ކުޅިވަރު

ކޮމްޕެނީ ޓޭޕްބޯލް: ފްރެންޑްސް މޯލްޑިވްސް އާއި އެސެންސޯއަށް ރަނގަޅު ފެށުމެއް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ފަހު މުބާރާތް ކަމަށްވާ ކޮމްޕެނީ ޓޭޕްބޯލްގެ ފެށުން ފްރެންޑްސް މޯލްޑިވްސް އާއި އެސެންސޯއިން ރަނގަޅުކޮށްފިއެވެ.

ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކުޅުނު މިއަދު ހަވީރު ކުޅުނު ގްރޫޕް އޭގެ ފުރަތަމަ މެޗުން ފްރެންޑްސް މޯލްޑިވްސް މޮޅުވީ އެލިއާ މޯލްޑިވްސްއާ ވާދަކޮށް 46 ލަނޑުންނެވެ.

މި މެޗުގެ ގުރުދިމާވުމުން ފްރެންޑްސް މޯލްޑިވްސް އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން ވަނީ 137 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 14 ބޯޅައިން 34 ލަނޑު ހެދި ޖައުޒީ ޖުނައިދާއި، އަށް ބޯޅައިން 32 ލަނޑު އެއްކުރި ބަބިންއެވެ. ޖަވާބުގައި އެލިއާ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 91 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 17 ބޯޅައިން 29 ލަނޑު ހެދި އަސްކާރު ހުސެއިނެވެ.

މީގެ އިތުރުން މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް އޭގެ ދެވަނަ މެޗުން އަސެންސޯ މޮޅުވީ ލަގްޒަރީ ލެގޫންސްއާ ވާދަކޮށް ތިން ލަނޑުންނެވެ.

މި މެޗުގެ ގުރުދިމާވުމުން އަސެންސޯ އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ފަސް ކުޅުންތެރިން ނުބައިވެގެން ވަނީ 99 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 15 ބޯޅައިން 19 ލަނޑު ހެދި މުޙައްމަދު ނަސްމީ އާއި، ނުބައިނުވެ ފަސް ބޯޅައިން 12 ލަނޑު އެއްކުރި މުޙައްމަދު އަތީފެވެ.

ޖަވާބުގައި ލަގްޒަރީ ލެގޫންސް ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން ހެދުނީ 96 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 20 ބޯޅައިން 31 ލަނޑު ހެދި ރަސިކަ ރުވަން އާއި، 13 ބޯޅައިން 25 ލަނޑު އެއްކުރި އެރެންދަ ބަންޑާރައެވެ.

މި އަހަރުގެ ކޮމްޕެނީ މުބާރާތުގައި 12 ޓީމެއް ބައިވެރިވެފައިވާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ނުވަވަނަ ދުވަހެވެ.