަ މަސައްކަތެއް. ވީމާ، މި ކުރި މަސައްކަތަކީ ބޭކާރު މަސައްކަތަކަށް ދެން ހަދައިގެން ނުވާނެ. މި ދަނޑަކީ ބައްޕަގެ ހަނދާނެއް. އަދި މިހާރު މިއީ އަހަރެމެން ހުރިހާ ކުދިންގެ ދަނޑެއް. މި ދަނޑު އަހަރެމެންގެ އަތުން ބީވެގެން ދިޔަ ދީގެނެއް ނުވާނެ. މި ދަނޑަކީ ބައްޕަ އެ އިޝާރާތްކުރި ބައްޕަގެ ފަރާތުން އަހަރެމެންނަށް ލިބުނު އަގުހުރި ޖަވާހިރެއް ފަދަ ތަނަކަށް މި ބިންވުމަށް މާތް ﷲ މިންވަރު ވެސް ކުރައްވަފާނެ." އެ ވަގުތު ހުރިހާ ކުދިންނަށް އެއްފަހަރާ ބުނެވުނެވެ. "ދައްތަ ތިޔަ ބުނީ ވަރަށް ރަނގަޅު ވާހަކައެއް. މި ބިމުގައި އަހަރެމެން ދަނޑުވެރިކަންކުރަންވީ. އެއީ އަހަރެމެންނަށް

ފައިދާހުރި މަސައްކަތަކަށް ވެދާނެ." މި ވާހަކަތަކަށް ފަހު ޙައިދަރުގެ ހަތް އަންހެން ދަރިން އެ ކުދިންގެ ބައްޕަގެ ދަނޑުގައި ދަނޑުވެރިކަން ކުރަން ޢަޒުމް ކަނޑައަޅައި އަތުކުރި އޮޅައިލިއެވެ.

ޖެހިގެންއައި ދުވަހު ދަނޑަށް ގޮސް މަސައްކަތްފަށައިފިއެވެ. ދުވަސްކޮޅެއް ވީއިރު ދަނޑުގައި ކުދިބަތާއި، ބިންބިއާއި، ތަރުކަރީއާ އަދި މޭވާގެ ބާވަތްތައް އިންދައިފިއެވެ. އޭގެ ދުވަސްކޮޅެއް ފަހުން އިންދި

ބާވަތްތަކުން ކުރި ފަޅައި ހެދެން ފަށައިފިއެވެ. އަދި ހެދެމުން ދިޔަ ގަސްތަކުން ކުރި ކަނޑައިގެން އިތުރު ތަންތަނުގައި ގަސްތައް ރުވަމުން ދަނޑުގައި ގަސް އިތުރުކުރަމުން ގަސްތައް

ގިނަކުރަމުން ގެންދިޔައެވެ. ދެން އެ ކުދިން ވަރަށް ހިތްވަރާއެކު ފަރުވާތެރިކަމާއެކު ގަވައިދުން ދަނޑަށް ފެންދީ ބަލަހައްޓަމުން ގެންދިޔައެވެ. މި މަސައްކަތުގެ ތެރޭގައި ޙައިދަރުގެ ހަތް ދަރިން އެކުވެރިވެ އެކަތިގަނޑަކަށް ވެއްޖެއެވެ.

ދުވަސްކޮޅެއް ފަހުން އެ ކުދިން ގޭ ދޮރުމަތީގައި ކުޑަ ފިހާރައެއް ހަދައިގެން ދަނޑުވެރިކަމުން ލިބޭ ތަކެތީން ވިޔަފާރި ކުރަންފަށައިފިއެވެ. އެ ފިހާރައިން ތަރުކާރީއާއި މޭވާ އަދި ގޮވާމާއި ފަލަމަޑީގެ ބާވަތްތައް ހުސްނުވެ އަގުހެޔޮކޮށް ލިބެންހުންނަގޮތަށް ރާވައިގެން ކުރިޔަށް ގެންދިޔައެވެ. އެ ހިސާބަށް މަސައްކަތް ދިޔައިރު ކައިރީ ރަށްރަށުން ވެސް މީހުން ދަތުރުކޮށްފައި އައިސް އެ ފިހާރައިން ވިޔަފާރިކުރުން އާންމުކަމަކަށް ވެއްޖެއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަދިޔަހެން އެ ކުދިންގެ މަސައްކަތް ފުޅާކުރަމުން ގޮސް މިހާރު އެ ކުދިންގެ ދަނޑަކީ އެ ރަށުގައި އަދި މިހާތަނަށް ބަޔަކު ހެއްދި އެންމެ ގިނަ ބާވަތްތައް އެއް ދަނޑަކުން ލިބެން ހުރި ފެންވަރު ރަނގަޅު އެންމެ ބޮޑު ދަނޑުކަމުގައި ވެސް ވެއްޖެއެވެ. ގަސްތަކަށް ފެންދޭން ފަސޭހަޔަކަށް ދަނޑުތެރޭގައި އެތައް ވަޅެއް ކޮނެފައި ފަސޭހައިން ދަނޑަށް ފެންދެވޭނެ އިންތިޒާމް ހަމޖައްސަފައި ހުރެެއެވެ. ގަސްތައް ރަނގަޅަށް ހެއްދުމަށް ޓަކައި އަމިއްލަ ތަޖުރިބާގެ މައްޗަށް ގަސްކާނާ ތައްޔާރުކޮށްގެން ބޭނުންކުރަމުން ދިޔައެވެ. ވަރަށް އާދައިގެ ގޮތަކަށް ޙައިދަރުގެ ދަރިން ފަށައިގަތް މި މަސައްކަތް ކުރިއަރައިގެން ދިޔައީ ބަލަބަލާ ތިއްބާ ޙައިރާންވާ ފަދަ ހަލުވިކޮށެވެ.

