ކުޅިވަރު

ވެޓެރަންސް ލީގު: ފަހު މެޗުގައި އެމްއެސް މޭޓްސްއަށް ފަސޭހަ މޮޅެއް


އެފްއޭއެމް ވެޓެރަންސް ލީގު 2024 ގައި މޯލްޑިވްސް ސޮކަރ މޭޓްސް (އެމްއެސް މޭޓްސް) އިން ކުޅުނު ފަހު މެޗުގައި ލެގޫންސް ސްޕޯޓްސް ކުލަބު އަތުން ފަސޭހަ މޮޅެއް ހޯދައިފިއެވެ.

ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް ބީގެ މެޗު އެމްއެސް މޭޓްސްއިން ކާމިޔާބުކުރީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މި މެޗާ ކުރިމަތިލިއިރުވެސް މި ދެ ޓީމު ވަނީ މުބާރާތުން ކަޓާފައެވެ. އެގޮތުން މި ގްރޫޕުން ސެމީގެ ޖާގަތައް ކަށަވަރުކޮށްފައިވަނީ އެންމެ ފަހުގެ ރަނަރަޕް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާއި، މުއިވެޔޮ ފްރެންޑްސްއެވެ.

މިއަދު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެމްއެސް މޭޓްސްއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، އެ ޓީމުން ލީޑު ނަގާފައިވަނީ މެޗު 14 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ނިޝާނެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން މުޙައްމަދު މައުސޫމް ވަނީ ލަނޑެއް ޖަހައި، އެމްއެސް މޭޓްސްގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، މެޗު ނިމެން ގާތްވެފައި ވަނިކޮށް އެމްއެސް މޭޓްސްއިން ވަނީ އިތުރު ތިން ލަނޑު ޖަހާފައެވެ. އެގޮތުން މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު ނިހާން ނަސީރެވެ.

އަދި އޭގެ މިނެޓެއް ފަހުން މެޗުގައި މޮޅު ކުޅުމެއް ދެއްކި ނިޝާން ވަނީ އެމްއެސް މޭޓްސްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި އެ ޓީމުގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖަހައިދިނީ މޫސާ ހަސަނެވެ.

40 އަހަރުން މަތީގެ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ބާއްވާ ވެޓެރަންސް ލީގު މި ފަހަރު ކުރިއަށްދަނީ 10 ޓީމުގެ މެދުގައެވެ. ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތުގެ ކުޅުން ކުރިއަށްދާއިރު، އެމްއެސް މޭޓްސް އާއި، ލެގޫންސް އާއި، މުއިވެޔޮ އަދި ދަ ގްރާންޑޭގެ އިތުރުން ގްރޫޕް ބީގައި ހިމެނެނީ ކުލަބު ސްޓެލްކޯއެވެ. އަދި ގްރޫޕް އޭގައި ހިމެނެނީ ހުއްރިއްޔާ ސްޕޯޓްސް ކުލަބާއި، ޕޮލިސް ކުލަބާއި، އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް ކުލަބާއި، ވިލިމާލެ ޔުނައިޓެޑް އަދި ދިވެހި ސިފައިންގެ ކުލަބެވެ.