ޚަބަރު

ނިމިދިޔަ ދައުރުގައި ރާއްޖެއޮތީ އަމަލީގޮތުން މިނިވަންކަން ގެއްލިފައޮތް ޤައުމެއްގެ ގޮތުގައި: ރައީސް


  • މަސައްކަތްކުރަނީ އިޤްތިޞާދު ހަރުދަނާ ކުރަމުން އަމިއްލަވަންތަ ޤައުމެއް ޤާއިމްކުރަން

  • އެންމެ ބޮޑު އެއްބާރުލުމަކަށްވާނީ ސަރުކާރާ އެއްގޮތް ވިސްނުން މަޖިލީހަށް ވެއްދުން

ލިޔެކިއުންތަކުގައި ސިޔާސީ މިނިވަންކަން އޮތް ޤައުމެއްގެ ގޮތުގައި ރާއްޖެ އޮތްނަމަވެސް ވޭތުވެދިޔަ 5 އަހަރުގެ ދަޢުރުގަ ރާއްޖެއޮތީ އަމަލީގޮތުން މިނިވަންކަން ގެއްލިފައޮތް ޤައުމެއްގެ ގޮތުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ވެރިކަންކުރާ ކޯލިޝަނުގެ ފަރާތުން މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓެއްގެ ކެމްޕެއިން ހަރަކާރުގައި ދެއްކެވި ވާހަކަފުޅުގައެވެ.

އެ ޙަރަކާތުގައި ބައިވެރިވި ފަރާތްތަކާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އަމިއްލަވަންތަ ޤައުމެއް ޤާއިމްކުރުމުގެ މުހިއްމުކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާކުރީގެ އަހަރުތަކެއްގައި ރާއްޖޭގެ މިނިވަންކަމާ ބަޔަކު ތޮޅުނު ދުވަސްތަކެއް ދިޔަ ނަމަވެސް ދިވެހިރާއްޖެއަކީ އެތައްހާސް އަހަރެއްވަންދެން މިނިވަންކަންމަތީ އޮތް ފަޚުރުވެރި ޤައުމެއްކަމަށެވެ.

ނަމަވެސް ވޭތުވެދިޔަ 5 އަހަރުގެ ދައުރުގައި މި ޤައުމު ފެނިގެންދިޔައީ ރަސްމީކޮށް ލިޔެކިއުމުގައި ސިޔާސީ މިނިވަން ޤައުމެއްގެ ގޮތުގައި އޮތްނަމަވެސް އަމަލީގޮތުން މިނިވަންކަން ގެއްލިފައޮތް ޤައުމެއްގެ ގޮތުގައި ކަމަށެވެ.

ރައީސް ވިދާޅުވީ އޭރު ޤައުމުގެ ކަންކަން އޮތީ ވަކި ޤައުމެއްގެ ހައިކޮމިޝަނަރެއްގެ ޙުއްދަނެތި ދިވެއްސަކަށް ތަމްރީނު ދަތުރެއްގައިވެސް ބޭރުގެ އެހެން ޤައުމަކަށް ނުދެވޭ ހިސާބުގަ ކަމަށާއި، ދިވެހީންގެ ރާއްޖެއެއް ގެންނަން ރައްޔިތުން ބޭނުންވީ އެފަދަ އެތައް ސަބަބުތަކާހެދި ކަމަށެވެ.

"ހުރިހާ މަގަކުން އޮތީ އަޅުވެތިވެފަ. ބޭރުގެ ސިފައިން ތިބި، ޤައުމުގެ އިޤްތިޞާދުއޮތީ އަތުނުޖެހޭ ހިސާބަށް ދަރަނިވެރިކަމުގެ ތެރެއަށްގޮސް ހުސްވެފަ. އަޅުގަނޑުމެންގެ އަމިއްލަ ވަންތަ ކަމެއް ނެތް. ބަލި މީހަކު އުފުލާލަން ޖެހުނަސް އެހެން ބައެއްގެ އެހީތެރިކަން ހޯދަންޖެހިފައޮތީ. ކުންފުނިތައް އޮތީ ބަނގުރޫޓުވެފައި. ފައިސާ ޗާޕުކުރީ އިންތިހާއަށް" ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މިއަދުގެ ސަރުކާރުން ފައިސާ ޗާޕުކުރުން ހުއްޓާލައި އިޤްތިޞާދު ހަމަމަގަށް ގެނައުމަށް ކުރާ މަސައްކަތުގެ ސަބަބުން މިހާރު ފައިސާގެ އަގު ރަނގަޅުވެ ޑޮލަރުގެ އަގު ތިރިވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. ފައިސާ ޗާޕުނުކޮށް ބޭރުގެ ދަރަނި ދައްކަމުންގެންދާ ކަމަށާއި، މިދިޔަ ސަރުކާރު ނިމުނުއިރު ކުންފުނިތައް ދަރާފައޮތް ނުވަހާސް މިލިޔަން ރުފިޔާގެ ދަރަނި ދެއްކުމަށް ކުންފުނިތަކަށް ފައިސާ ދެމުންގެންދާތީ މިހާރު ރަށްރަށުގެ މަޝްރޫޢުތައް ފެށެމުންދާކަން އެމަނިކުފާނު ފާހަގަކުރައްވާފައެވެ.

ކުރީގެ ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓްތައް މިއަދުގެ ސަރުކާރުން ހުއްޓާލާފައިވާކަމަށްބުނެ އެ ސަރުކާރުގެ އިސް ފަރާތްތަކުން ހަޤީގަތާ ޚިލާފު ވާހަކަތައް ދައްކަމުންގެންދިޔަ ނަމަވެސް ހަޤީގަތަކީ އޭރު ކުންފުނިތަކަށް ފައިސާ ނުދީގެން މަޝްރޫޢުތައް ހުއްޓިފަހުރީކަމަށާއި، މިހާރު އެ މަޝްރޫޢުތައް ކުރިއަށްގެންދަން ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރަނގަޅު ނިންމުންތައް ނިންމޭނީ ކަންކަމުގެ ހަޤީގަތަކީ ކޮބައިކަން އޮޅުންފިލުވައިގެން ކަންކަން ޤަބޫލުކުރާ ބަޔަކަށް އަޅުގަނޑުމެން ވެގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި އިޤްތިޞާދު ހަރުދަނާ ކުރަމުން ރާއްޖޭގެ އަމިއްލަވަންތަ ޤައުމެއް ޤާއިމްކުރުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތަކަށް ދެވޭނެ އެންމެ ބޮޑު އެއްބާރުލުމަކަށްވާނީ ސަރުކާރާ އެއްގޮތް ވިސްނުން ރައްޔިތުންގެ މަޖިލީހުގެތެރެއަށްވެސް ގެންގޮސްގެންކަމަށް ރައީސް ވިދާޅުވިއެވެ. އެކަންކަމުގައި އެންމެ ބޮޑު އެއްބާރުލުމެއް ސަރުކާރަށް ދެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.