ޙައިދަރުގެ ދަރިން ކުރިން އުޅުމެއް ނެތް ބައެއްގެ ގޮތުގައި ފާހަގަވެފައިވީ ނަމަވެސް ވޭތުވެދިޔަ ދުވަސްތަކުތެރޭ އެ ކުދިންގެ އުޅުމާއި އަޚްލާޤަށް ވަނީ ވަރަށް ހެޔޮ ބަދަލެއް އައިސްފައެވެ. ކުރިޔާ ޚިލާފަށް މިހާރު އެއް ކުއްޖަކު އަނެއް ކުއްޖަކު ދެކެ އިންތިހާއަށް ލޯބިވެއެވެ. އަދި ދިރިއުޅުމަށް ޓަކައި ރަށުގެ އެހެން

އެއްވެސް އާއިލާއަކުން މަސައްކަތް ނުކުރާ ވަރަށް އެ ކުދިން މަސައްކަތްކުރެއެވެ. އަދި ދުވަސްތައް ފާއިތުވި ވަރަކަށް ރަށުގެ ކުދިބޮޑު އެންމެނާ އެ ކުދިން ދިޔައީ ގުޅުން ބަދަހި ކުރަމުންނެވެ. އޭގެ ތެރޭގައި އެ ކުދިންގެ ބައްޕަ ބަލިވެ އޮތް ދުވަސްވަރު ބައްޕައަށް އެހީތެރިވެދިން މީހުންނަށް ޚާއްޞަ ސަމާލުކަމެއް ދީ އެހީތެރިވަމުން ދިޔައެވެ. އެ ކުދިންގެ އުޅުމަށް އައި މި ހެޔޮ ބަދަލުގެ ވާހަކަ ރަށުގެ މީހުން އެކަކުއަނެކަކާ ދައްކަމުންދިޔައެވެ. ނަތީޖާއަކީ، ރަށުގެ ކުދިބޮޑު އެންމެންގެ ލޯތްބާއި އިޙްތިރާމް އެ ކުދިންނަށް ލިބެންފެށުމެވެ. އަދި އެ ލޯބި އެއް ދުވަހުން އަނެއް ދުވަހަށް ދިޔައީ ވެސް އިތުރުވަމުންނެވެ.

ދުވަސްކޮޅެއް ފަހުން މި ހަތް ކުދިން ޙައިދަރުގެ ގޯތިތެރޭގައި ބޮޑު ގެއެއް އަޅައިފިއެވެ. އަދި އެ އިމާރާތުގައި ބޮޑު ފިހާރައެއް ހުޅުވައިފިއެވެ. އަދި އެ މޯލާ ގުޅިގެން ބޮޑު ގުދަނެއް ތައްޔާރުކޮށް މާލެއިން ވެސް މުދާ ގެނެސް ގުދަންކޮށް ފިހާރައިގާ ވިއްކަމުން ދިޔައެވެ. އެ މޯލަކީ މުޅި އެ އަތޮޅުގައި ވެސް ނެތްފަދަ ގިނަ ތަފާތު ބާވަތްތަކުގެ މުދާ އެއްތަނަކުން ލިބެން ހުރި ފިހާރައެކެވެ. ހިފާ ގެންގުޅޭ ސާމާނުން ފެށިގެން ތަރުކާރީއާއި މޭވާއާއި ގޮވާމުގެ ބާވަތްތަކުގެ އިތުރުން، ފޮއްޗާއި އަންނައުނާއި ރީތިވާ ސާމާނާއި ކާބޯތަކެތި ވެސް ނަން ހުސްކޮށް އެ ފިހާރައިން ވަރަށް ހެޔޮ އަގުގައި ލިބޭގޮތަށް ހަމަޖައްސާފައި ހުރެއެވެ.

