ކުޅިވަރު

"ތުރީ އޮން ތުރީއަށް ކުރިއެރުން ލިބެން އޮތީ ދާއިމީ ކޯޓެއް ލިބިގެން"


ތުރީ އޮން ތުރީ ބާސްކެޓްބޯޅަ އެހެން ހަރުފަތަކަށް ގެންދެވެން އޮތީ މާލޭގައި ދާއިމަށް ފަރިތަކުރާނެ ކޯޓެއް ލިބިގެންކަމަށް މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ ޖެނެރަލް ސެކްރެޓަރީ ވިސާމް ރަޝީދު ވިދާޅުވެއްޖެއެވެ.

މި ފަަހަކަށް އައިސް ރާއްޖޭގެ ބާސްކެޓް ކުޅުންތެރިން އަންނަނީ ތުރީ އޮން ތުރީގައި ރަނގަޅު ކާމިޔާބީތަކެއް ހޯދަމުންނެވެ. އެގޮތުން މިދިޔަ އަހަރު މަޑަގަސްކަރައިގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖޭގެ ބާސްކެޓްބޯޅަ ތުރީ އޮން ތުރީ އަންހެން އަދި ފިރިހެން ޓީމުންވެސް ވަނީ ލޯ މެޑަލް ހޯދާފައެވެ. އަދި މި ފަހުން ސިންގަޕޫރުގައި ބޭއްވި ފީބާ ތުރީ އޮން ތުރީ އޭޝިއާ ކަޕުގައިވެސް ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމު ވަނީ ވާދަކޮށްފައެވެ.

އެމްބީއޭއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މައިލޯ ތުރީ އޮން ތުރީ ރަމަޟާން ޗެލެންޖް 2024 ގެ ތެރެއިން ދެއްވި އިންޓަރވިއުއެއްގައި
ވިސާމް ވިދާޅުވީ ރޯދަ މަހުވެސް މުބާރާތް ކުރިއަށްގެންދިޔައީ އެކުވެނި އައުޓްޑޯ ބާސްކެޓް ކޯޓުގައި ކަމަށާއި، އޭގެ ބަދަލުގައި އެހެން ސަރަހައްދަކުން ދާއިމަށް ތުރީ އޮން ތުރީއަށް ޚާއްސަކޮށްގެން ކޯޓެއް ގާއިމު ކުރެވިއްޖެނަމަ، ކުޅުންތެރިނަށް ތަމްރީންތައް ކުރިއަށްގެންދަން ފަސޭހަ ވެގެންދާނެ ކަމަށެވެ.

"
އެންމެ ކޯޓެއްގެ ވާހަކައެއް ނޫން އަޅުގަނޑު މި ދަންނަވަނީ. ދެތިން ހަތަރު ކޯޓު އަޅުގަނޑުމެންނަށް ގާއިމުކުރެވިއްޖެ ކަމަށްވާނަމަ، ކުރިއަށް އޮތްތާނގައި ތުރީއެކްސްތުރީއަށް އަޅުގަނޑުމެން ހާސިލުކުރަން ބޭނުންވާ ނަތީޖާއަށް ވަރަށް ބޮޑަށް މަގުފަހަވިގެން ދާނެ.
ވިސާމް ރަޝީދު - އެމްބީއޭގެ ޖެނެރަލް ސެކްރެޓަރީ

މި އަހަރު ކުރިއަށްދިޔަ ތުރީ އޮން ތުރީ ރަމަޟާން ޗެލެންޖުގައި ހަތަރު ކެޓަގަރީއެއް ކުރިއަށްދިޔައިރު، މުބާރާތުގައި ޖުމްލަ 81 ޓީމެއް ވަނީ ވާދަކޮށްފައެވެ.