ޚަބަރު

ދިވެހީންނަށް ފުދޭ މިންވަރަށް ކާބޯތަކެތި އުފެއްދުމުގެ ބިޔަ މަޝްރޫޢެއް އުތުރު ތިލަފަޅުގައި ފަށަނީ


  • މި މަޝްރޫޢުއަށް 200 ހެކްޓަރުގެ ބިން އުތުރު ތިލަފަޅުން ހިއްކާނެ

  • ކާބޯތަކެތި އިމްޕޯޓަށް ބަރޯސާވުން ނިމުމަކަށް އަންނާނެ

  • ދެވަނަ މަރުހަލާގައި ޓޫރިޒަމް އިންޑަސްޓްރީއަށް ބޭނުންވާ ތަކެތިވެސް އުފައްދަން ފަށާނެ

  • އިޤްތިޞާދު ރަނގަޅުވެ ރައްޔިތުންގެ ފުދުންތެރިކަން އިތުރުވާނެ

ރާއްޖޭގައި އުފެއްދޭނެ ކާބޯތަކެތީގެ ހުރިހާ ބާވަތެއް ރާއްޖޭގައި އުފައްދައި، ކާބޯތަކެތީގެ ފުރިހަމަ ޔަޤީންކަން މި ފަސް އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ކަށަވަރުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިންގައި މާފަންނު ހުޅަނގު ދާއިރާގައި ބޭއްވި ޕީއެންސީގެ ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ދިވެހީން އަމިއްލައަށް ކުރެވެން ހުރި ކަންކަން އެހެން ޤައުމުތަކުގައި އެދިގެން ކުރުމާއި، އެހެން ޤައުމުތަކަށް ބަރޯސާވުމުގެ އާދަކާދަ ނިމުމަކަށް ގެންނަންޖެހޭކަމަށެވެ. ރައީސް ވިދާޅުވީ، އެކަންކަން ނިމުމަކަށް ގެނެވޭ މިންވަރަކުން މިނިވަން މުސްތަޤިއްލު ޤައުމެއްކަން ރައްޔިތުންނަށް އިޙްސާސްކުރެވެން ފަށާނެކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ދިވެހީންނަށް ނުކުރެވޭ ކަންކަމުގައި ބޭރުގެ އެހީ ހޯދަން ޖެހޭނެކަމަށާއި، އެހެންނަމަވެސް ދިވެހީންނަށް ކުރެވޭނެ ކަންކަމުގައި ދިވެހީން އިސްނަގަން ޖެހޭކަމަށް ވިދާޅުވިއެވެ.

ރައިސް ވިދާޅުވީ، ރާއްޖޭގައި އުފެއްދޭ ކާބޯތަކެތީގެ ބާވަތްތައް ރާއްޖެ އެތެރެކުރުމަށް މިލިއަނުން ޑޮލަރު ހޭދަކުރާކަމަށާއި، ޤައުމުގެ އިޤްތިޞާދު ރަނގަޅުކުރުމަށް އެތަކެތި ރާއްޖެ އެތެރެކުރުން ނިމުމަކަށް ގެނަންނެޖެހޭކަމަށެވެ. މިޤައުމުގައި އުފެއްދޭނެ ހުރިހާ ބާވަތެއްގެ ކާބޯތަކެތި، ދިވެހި ހުރިހާ ރައްޔިތުންނަށް ފުދޭ މިންވަރަށް އުފެއްދުމަށް މަސައްކަތް މިހާރު ފަށްޓަވާފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ފުޑް ސެކިއުރިޓީ ނުވަތަ ކާބޯތަކެތީގެ ޔަޤީންކަން މި ދައުރުގައި ފުރިހަމައަށް ޤާއިމްކުރައްވާނެކަމަށެވެ. އެކަމަށްޓަކައި އުތުރުތިލަފަޅުގައި ޚާއްޞަ ސަރަހައްދެއް ކަނޑައަޅުއްވާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އެކަމަށްޓަކައި އެގްރިކަލްޗަރ އިންޑަސްޓްރިއަލް ޒޯނެއް ޤާއިމްކުރުމަށް އުތުރު ތިލަފަޅު ހިއްކައިގެން ބިޔަ ބޮޑު މަޝްރޫޢުއެއް ފެށުމަށް މިވަނީ ތައްޔާރުވެފައި. 200 ހެކްޓަރުގެ ބިޔަ ބޮޑު ބިންހިއްކާ އަދި އެއާގުޅިގެން އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓާއެކީގަ ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް، އަދި ރާއްޖޭގެ ދަނޑުވެރިކަމުގެ މަސައްކަތް ހިންގާ، ރައްޔިތުން ދިރިއުޅޭ ރަށްރަށްވެސް ހިމަނައިގެން އުތުރާ ދެކުނުގެ މިކަހަލަ ބިން ހުރި ރަށްތަކުގަވެސް މި މަޝްރޫޢުގެ ބައިބައި ހިނގާނެ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިއީ ރާއްޖެއިން ބޭރަށް ކުރާ ހޭދަ ވަރަށް ބޮޑަށް މަދުކުރެވޭނެކަމެއްކަމަށެވެ. އަދި އެތަކެތި ރާއްޖެ އެތެރެކުރުން ނިމުމަކަށް ގެނެވުމުން ރާއްޖޭގެ އިޤްތިޞާދަށް ދިރުން އަންނާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދިވެހީންނަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި އުފެއްދުމުގެ މަސައްކަތް ކުރެވުމުން، ދެވަނަ މަރުހަލާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށްވެސް ފުދޭ މިންވަރަށް ކާބޯތަކެތީގެ ބާވަތްތައް އުފައްދާނެކަމަށެވެ. މިއީ ޤައުމުގެ މުސްތަޤްބަލަށް އެޅޭނެ މުހިންމު ބިންގަލެއްކަމަށް ރައީސް ސިފަކުރެއްވިއެވެ. މި މަސައްކަތްތަކާއެކު އެތައް ހާސް ވަޒީފާއެއް އުފެދި، އެތައް ރައްޔިތުންނެއްގެ ފުދުންތެރިކަންވެސް އިތުރުވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަޙައްދެއް ޤާއިމްކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީޒޯން ކުންފުނިން ޗައިނާގެ ހާބަރ އިންޖިނިއަރިންގް ކޮމްޕެނީ ލިމިޓެޑާއެކު ސަރުކާރުން މިހާރު ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.