ރާއްޖޭގައި ހަތަރު ސިންތެޓިކް ޓްރެކް ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ރާފިޢު މިހެން ވިދާޅުވީ ތުރުކީގެ ރަންތޯލިޔާ މެރެތަންގައި ވާދަކޮށް, މެރަތަން ރަނާސް މޯލްޑިވްސްގެ އެތުލީޓުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ހުކުރު ދުވަހުގެރޭ ބޭއްވި ހަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ މުބާރާތުގައި ރާއްޖޭގެ މެރަތަން ރަނާސް މޯލްޑިވްސްއިން ވަނީ ދެވަނަ ހޯދާފައެވެ. އަދި ފުލް މެރަތަންގެ ގައުމީ ރިކޯޑުވެސް މުގުރާލައި، ދިގު ދުވުމުގައި ރާއްޖޭގެ އެންމެ ކުރީ ސަފަށް ކުޅަދާނަ ދުވުންތެރިޔާ ޔޫސުފް އިބްރާހީމްވެސް ވަނީ ޖެހިލާފައެވެ.
އަނަތޯލީގައި ކުރިޔަށްދިޔަ މެރެތަންއިން އައިލެންޑް ރަނާސް މޯލްޑިވްސް އެތުލީޓުން ހޯދި ކާމިޔީބީ ފާހަގކުރުމަށް ބޭއްވި ހަފުލާގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ ބޭރުގެ މުބާރާތްތަކަށް ދާއިރު ރާއްޖޭގައި ހުރި ވަސީލަތްތައް އިތުރަށް ރަނގަޅު ކުރަންޖެހޭ ކަމަށެވެ. އަދި ހަމަ އެހެންމެ މިހާރު ހަލާކުވެފައިވާ ބައެއް ޓްރެކުތައް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެގޮތުން ރާއްޖާގައި ހަތަރު ސިންތެޓިކް ޓެރެކެއްގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް ވަނީ ވިދާޅުވެފައެވެ.
އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ރާއްޖޭގައި އެޅުމަށް ކުރީ ސަރުކާރުން މަސައްކަތްކުރި ހަތަރު ސިންތެޓިކް ޓްރެކުގެ މަސައްކަތް، މި ސަރަކާރުން ކުރިއަށްގެންދަން ނިންމައި، އެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ތުރުކީގެ ބޭއްވި މެރަތަންގެ ކާމިޔާބީ ފާހަގަކުރިއިރު، އެ މެރަތަންގައި ނަސްރުﷲ އަޙްމަދުވެސް ވަނީ ދުވެފައެވެ. މިއީ އޭނާގެ ކެރިއަރުގެ 95 ވަނަ މެރަތަންއެވެ. ރާއްޖޭގެ އެންމެ ގިނަ މެރަތަން ދުވުންތެރިޔާ ނަސްރު މިހާރު މަސައްކަތްކުރަމުން އަންނަނީ އޭނާގެ 100 ވަނަ މެރަތަން ފުރިހަމަކުރުމަށެވެ.