ދުނިޔެ

ބައިނަލްއަގްވާމީ އަމަނާބެހޭ މަހާސިންތާއެއް ރަޝިޔާގައި ފަށައިފި


ދުނިޔޭގެ ދިހަ ގައުމެއްގެ ދިފާއީ ވަޒީރުން ބައިވެރިވެ ވަޑައިގަންނަވާ ބައިނަލްއަގްވާމީ އަމަނާބެހޭ މަހާސިންތާއެއް ރަޝިޔާގެ ވެރިރަށް މޮސްކޯގައި ފަށައިފިއެވެ. 

"ފިފްތު މޮސްކޯ ކޮންފަރެންސް އޮން އިންޓަނޭޝަނަލް ސެކިއުރިޓީ" ގެ ނަމުން ނަންދީފައިވާ މި މަހާސިންތާގެ އެޖެންޑާގައި މައިގަނޑު ގޮތެއްގައި ހިމަނާފައިވަނީ ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމަ އިތުރަށް ހަރުދަނާ ކުރުމާބެހޭގޮތުންނެވެ. މި މަހާސިންތާގައި ވާހަކަ ދައްކަވަމުން ރަޝިޔާގެ ދިފާއީ ވަޒީރު ސަރްގެއީ ޝޮއިގު ވިދާޅުވީ ޓެރަރިސްޓް ޖަމާއަތްތަކުން އެމީހުންގެ ވިއުގަ މެދުއިރުމައްޗާއި ޔޫރަޕާއި އެފްރިކާއިން މެދުތެރޭ އޭޝިޔާއަށާއި ފެސިފިކް ސަރަހައްދަށް ފުޅާކުރަން މަސައްކަތްކުރާ ކަމަށެވެ. 

ޝޮއިގު ވިދާޅުވީ ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައިން ޓެރަރިސްޓް ޙަރަކާތްތައް ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވުނު ނަމަވެސް ޓެރަރިޒަމް ބަލިކުރެވިފައިނުވާ ކަމަށާ އަދި ޓެރަރިސްޓް ޖަމާއަތްތައް ނައްތާލެވިފައިވެސް ނުވާކަމަށެވެ. 

ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުމަށްޓަކައި ބައިނަލްއަގްވާމީ އިއްތިޙާދެއް އުފެއްދުމަށް ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕޫޓިން ގޮވާލައްވާފައިވާ ގޮވާލެއްވުމަށް ބާރުއަޅުއްވައި ރަޝިޔާގެ ދިފާއީ ވަޒީރު ވާހަކަ ދެއްކެވިއެވެ. އަދި މިފަދަ އިއްތިޙާދެއްގެ ބޭނުމަކީ ދުނިޔޭގެ ގައުމުތަކުން ޓެރަރިޒަމާ ދެކޮޅަށް މިހާރަށްވުރެވެސް ބޮޑަށް ގުޅިގެން މަސައްކަތްކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.