ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ދެވަނަ މުބާރާތް ކަމަށްވާ އޮފީސް ޓޭޕްބޯލްގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ، ފައިނަލުގެ ފަހު ޖާގަ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހޯދައިފިއެވެ.
މި ފަހަރުގެ އޮފީސް މުބާރާތުގައި އަށް ޓީމެއް ބައިވެރިވެފައިވާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕަކުންވެސް އެއްވަނަ ހޯދާ ޓީމެއް ފައިނަލަށް ދަތުރުކުރާއިރު، މީރާއިން ވަނީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ގްރޫޕް ބީގެ އެއްވަނަ ހޯދާފައެވެ. ދެވަނައިގައި ނިންމި ރައީސް އޮފީހަށް ހަ ޕޮއިންޓް ލިބުނުއިރު، ތިންވަނައަށް ދިޔަ މިނިސްޓްރީ އޮފް ޓްރާންސްޕޯޓްސް އެންޑް ސިވިލް އޭވިއޭޝަނަށް ލިބުނީ ތިން ޕޮއިންޓެވެ. އަދި ފުލުގައި ނިންމި މޯލްޑިވްސް އިމިގްރޭޝަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި އިއްޔެ ހަވީރު ގްރޫޕް ބީގެ ފަހު މެޗުތައް ކުޅުނުއިރު، މީރާއިން ވަނީ އިމިގްރޭޝަނާ ބައްދަލުކޮށް 43 ލަނޑުން މޮޅުވެފައެވެ.
މި މެޗުގެ ގުރުދިމާވުމުން މީރާ އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ދެ ކުޅުންތެރިން ނުބައިވެގެން ވަނީ 112 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 13 ބޯޅައިން 35 ލަނޑު ހެދި އެމްޑީ ޔާސީން އަލީ އާއި، 11 ބޯޅައިން 25 ލަނޑު އެއްކުރި މުޙައްމަދު ޖިނާހް އަލީއެވެ. ޖަވާބުގައި އިމިގްރޭޝަން ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 69 ލަނޑެވެ.
މީގެ އިތުރުން އިއްޔެ ކުޅުނު އަނެއް މެޗުން ރައީސް އޮފީސް މޮޅުވީ ޓްރާންސްޕޯޓްސް މިނިސްޓްރީ އަތުން 18 ލަނޑުންނެވެ.
މި މެޗުގެ ގުރުދިމާވުމުން ޓްރާންސްޕޯޓްސް މިނިސްޓްރީ ނިންމީ ހޮވުމަށެވެ. އެއާއެކު ރައީސް އޮފީސް އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ދެ ކުޅުންތެރިން ނުބައިވެގެން ވަނީ 136 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 11 ބޯޅައިން 36 ލަނޑު ހެދި މުޙައްމަދު ޝަހީލް އާއި، ނުބައިނުވެ 18 ބޯޅައިން 30 ލަނޑު އެއްކުރި މެހެންދްރަން ރާޖޫއެވެ.
ޖަވާބުގައި ޓްރާންސްޕޯޓްސް މިނިސްޓްރީ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު އެއްވެސް ކުޅުންތެރިއަކު ނުބައިނުވެ ހެދުނީ 118 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 18 ބޯޅައިން 36 ލަނޑު ހެދި މުޙައްމަދު އަފްލާހު އާއި، 19 ބޯޅައިން 31 ލަނޑު އެއްކުރި އިބްރާހީމް ޔާސިރެވެ.
މި މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ މީރާއިން ހޯދިއިރު، ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ފައިނަލުގެ ފުރަތަމަ ޖާގަ ހޯދީ ކަސްޓަމްސް ރެކްރިއޭޝަން ކުލަބެވެ. މި ދެ ޓީމު ބައްދަލުކުރާ ފައިނަލް މެޗު ކުޅޭނީ މިއަދު ހަވީރެވެ.