ޙައިދަރުގެ ދަރިން ފެށި ވިޔަފަރީގެ މަސައްކަތް އެ ކުދިން ހިތްހަމަޖެހޭ މިންވަރަށް ތަރައްޤީވެގެން ދިއުމުން ދެން އެ ކުދިން ގަސްތުކުރީ ދިރިއުޅުމެއް ފަށާށެވެ. ކޮންމެ ކުއްޖަކު ވެސް ބޭނުންވީ އުފަން ރަށުން ބައިވެރިއަކު ހޯދާށެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ހަތް ކުދިން އެ ރަށުގެ އެންމެ ޤަދަރުވެރި އާއިލާތަކުގެ ފިރިހެން ކުދިންނާ ކައިވެނިކޮށްފިއެވެ. އަދި އެ ކުދިންގެ ފިރިންނަކީ ވެސް ހަރުދަނާ ރަނގަޅު ކުދިންނަށްވުމުން އެ ކުދިންގެ ފިރިން ވެސް ވިޔަފާރީގައި ބައިވެރިވެ ވިޔަފާރި އިތުރަށް ކުރިއަރުވުމުގެ މަސައްކަތުގައި އާ ހިތްވަރެއް ލިބިގެން ދިޔައެވެ.

ޙައިދަރުގެ ދަރިން އެ ހިސާބުން ދެން ވިސްނަންފެށީ ރަށުގެ ތަރައްޤީއަށް ޓަކައި އެ ކުދިންނަށް ކޮށްދެވިދާނެ ކަމަކާމެދުގައެވެ. އެ ގޮތަށް ވިސްނައި ފިކުރުކުރުމަށް ފަހު އެ ރަށުގައި ސްކޫލެއް ބިނާކުރުމަށް ނިންމިއެވެ. ދެން ރަށުގެ ބޮޑު ކަތީބު ހުއްދަދެއްވައިގެން އެ ކުދިންގެ ގެއާޖެހިގެން އޮތް ހުސް ބިމުގައި "މަދަރުސަތުލް ޙައިދަރު" ގެ ނަމުގައި ވަރަށް ރީތި ފުރިހަމަ ސްކޫލެއް ބިނާކުރިއެވެ. އަދި ސަރުކާރުގައި ދަންނަވައިގެން ސަރުކާރުގެ އެހީގައި އެ ސްކޫލަށް ބޭނުންވާ މުދައްރިސުން ވެސް ހޯދިއެވެ. "މަދަރުސަތުލް ޙައިދަރު" ވެގެންދިޔައީ ރަށުގައި ކިޔަވާ އުމުރުފުރާގެ ހުރިހާ ކުދިންނަށް ޢިލްމު ފޯރުކޮށްދިނުމަށް ޓަކައި ހުޅުވުނު އެންމެ ފުރަތަމަ ސްކޫލްގެ ގޮތުގައެވެ.

ޙައިދަރުގެ ދަރިން އެ ކުދިންގެ ވިޔަފާރި އިތުރު ހަރުފަތަކަށް ކުރިޔަށް ގެންދިއުމަށް ޓަކައި ހުރިހާ ކުދިންގެ މެދުގައި މަޝްވަރާ ކުރުމަށްފަހު އޭގެ ތެރެއިން ބައެއް ކުދިން މާލެ ބަދަލުވެއްޖެއެވެ. އެ ކުދިން މާލެ ބަދަލުވިތާ އަހަރު ނުވަނީސް " ހަތްތަރި" ގެ ނަމުގައި ކުންފުންޏެއް ރަޖިސްޓްރީ ކޮށްފިއެވެ. އަދި އެ ކުންފުނީގެ ނަމުގައި ވިޔަފާރި ރަޖިސްޓްރީކޮށް 1971 ގައި އެ ކުދިންގެ ފުރަތަމަ ފިހާރަ މާލޭގެ މަޝްހޫރު މަޖީދީމަގުގައި ހުޅުވައިފިއެވެ. ހުރިހާ ބާވަތެއްގެ މުދާ އެއްތަނަކުން ލިބެން ހުންނަ މި ފިހާރައިން ކާޑުގެ ހުރިހާ ބާވަތެއްގެ އިތުރުން ތަރުކާރީއާއި މޭވާގެ ބާވަތްތައް ވެސް ރަށުން ގެނެސް އެ ފިހާރާގައި ބަހައްޓައިގެން ވިއްކަމުން ދިޔައެވެ. އޭގެ އިތުރުން ހުރިހާ އުމުރުފުރަޔަކަށް އަދި ހުރިހާ ގިންތިއަކާއި ފަންތިއަކަށް ފެތޭ ގޮތަށް ފޮއްޗާއި އަންނައުނުގެ ބާވަތްތަކާ ރީތިވާ ސާމާނު ވެސް ލިބެން ހުންނަ ގޮތަށް ފިހާރައިގެ އިންތިޒާމްތައް ރާވަމުން ގެންދިޔައެވެ. އަދި މި މާޓްގެ ސަބަބުން ޙައިދަރު އާއިލާގެ ވިޔަފާރި މުޅި ރާއްޖެއަށް މަޝްހޫރު ވެގެންދިޔައެވެ.

