ޚަބަރު

"އިސްލާމްދީނުގެ ޢަޤީދާ ހިތުގައި ވަރުގަދައަށް އަށަގެންފިނަމަ، ދެންހުރި ހުރިހާކަމެއް ފަސޭހަވާނެ"


  • މިއަދުގެ ހުކުރު ޚުތުބާގެ މަޢުޟޫޢަކީ "ކާމިޔާބީތަކެއްގެ މައްސަރު"

  • ރަމަޟާން މަހުގައި މާތް اللهُ އިސްލާމީ އުއްމަތަށް ގިނަގުނަ ކަމިޔާބީތަކެއް ދެއްވާފައިވޭ

  • މުޅި ޢުމުރުގައި ކޮށްފައިވާ ފާފައިން ޠާހިރުވުމުގެ ފުރުޞަތު ލިބިގެންދޭ

ބަދުރު ހަނގުރާމައިން ލިބޭ އެއް ފިލާވަޅަކީ އިސްލާމްދީނުގެ ޢަޤީދާ ހިތުގައި ވަރުގަދައަށް އަށަގެންފިނަމަ، އެމީހަކަށް ދެންހުރި ހުރިހާކަމެއް ފަސޭހަވެގެންދާނެ ކަން ކަމަށް މިއަދު ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ. މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ "ކާމިޔާބީތަކެއްގެ މައްސަރު” މިމަޢުޟޫއަށެވެ.

ޚުޠުބާގައި ވިދާޅުވީ ރަމަޟާން މަހަކީ ބަރަކާތުން ފުރިގެންވާ މައްސަރެއްކަމަށާއި މިމަހު މާތް اللهُ އިސްލާމީ އުއްމަތަށް ގިނަގުނަ ކާމިޔާބީތަކެއް ދެއްވާފައިވާކަމަށެވެ. އޭގެ ތެރެއިން އެއް ކާމިޔާބީއަކީ، ބަދުރު ހަނގުރާމައިގައި މުސްލިމުންނަށް ދެއްވި ނަޞްރެވެ. މިހަނގުރާމައިން ލިބޭ ފިލާވަޅުތަކަށް އަލިއަޅުވާލަމުން ޚުތުބާގައި ވިދާޅުވީ، މިހަނގުރާމައިން ލިބޭ އެއް ފިލާވަޅަކީ ޢަދުލުވެރިކަމުގެ ފިލާވަޅުކަމަށާއި، މާތް ރަސޫލާ އެހެން ބައެއްގެ މައްޗަށް ޢަދުލުވެރިކަން ހިންގެވުމުގެ ކުރިން ޚުދު އެކަލޭގެފާނުގެ ނަފުސުގެ މައްޗަށް ޢަދުލުވެރިކަން އިސްކުރެއްވިކަމަށެވެ.

މި ހަނގުރާމައިން ލިބޭ އަނެއް ފިލާވަޅަކީ އިސްލާމްދީނުގެ ޢަޤީދާ ހިތުގައި ވަރުގަދައަށް އަށަގެންފިނަމަ، އެމީހަކަށް ދެންހުރި ހުރިހާކަމެއް ފަސޭހަވާނެކަން ކަމަށް ޙުޠުބާގައި ވިދާޅުވިއެވެ. ބަދުރު ހަނގުރާމައިގައި ބަފައިން ދަރިންނާ، ދަރިން ބަފައިންނާ އަޚުން އަޚުންނާ، ގާތްތިމާގެ މީހުން ގާތްތިމާގެ މީހުންނާ އަދި ރައްޓެހިން ރައްޓެހިންނާ، ހަނގުރާމަ ކުރިއެވެ.

މިއަދުވެސް ދުނިޔޭގެ ކަންކޮޅުތަކުގައި މުސްލިމުންގެ މިފަދަ މިސާލުތައް ފެންނާން އެބަހުރި ކަމަށް ޙުޠުބާގައި ވިދާޅުވިއެވެ.

"ފަލަސްޠީނުގައި ހިނގަމުންދާ ހަނގުރާމައިގައިވެސް އެބައިމީހުންގެ ހިތްވަރާއި ޢަޒުމުގެ ވަރުގަދަކަން ނިކަން ދެކޭށެވެ! ހެއްދެވިފަރާތަށް އޮތް އިތުބާރުގެ ބޮޑުކަން ދެކި އެކަންކަމުން ޢިބުރަތް ލިބިގަންނާށެވެ! މުސްލިމުންގެ މޮޓޯ އަކީ ހަމަ އެއް މޮޓޯ އެކެވެ! "މާތް اللهُ ގެ މަގުގައި ޝަހީދުވުން، ނުވަތަ ނަޞްރު ލިބުމެވެ." ޙުޠުބާގައި ވިދާޅުވިއެވެ.

ޚުޠުބާގައި ވިދާޅުވީ މިމައްސަރުގައި ދެއްވާފައިވާ އަނެއް ކާމިޔާބީއަކީ މީހާގެ މުޅި ޢުމުރުގައި ކޮށްފައިވާ ފާފައިން ޠާހިރުވުމުގެ ފުރުޞަތު ލިބިގެން ދިޔުން ކަމަށެވެ.

އެއީ ލައިލަތުލް ޤަދުރި ވިލޭރޭގެ މަތިވެރި ފުރުޞަތު ކަމަށާއި، އެރޭގެ ހެޔޮކަން އެއްހާސް މައްސަރުގައި ކޮށްފައިވާ ހެޔޮކަމަށްވުރެ ބޮޑުކަން ޚުޠުބާގައިވަނީ ހަނދާންކޮށްދީފައެވެ.

"މުސްލިމް އަޚުންނޭވެ! ބަރަކާތުން ފުރިފައިވާ ދުވަސްތައް ފެށުނުތާ އަދި މާގިނަ ދުވަސްތަކެއް ވީހެނެއް ހިޔެއް ނުވެއެވެ. މިހާރު މިވަނީ ނިމުމަކާ ގާތްވެފައެވެ. އަހަރުގެ ތެރޭގައި އަންނަ އެންމެ މާތް ރޭގެ ދަރުމަ ލިބޭތޯ ރޭ އަޅުކަން އިތުރު ކުރުމަށް މަސައްކަތް ކުރާށެވެ! މާތް ރަސޫލާ އާއި އެކަލޭގެފާނުގެ އަހުލުބައިތުންވެސް ރޭއަޅުކަމަށް ނަންގަވައެވެ. ފަހުދިހައިގާ އިހުނަށް ވުރެ ބޮޑަށް ހީވާގިވެ ވަޑައިގަންނަވައެވެ. އިޢުތިކާފަށް އިންނަވައެވެ." ޚުޠުބާގައި ވިދާޅުވިއެވެ.

ޙުޠުބާގައި ވަނީ އެނބުރި ރުޖޫޢަވާންޖެހޭ ދުވަހުގެ ދަތުރަށް ލިބިގެންވާ އެންމެ ރަނގަޅު ކޮއްތަކީ ތަޤްވާވެރިކަންކަމަށާއި ތަޤްވާވެރިވުމަށް އަވަސްވުމަށް ނަސޭހަތްތެރިވެފައެވެ.