ޚަބަރު

މިރޯދަމަހު ކާބޯތަކެތީގެ އަގު ނުއުފުލި، ހުސްނުވެ ލިބުނީ ދުރާލާ ސަރުކާރުން އެޅުއްވި ފިޔަވަޅުތަކުން!


  • ކޮންމެ ރޯދަމަހަކީވެސް އަސާސީ ކާބޯތަކެތީގެ އަގު އުފުލޭ މަގެއް

  • ނަމަވެސް މިފަހަރު ބާޒާރުގައި ތަކެތި ހުސްވުމުގެ ކަންބޮޑުވުމެއް ނެތް

  • ރޯދަމަސް ފެށުނުފަހު ތަކެތީގެ އަގުތައް އަންނަނީ ދަށްވަމުން

މި ރަމަޟާންމަހަށް ބޭނުންވާ އަސާސީ ކާބޯތަކެތި ހުސްނުވެ ލިބެމުންދަނީ އަދި އަގުތައް އުފުލިގެން ނުދިޔައީ ދުރާލާ ކުރެއްވި މަސައްކަތުގެ ނަތީޖާއިންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައެވެ.

ކޮންމެ އަހަރެއްގެ ރަމަޟާންމަހަކީވެސް އެމަހަށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ އަގުތައް އުފުލިގެންދާ މަހެކެވެ. އަދި ބައެއް ތަކެތި ހުސްވުމުގެ ކަންބޮޑުވުމާވެސް ކުރިމަތިލާންޖެހޭ މަހެކެވެ. އެގޮތުން ފިޔާ ބިސް އަލުވި ފަދަ އަސާސީ ބައެއް ތަކެތި ބާޒާރުން ހުސްވުމާއި މިރުހާއި އެނޫންވެސް ބައެއް ބާވަތްތަކުގެ އަގުތައް އުފުލިގެންދިއުމަކީ ކޮންމެ ރަމަޟާންމަހެއްގެވެސް އާންމުންގެ ކަންބޮޑުވުމެކެވެ.

ނަމަވެސް މި ހިނގަމުންދާ ރަމަޟާންމަހު އަސާސީ ކާބޯތަކެތީގެ ބާވަތްތައް ހުސްނުވެ ދަނީ ލިބެމުންނެވެ. އަދި ރަމަޟާން މަސް ފެށުނުއިރު ހުރި އަގުތަކަށްވުރެ ބޮޑަށް ގިނަ ކާބޯތަކެތީގެ އަގު އަންނަނީ ދަށްވަމުންނެވެ. މިގޮތުން ކަރާ އަދި މިރުސްފަދަ ބައެއް ތަކެތީގެ އަގުތައް އަންނަނީ ދަށްވަމުންނެވެ. އަގު ދަށްވުމަށް ދިމާވި މައިގަނޑު ސަބަބަކީ ބާޒާރަަށް ބޭނުންވާ ސަޕްލައިތައް އިތުރުކުރުމެވެ.

މިކަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރަމަޟާން މަސް ފެށުމުގެ ކުރިން ކާބޯތަކެތީގެ އަގުތައް އުފުލިގެން ނުދިއުމަށާއި، ހުސްވެގެން ނުދާނެހެން މަސައްކަތްތައް ފެށްޓެވިކަމަށެވެ. އެގޮތުން ކަމާބެހޭ ފަރާތްތަކާއި ވިޔަފާރިވެރިންނާއި ގުޅިގެން މަސައްކަތްތަކެއް ކުރެވުނުކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ރަމަޟާންމަހުގެ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ތަކެތީގެ އަގު އުފުލިގެން ނުދާނެހެން މަސައްކަތްތައް ރާއްވަވާ މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ.

"އިރާދަކުރެއްވީތީ މިފަހަރު އަޅުގަނޑުމެންނަށް ފާހަގަވެގެންދަނީ ތަކެތި ހުސްވެގެން އުޅޭކަށް ނުޖެހޭކަން. އަދި އަގުތައްވެސް ބޮޑުވެގެން ނުދާކަން. އެއީ އަޅުގަނޑުމެން ހާސިލްކުރަން ބޭނުންވި އަމާޒު. ރަމަޟާންމަހު ރައްޔިތުންނަށް ލުއިފަސޭހަކޮށް ކާބޯތަކެތިީގެ ކަންކަން ހަމަޖައްސައިދިނުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރަމަޟާންމަގަށް ޚާއްސަކޮށްގެން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއިން ބައެއް ތަކެތި ގެނެސް ދަނީ ވިއްކަމުންނެވެ. ކޮންމެ އަހަރަކުވެސް ރޯދަމަހާއި ދިމާކޮށް ރައްޔިތުންނަށް ފަސޭހަކޮށްދިނުމަަށް އެސްޓީއޯއިން ފިޔާ، އަލުވި އަދި ބިހުގެ ޝިޕްމަންޓްތައް ރާއްޖެއިން ބޭރުން ގެނެސް، ރާއްޖޭގެ ބާޒާރުގައި ހޯލް ސޭލް އަދި ރީޓެއިލްކޮށް ވިއްކައެވެ.

އާއްމުކޮށް ކެއިންބުއިމަށް ބޭނުންކުރާ ބާވަތްތައް ރަމަޟާންމަހު ހެޔޮ އަގެއްގައި ލިބޭނެކަން ކަށަވަރުކުރައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން ދެއްވާފައެވެ. މިގޮތުން އަސާސީ ކާބޯތަކެތީގެ ލިސްޓެއް އިކޮނޮމިކް މިނިސްޓްރީން ވަނީ އެކުލަވާލާފައެވެ. އަދި އެތަކެތި ރާއްޖޭގެ މާކެޓުގައި ހުރިކަން ކަށަވަރުކުރުމާއި އަގުތައް މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ މަސައްކަތް އެސްޓީއޯއާ ގުޅިގެން ދަނީ ކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމުގެ މަސައްކަތާއެކު، ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު އަދި އަސާސީ ކަންކަމަށް އިސްކަންދެއްވައިގެން އެ މަސައްކަތްތައް ކުރިއަށް ގެންދަވަމުންނެވެ. އަދި މި ރަމަޟާންމަހު ރައްޔިތުންނަށް ވީހާވެސް ލުއިވާނެ ސިޔާސަތުތައް ދަނީ ތަންފީޒްކުރައްވަމުންނެވެ.


އެގޮތުން ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ، އިސްލާމީ އުސޫލުތައް ގާއިމުކުރުމާއި، ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުޞަތު ރައްޔިތުންނަށް ދިނުމުގެ ގޮތުންނެވެ. މީގެ އިތުރުން މިރަމަޟާން މަހު ކޮންމެ ގޭބިސީއަކަށް ކާޑު ބާވަތްތައް ދިނުމަށް ނިންމަވާ ކާޑު ބެހުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

މީގެ އިތުރުން ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ އެއްކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަޢާފްކޮށްދެއްވާފައެވެ.