ޙައިދަރުގެ ދަރިން ރާއްޖޭގެ ކަންކޮޅުތަކުގައި މަޤުބޫލުކަމާއި އަދި މަޝްހޫރުކަން ހޯދަމުން ދިޔައިރު އެ ކުދިންގެ އުފަން ރަށް މަތިން ހަނދާން ނައްތައެއް ނުލައެވެ. އެ ކުދިން ދިޔައީ އަމިއްލަ ރަށުގައި ވެސް އިޖުތިމާޢީ ގޮތުން އެހީތެރިކަން ވަރަށް ބޮޑަށް ފޯރުކޮށްދެމުންނެވެ. އޭގެތެރޭގައި ރަށުގެ އަންހެނުންގެ ތަރައްޤީއަށް ޓަކައި ތަފާތު ކޯސްތައް ހިންގަމުން ދިޔައެވެ. އަދި ޒުވާނުންނަށް ޓަކައި ކުޅިވަރު ކުޅޭނެ ދަނޑެއް ތަރައްޤީކޮށްދެމުންދިޔައެވެ.

ދިވެހި ގައުމަށް ޓަކައި އަގުހުރި ޚިދުމަތްކޮށްދޭ ފަރާތްތަކަށް ސަރުކާރުން އިނާމު ދެއްވަން ފެއްޓެވުމާއި ގުޅިގެން އާންމު ޚިދްމަތުގެ ހިތްވަރުދިނުމުގެ އިނާމު “ހަތްތަރި" އަށް 1982 ލިބިގެންދިޔައެވެ. އަދި 1993 ވަނަ އަހަރު އާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު ވެސް އެ ގްރޫޕަށް ވަނީ ލިބިފައިވެއެވެ.

ޙައިދަރުގެ ދަރިން ދެކޭގޮތުގައި އެ ކުދިންނަށް ލިބިފައިވާ މި ނިޢުމަތްތަކަކީ ބައްޕަ އެ ކުދިނަށް ޓަކައި ކުރި ހެޔޮ ދުޢާގެ ނަތީޖާއެވެ. ހަމައެއާއެކު އެ ބައްޕަ އޭނާގެ ދަރިންނަށް ދިން ހެޔޮ ނަސޭހަތް ގަބޫކޮށް އެއަށް ދަރިން ޢަމަލުކުރުންމަތީ ދެމިތިބުމުގެ ހެޔޮ ނަތީޖާ ވެސް މެއެވެ. އަދި ޙައިދަރުގެ ދަރިން ޙަޔާތުގެ ޅަ ދުވަސްތައް އެކުދިން ހޭދަކުރިގޮތުގެ ވާހަކަތަކާ، އޭގެ ފަހުން އެ ކުދިންގެ ޙަޔާތް ބަދަލުވެގެން ދިޔަ ގޮތުގެ ވާހަކަތައް އެކުވެރިންނަށާ، ދަރިންނަށް ކިޔައިދެމުންދިޔައެވެ. އެއީ އެ ވާހަކަތަކުން ޢިބްރަތް ޙާޞިލުކުރުމަށް ޓަކައެވެ. އަދި ކާމިޔާބަށް ވާސިލުވުމަށް ޓަކައި އެއްބައިވަންތަކަމުގެ މުހިންމުކަން އެކުދިންގެ ދަރިންނަށް ތާއަބަދު ހަނދާން ކޮށްދެމުންދިޔައެވެ.

"ބައްޕަގެ ޖަވާހިރު" ހޯދަން އެ ބައްޕަގެ ދަރިން ފެށި މަސައްކަތުގައި މާތް ﷲ އެ ކުދިންނަށް ހެޔޮ ވިސްނުންދެއްވައި މަސައްކަތުގައި ބަރަކާތް ލެއްވިކަމަށް ޓަކައި އެއްވެސް ކިބުރުވެރިކަމެއްނެތި ﷲ އަށް ޝުކުރުކޮށް ޙަމްދުކުރުން މަތީ މަރުދުވަހާ ހަމަޔަށް ޙައިދަރުގެ ދަރިން ދެމިތިއްބެވެ.
- ނިމުނީ -