ޚަބަރު

ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ބޭއްވުން މުހިންމު: ސާޖިދާ


  • ތުއްތުކުދިންގެ ހިތްތަކުގައި އިސްލާމްދީނުގެ ރިވެތި އުޞޫލުތައް އަށަގެންނެވުމަށް ބާރުއެޅުއްވި

  • ރަމަޟާންމަހުގެ ތެރޭގައި ޤުރުއާން މުބާރާތްތައް ބޭއްވުމުގެ މުހިންމުކަން ފާހަގަކުރެއްވި

ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޚާއްޞަކޮށް ރަމަޟާންމަހުގައި ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިހެން ވިދާޅުވީ މަރްޙޫމް އިބްތިޙާލްގެ ހަނދާނުގައި ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީ (ކެޕްސް)ގެ ފަރާތުން ބޭއްވި ޤުރުއާން މުބާރާތް 1445ގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި އެކަމަނާ ވަނީ ކެޕްސްއިން އިންތިޒާމުކޮށްގެން މިފަދަ މުބާރާތެއް ކުރިޔަށްގެންގޮސްފައިވާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ. އަދި މިފަދަ ކަންކަމަކީ ތުއްތުކުދިންގެ ހިތްތަކުގައި އިސްލާމްދީނުގެ ރިވެތި އުސޫލުތައް އަށަގެންނެވުމަށްޓަކައިވެސް މުހިންމުކަމެއްކަމުގައި އެކަމަނާ ވިދާޅުވިއެވެ.

މި ޖަލްސާގައި މި މުބާރާތުން 1 ވަނަ 2 ވަނަ އަދި 3 ވަނައަށް ހޮވިފައިވާ ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިއުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

ޖުމްލަ 53 ދަރިވަރުން ބައިވެރިވެފައިވާ މި މުބާރާތަކީ ވިލިމާލޭގެ ދަރިވަރުންނަށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔަ މުބާރާތެކެވެ. އަދި މި މުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ ޖުމްލަ ހަތަރު އުމުރު ފުރާއަކަށް ބަހާލައިގެން އަދި ޚާއްޞަ ކެޓަގަރީއެއްގެ ގޮތުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް ފުރުޞަތު ހުޅުވާލައިގެންނެވެ.